ހަޔާތް ތަހްރީރް އަލް ޝާމް ޖަމާއަތަށް ސީރިޔާ އެއްބައިވަންތަ ގައުމަކަށް ހެދުމަށް އިތުބާރު ނުކުރެވޭނެކަމަށް ފާޑުކިޔަމުންދިއުމާއި ގުޅިގެން ބައްޝާރުގެ ވެރިކަމުގައި ގައުމުން ބޭރުކޮށްފައިވާ އޭނާގެ ދެބެއިންގެ ދެދަރި ރިބާލް އަލް އައްސަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ބައްޝާރުލް އަސަދުގެ ވެރިކަމުގައި އޭނާއަށް ފާޑުކިޔަމުންދިއުމުގެ ސަބަބުން ގައުމުން ބޭރުކޮށްލާފައިވާ އޭނާގެ ދެބެއިންގެ ދެދަރި ރިބާލް ވަނީ އައު ވެރިންނާއި،މެދު ދެކިވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާފައިކަމަށެވެ. އެގޮތުން އެ ޖަމާއަތުން ގެންގުޅެމުން އައިސްފައިވާ ހަރުކަށި ސިޔާސަތުތަކާއި ދުރަށް ޖެހި ގައުމު އެއްބައިވަންތައްކުރާނެކަމަށް އިތުބާރު ނުކުރެވޭނެކަމަށާއި މިހާރުވެސް ބަދަލު ހިފުމުގެ ގޮތުން މީހުން މެރުމުގެ އަމަލުތައް ފާހަގަކުރެވޭކަމަށް ބުނެފައިވެއެވެ.
މިހާރު އެގައުމުގެ ވަގުތީ ރައީސްގެ މަގާމުގައި ހުންނެވި އަބޫ މުހައްމަދު އަލް ޖޯލާނީއަށް ފާޑުވިދާޅުވަމުން ރިބާލްވަނީ އޭނާ ހައްޔަރުކުރުމަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ކަނޑައެޅިފައިވާކަމަށް އިޝާރާތްކުރައްވާފައެވެ. އަދި އޭނާއަކީ އައިސިސް ޖަމާއަތުގެ މެމްބަރެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެވަޑައިގެންނެވި މީހެއްކަކަމަށާއި އެއަށްފަހު ސީރިޔާގައި އަލްގައިދާގެ ލީޑަރަށް ވެވަޑައިގެންނެވިކަމަށެވެ. އަދި އޭނާގެ ބެއްލެވުމުގެ ދަށުން ސީރިޔާގައި މީގެ ކުރިން ބޮޑެތި އެތައް ޖަރީމާއެއް ހިންގާފައިވާކަމަށް ބުނެފައިވެއެވެ.
އޭނާވަނީ އެޗްޓީއެސް ޖަމާއަތުގެ ފަރާތުން އިސްލާހުތަކެއް ފެނިގެންދިއުމާއި އަފްގާނިސްތާނުގައި ތާލިބާނުންގެ ފަރާތުން އިސްލާހުތަކެއް ފެނިގެންދިއުމަށް އުންމީދުކުރުމާއި އެއް ހަމަ ކަމަށް ވިދާޅުވެފައެވެ. އަދި އެތައް ހާސް ޖަރީމާއެއް ހިންގާފައިވާ ބަޔަކު މީހުން ބާރުވެރިކަމަށް އައުމުން އެފަދަ އަމަލުތައް ހިންގުން ހުއްޓާލާނެކަމަށް ގަބޫލުކުރެވޭތޯ ސުވާލުކުރައްވާފައެވެ. \
މިހާރު ރައީސްގެ ގޮތުގައި ހުންނެވި އަބޫ މުހައްމަދު އަލް ޖޯލާނީ ވިދާޅުވާގޮތުން އަދިވެސް ނުތަނަވަސް ހާލަތެއް އޮތް ސަބަބަކީ އަސްކަރިއްޔާ ދެމިއޮތުމެވެ. ނަަމަވެސް ގައުމު އޮތީ ތަރައްގީއާއި ދިމާލަށް މިސްރާބު ޖަހާފައިކަމަށާއި މަސައްކަތްކުރަމުންދަނީ އަލުން އާރާސްތުކުރުމަށްކަމަށެވެ. އޭނާ ވިދާޅުވީ، އެ ގައުމުގެ މިސްރާބު އޮތީ ހަމަޖެހުމާއި ދިމާލަށް ކަމަށެވެ.

