އައްޑޫސިޓީ ހިތަދޫގައި މީހަކު ބަނދެ އެމީހާއަށް އަނިޔާކުރި މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
އެކަމާ ގުޅިގެން ދިވެހި ފުލުހުން ބުނީ، 2025 ފެބްރުއަރީ 11 ވަނަ ދުވަހު ދަންވަރު 01:35 ހާއިރު ސ ހިތަދޫ މައިލޯ ދަނޑު ސަރަޙައްދުގައި ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް އެ ސަރަޙައްދުގައި ތިބި ބަޔަކު ދުވެ ފިލަން މަސައްކަތް ކުރި ތަން ފެނިފައިވާ ކަމަށެވެ. އެހެންވެ ފުލުހުން އިތުރަށް ބެލި ބެލުމުން އެ ސަރަޙައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ، އެމީހާގެ ބޮލުން ބައެއް ބާލައި އަނިޔާކޮށްފައި ހުއްޓައި ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން އަނިޔާކޮށްފައި ހުއްޓައި ފެނިފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެށިން 4 މީހަކާއި، 15 އަހަރުގެ ކުއްޖަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއީ ސ ހިތަދޫ ވިޝަންޑްރީމް ސަމާޙު ތައުފީޤް، ސ ހިތަދޫ ގްރޭސް މުޙައްމަދު ޔައީޝް އާޒާދު، ސ ހިތަދޫ ނޫތަރި އަޝްރަފް މުޙައްމަދު އަދި ސ ހިތަދޫ މެރީގާޑަން އަލީ މާޒިން ޙަސަންގެ އިތުރުން ކުޑަ ކުއްޖެކެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ސަމާހު އަދި އަޝްރަފް 15 ދުވަހަށް ބަންދުކޮށް، ދެން ތިބި ދެމީހުން 7 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އަދި މި މައްސަލައިގައި ގެނައި 15 އަހަރުގެ ކުޑަކުއްޖާ ކޯޓަށް ހާޒިރުނުކޮށް، އެ ކުއްޖާ އާއިލާއާ ވަނީ ޙަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

