ނިމިދިޔަ 2024 ވަނަ އަހަރު މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 20 މީހަކު އުމުރަށް ޖަލަށްލާން ޙުކުމްކުރިކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
ކްރިމިނަލް ކޯޓުން ވަނީ އެ ކޯޓުގެ ނިމިދިޔަ އަހަރުގެ ބައެއް ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ. އެގޮތުން 2024 ވަނަ އަހަރު މަސްތުވާތަކެތީގެ ޖުމުލަ 137 މައްސަލައިގައި ގޮތް ނިންމާފައިވެއެވެ.
އޭގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރިކަމަށް ޝަރީއަތުގައި އިއުތިރާފުވުމުން ފަރުވާގެ ފުރުސަތު ދިނުމަށް ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައިވާ މައްސަލަތަކާއި، ދައުވާ މުރާޖައާ ކުރުމަށްފަހު ކުރިއަށް ނުގެންދިއުމަށް ނިންމައި އަނބުރާ ގެންގޮސްފައިވާ ދައުވާތަކުގެ މައްސަލަތައް ހިމެނެއެވެ.
ކްރިމިނަލް ކޯޓުން މައުލޫމާތު ދޭ ގޮތުގައި ނިމިދިޔަ އަހަރު މައުޟޫއީ ގޮތުން އެ ކޯޓުން ބަލައި ޙުކުމްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ސާބިތުނުވާކަމަށް ޙުކުމްކޮށްފައިވަނީ 7 މައްސަލައިގައެވެ. އެހެންކަމުން ކޯޓުން ޙުކުމްކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 95 އިންސައްތައަށްވުރެ ގިނަ މައްސަލަތަކަކީ ސާބިތުވެގެން ނިންމާފައިވާ މައްސަލަތަކެވެ.
އޭގެ އިތުރުން، މިދިޔަ އަހަރު މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެ ޖުމުލަ 20 މީހަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ. އަދި މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 7 މީހަކު 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށް ލުމަށް ކޯޓުން ޙުކުމްކޮށްފައިވެއެވެ.
މި މައްސަލަތަކާއި ގުޅިގެން 10،200،000 (ދިހަމިލިއަން ދެލައްކަ) ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދެއްކުމަށްވެސް ޝަރީއަތުން ޙުކުމްކޮށްފައިވެއެވެ.

