ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމްގެ އަތުން ފެނުނު ފައިސާތައް ހުރީ ބާލީހުގެ އުރަތެރޭގައި!

ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަންގެ މަރުގެ މައްސަލާގައި، އޭނާ މަރާލި ކަމަށް ތުހުމަތުކުރެވޭ، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ނިޒާމްގެ މައްޗަށް އުުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، ވައްކަމުގެ ކުށުގެ ދައުވާ އަދި ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

ބުދަ ދުވަހުގެ މި އަޑުއެހުމުގައި އޮތީ މައްސަލައިގެ ހެކިބަސް ނަގަން ފެށުމެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުޙައްމަދު މިސްބާޙުއެވެ.

މި އަޑުއެހުމުގައި ހާޒިރުވި ހެކިވެރިޔާއަކީ މި މައްސަލައިގެ ސީން އޮފް ކްރައިމް ރިޕޯޓަކާ ގުޅޭގޮތުން ހެކިބަސް ދިނުމަށް ހާޒިރުވި އޮފިސަރެކެވެ. އޭނާ ބަލައި ފާސްކޮށްފައިވަނީ މި މައްސަލައިގައި ދައުވާލިބޭ ނިޒާމް މާލޭގައި މަޑުކޮށްގެން ހުރި ގެސްޓްހައުސްއެވެ. ހެކިވެރިޔާ ކިޔާދިން ގޮތުގައި އޭނާ ވަނީ އެ ސީންގެ ފޮޓޯ ނަގާފައެވެ.

ދެން ހާޒިރުވި ހެކިވެރިޔާއަކީވެސް ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ އޮފިސަރެކެވެ. އޭނާ ކިޔާދިން ގޮތުގައި ގެސްޓްހައުސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ހުސްކޮށްފައިވާ ޕެކެޓެއް ފެނިފައިވެއެވެ. އަދި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި އިތުރު ޕެކެޓަކާއި ފައިސާވެސް ފެނިފައިވެއެވެ.

އެތަކެއްޗަކީ ނިޒާމްގެ ތަކެތިކަމަށް އެވަގުތު ނިޒާމް އިއުތިރާފުވި ކަމަށްވެސް އެ ހެކިވެރިޔާ ކިޔާދިނެވެ. ހެކިވެރިޔާ ކިޔާދިން ގޮތުގައި 500 ގެ ނޫޓުގެ އެ ފައިސާތައް ހުރީ ބާލީސްތަކުގެ އުރަ ތެރޭގައެވެ.

ތިންވަނައަށް ހާޒިރުކުރި ހެކިވެރިޔާއަކީ މި މައްސަލައިގެ ކްރައިމް ސީން އޮފިސަރސް ރިޕޯޓަކާއި ގުޅިގެން ހާޒިރުކުރި ހެކިވެރިއެކެވެ. އެއީ މި މައްސަލައިގައި ހިމެނޭ ދޯންޏާ ގުޅޭ ރިޕޯޓެއް ތައްޔާރުކުރި އޮފިސަރެވެ. އެގޮތުން ދޫނިދޫ ފަޅު ތެރޭގައި އެ ދޯނި އޮއްވައި އޭނާ ވަނީ ދޯންޏަށް ގޮސް ރިޕޯޓަށް ބޭނުންވާ ފޮޓޯ ނަގާފައެވެ.

ދެން ހާޒިރުކުރި ހެކިވެރިޔާއަކީ ފުލުހުންގެ މެރިން އޮޕަރޭޝަންސްގައި މަސައްކަތް ކުރާ އޮފިސަރެކެވެ. އޭނާއަކީ މި މައްސަލައިގައި ހިމެނޭ ދޯނި އޮޔާދާތީ އެ ދޯނި ކަފު ޖަހައިގެން ބޭރު ކުރަން މަސައްކަތް ކުރަނިކޮށް އެތަނަށް ދިޔަ ފަރާތެކެވެ. އެއީ ތެޔޮ އުފުލުމަށް ތައްޔާރުކޮށްފައިވާ އުޅަނދެއްކަމަށްވެސް އޭނާ ކިޔާދިނެވެ.

ލިޓަން އެންމެ ފަހުން ދިރިހުއްޓައި ފެނިފައިވަނީ ނިޒާމްއާއެކު ކަމަށްވާތީ މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ”ދި ލާސްޓް ސީން ތިއަރީ“ ގެ މައްޗަށް ބިނާކޮށެވެ.

އޭނާ ނިޒާމްއާއެކު ފުރައިގެން ދިޔަ މަންޒަރު ފެނުނުކަމަށް ބުނާ ހެކިވެރިން ދައުލަތުން މި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އެކަން އެ ހެކިވެރިން ވަނީ ތަހުގީގަށްވެސް ކިޔާދީފައެވެ. އަދި ސީސީޓީވީ ފުޓޭޖުންވެސް ބަނދަރު ސަރަޙައްދުން ލިޓަން ފެންނަ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެހެންނަމަވެސް އޭގެ ފަހުން ދޯނީގެ ޚަބަރެއް ނުވެގެން އުޅެނިކޮށް ދޯނީގެ ވެރިފަރާތަށްވެސް މައުލޫމާތު ލިބިފައިވަނީ ދޯނި އޮޔާ ދަނިކޮށް ފެނިފައިވާ ކަމަށެވެ. އޭގެ ފަހުން ލިޓަންއާއި ނިޒާމު ހޯދަމުން ދަނިކޮށް ނިޒާމް ފެނިފައިވަނީ މާލެއިންނެވެ.

މި މައްސަލައިގައި ލިޓަން މަރާލިކަން ފިޔަވައި ދައުވާގެ ހުރިހާ ވާގިއާއަކަށް ނިޒާމް ތަހުގީގުގައި އިޤުރާރުވެފައިވާކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެގޮތުން ލިޓަން މޫދަށް ވައްޓާލިކަމާއި، ލިޓަންގެ ގިނަ އަދަދެއްގެ ފައިސާ ނެގިކަމަށްވެސް އޭނާ އެއްބަސްވެ ތަހުގީގަށް އެކަން ކިޔާދީފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އޭރު އޭނާ ތަހުގީގަށް ކިޔާދިން ގޮތުގައި  އެ ފައިސާއިން އޭނާ ވަނީ މަސްތުވާތަކެތި ގަނެފައެވެ.

އެހެންކަމުން ދައުލަތުން ވަނީ އޭނާ ލިޓަން މޫދަށް ކޮއްޕާލާފައިވާކަމަށް ތުހުމަތު ކުރެވޭކަމަށް ބުނެފައެވެ. އަދި މޫދަށް ވައްޓާލުމަށްފަހު، ދޯނީގައި ހުރި 51،000 ރުފިޔާ ވަގަށް ނަގާފައިވާކަމަށް އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައިވެއެވެ

މި މައްސަލައިގައި އިފްތިތާޙީ ބަޔާން ހުށަހެޅުއްވިއިރު ދިފާއީ ވަކީލު ވިދާޅުވީ، އެ ދުވަހު ލިޓަންއާއެކު ދޯނީގައި ދަތުރު ކުރިކަމަށް ނިޒާމް އިންކާރު ނުކުރާ ކަމަށާއި، ނިޒާމް ވަކިން އެނބުރި އައީ އޭނާ އަވަހަށް މާލެ އަންނަންޖެހޭތީ ކަމަށެވެ. ފަހުން ލިޓަން ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބުމުން ނިޒާމް އަމިއްލައަށް ފުލުހަށް ހާޒިރުވެ މައުލޫމާތު ދީފައިވާކަމަށްވެސް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، ނިޒާމް ތަހުގީގުގައި އިއުތިރާފުވިކަމަށް ދައުލަތުން ބުނި ވާހަކައަށް ރައްދު ދެއްވައި އޭނާގެ ވަކީލު ވިދާޅުވީ، ނިޒާމް އިއުތިރާފުވެ ވާހަކަ ދައްކަން ޖެހުނީ ފުލުހުން އެކި ގޮތްގޮތަށް ބިރު ދެއްކުމުގެ ސަބަބުން މަޖުބޫރުވެގެން ކަމަށެވެ. އެގޮތުން ”އެއްބަސްނުވެއްޖެ ނަމަ ވާނެގޮތް އެނގޭނެ“ ފަދަ އިބާރަތްތައް އެވަގުތު ތަހުގީގު އޮފިސަރުން ބޭނުން ކުރެއްވިކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: