އެމެރިކާއިން ފަލަސްތީނުގެ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުކުރަން ބުނެ ދައްކަމުންދާ ވާހަކަތަކަށް އަރަބި ގައުމުތަކުން އދގެ މަޖިލީހެއްގައި ދެކޮޅު ހަދައި ރައްދު ދީފިއެވެ.
ނޫސްތަކުން ބުނާގޮތުން އަރަބި ގައުމުތައް ތަމްސީލުކުރާ މަންދޫބުންގެ ގުރޫޕުންވަނީ ޣައްޒާގެ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުކުރަން އެމެރިކާއިން ގެންގުޅޭ ވިސްނުމަށް ހަރުކަށި އިބާރާތުން ރައްދުދީ ދެކޮޅު ހަދާފައިކަމަށެވެ. އެގޮތުން އެ ވިސްނަމުންދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފުވާ އަމަލެއް ހިންގުމަށްކަމަށާއި އެކަމަކީ އެންމެވެސް އެއް އަޑަކުން ދެކޮޅު ހަދަންޖެހޭ ކަމެއް ކަމަށެވެ. އަދި ތަނެއްގައި ވަޒަންވެރި ބަޔަކު އެހެން ސަރަހައްދަކަށްދާން މަޖުބޫރުވާ ފަދަ އަމަލުތައް ބަލައިނުގަންނަކަމަށާއި އެއީ ގެނީވާ ކޮންވެންޝަންގެ ދަށުން މަނާކުރެވިފައިވާ އަމަލެއްކަމަށް ކުވެއިތްގެ މަންދޫބު ތާރީކް އަލް ބަނާއީ ވިދާޅުވިއެވެ. އޭނާ މި ވާހަކަތައް ދެއްކެވީ އަރަބި ގުރޫޕުގެ ޗެއަރމަންގެ ހައިސިއްޔަތުންނެވެ.
އޭނާގެ މި ވާހަކަތަކަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އަދި ނޮން އެލައިންޑް މޫވްމެންޓްގެ މަންދޫބުންވެސް ތާއީދުކޮށްފައިވެއެވެ. އަލް ބަނާއީ ވިދާޅުވީ، އަރަބި ގައުމުތަކުން ދެކެން ބޭނުންވަނީ ޣައްޒާގެ ރައްޔިތުން އެ ސަރަހައްދުގައި ދިރިއުޅޭ މަންޒަރު ދެކެންކަމަށެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް އެތަނުގައި އޮންނަ މަންޒަރު ދެކެންވެސް ބޭނުންވާކަމަށެވެ.
އޭނާ ވަނީ އިސްރާއީލުން ޣައްޒާގެ ހުޅަނގު ސަރަހައްދުތަކުގައި ހިންގާފައިވާ ޖަރީމާތައް ކުށްވެރިކުރައްވާފައިކަމަށްވާއިރު އެ އަމަލުތަކަކީ ސީދާ ގާނޫނުތަކާއި ހިލާފުވެގެންދާ ކަންކަން ކަމަށް ފާހަގަކުރެއްވިއެވެ. ގަތަރާއި މިރުސު އަދި އެމެރިކާގެ ބެލުމުގެ ދަށުން ގާއިމުކުރެވިފައިވާ ސުލްހައިގެ އެއްބަސްވުމަށް އޭނާ ތައުރީފް ކުރެއްވިއެވެ. އެގޮތުން މުޅި ދުނިޔެއިންވެސް ހަމަލާ ބަދަލުކުރުންތައް ހުއްޓާލާފައި އޮތުމަށް ތާއީދުކުރާކަމަށާއި ދެކެން ބޭނުންވަނީ ހަނގުރާމަ ހުއްޓިގެންދާ މަންޒަރުކަމަށެވެ. އަދި އެކަމުގެ ސަބަބުން ދެމެހެއްޓިނިވި ގޮތެއްގައި ސުލްހަ ގާއިމުވެގެންދިއުމަށް އެދޭކަން ފާހަގަކުރެއްވިއެވެ.

