ކެފޭއެއްގެ ބަދިގެ ތެރޭގައި ދެ ބިދޭސީއެއްގެ މެދުގައި ހިނގި މާރާމާރީގެ މައްސަލައިގައި ހައްޔަރު ކުރި މީހާ ތަހުގީގު ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހު މާވެޔޮ މަގުގައި ހުރި ކެފޭއެއްގެ ބަދިގޭގައި ދެ ބިދޭސީންގެ މެދުގައި ހިނގި މާރާމާރީގެ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ދައުރުވިއެވެ. ފުލުހުން ބުނި ގޮތުގައި ހަމަނުޖެހުން ހިނގީ އެ ކެފޭ ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރާ ނޭޕާލް މީހަކާއި އަތްގާތްކޮށްދޭން މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއްގެ މެދުގައެވެ.
ހާދިސާގައި ދެ މީހުންނަށް ވެސް އަނިޔާތައް ލިބުނުއިރު، އެތަނުން އެކެއްގެ ހާލު ސީރިއަސްއެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބިދޭސީންގެ މެދުގައި މާރާމާރީ ހިންގައި ހަމަލާދޭން ތޫނު އެއްޗެއް ބޭނުންކޮށްފައި ވެއެވެ. އަދި މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި މިވަގުތު ހުރީ އުމުރުން 24 އަހަރުގެ ނޭޕާލް ފިރިހެނެކެވެ. ދެވަނަ މީހާއަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައެވެ.
މައްސަލައިގެ ކޯޓު އަމުރުގައި ވަނީ، ބިދޭސީ މީހާގެ މައްޗަށް ކުރާ ތުހުމަތަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާކަމަށެވެ.
ކޯޓު އަމުރުގައި ވަނީ ނޭޕާލް މީހާ ހައްޔަރުކޮށްފައި ވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ރިއާޔަތްކޮށް ކަމަށެވެ. އަދި އޭނާ ބަންދުން ދޫކޮށްފި ނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލެވޭކަމަށް ވެއެވެ.
މި ހާދިސާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި،ް ހަމަލާ ދީފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެންނެވެ. އަދި ދެ މީހުންގެ ގަމީހުގައި ވެސް ގިނަ އަދަދެއްގެ ލޭ ހުއްޓެވެ.

