ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެކޮޅު ހަދަނީ އޮޕަޒިޝަން ކިޔާތީތަ؟

އެމްޑީޕީގެ ފަރާތުުން ބޭއްވި ބޮޑު އެއްވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރެސީ ތައާރަފްވެގެން އައުމަށްފަހު ސިޔާސީ ގޮތުން ހަމަޖެހުމެއް ގާއިމުވެފައި އޮތް މަންޒަރެއް ނުފެނެއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގެ ދައުރު ނިމިގެންދިއުމަށްފަހު މިހާތަނަށްވެސް ފެންނަމުންދަނީ އެ ހަލަބޮލިކަމެވެ. މިފަހުން ސިޔާސީ ގޮތުން ދައްކާ ވާހަކަތަކުގައި އޮށްޓަރެއްވެސް ނުހުރެއެވެ. ސަބަބެއް ނެތަސް ވެރިކަމުގެ ހުވާކުރުމުގެ ކުރިންވެސް އިވެނީ ދެކޮޅުވެރިކަމުގެ އަޑުތަކެވެ. ގައުމުގެ ކުރިމަގަށް ހުރަސްއެޅޭ މިންވަރަށް ނަފްރަތުގެ އަޑުތައް ގަދަވެއްޖެއެވެ. ވެރިޔަކަށް ހުންނަ މީހަކަށް ހިޔާލެއް ކުރަން ނުކެރޭ ހިސާބަށް ކަން ހިނގައްޖެއެވެ.

ޅަފަތުގައި އޮތް ސިޔާސީ މަސައްކަތްތަކުގެ ތެރެއިން މިއަދު ކޮންމެވެސް ވަރަކަށް ތަސައްވަރު ފުދިފައިވާކަމަށް ބުނާ އަޑުއިވޭއިރު ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުގެ ސަބަބުން އެ ވާހަކަތައް ގަބޫލުކުރަން ވަރަށް ދަތިވެއެވެ. ސިޔާސީގޮތުން ރާއްޖެއަށް ކުރިއެރުންތަކެއް ލިބިގެންދިއުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެއް ކަމަށްވީނަމަވެސް އެ ދަތުރުގެމަތިން ކުރެވޭ ބައެއް މަސައްކަތްތަކުގެ ބޭނުންތެރިކަމާއިމެދު ސުވާލު އުފެދެއެވެ. މަގުސަދާއިމެދު ޝައްކުތައް އުފެދެއެވެ. ހާއްސަ ގޮތެއްގައި މި ދައުރުގައި ފެނިގެންދާ ކަންކަމަށެވެ.

ސިޔާސީގޮތުން އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުގައި އޮތުމުގެ މާނައަކީ ސަރުކާރަކުން އަޅާ ކޮންމެ ފިޔަވަޅަކާއި ދެކޮޅުވެރިވުން ހެއްޔެވެ. އިދިކޮޅު ޕާޓީއެއްގެ ޒިންމާއަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކައިގެން ނަމަވެސް ރައްޔިތުންގެ ތެރޭގައި ސަރުކާރާއިމެދު ނުތަނަވަސްކަން އުފައްދައި ނަފްރަތުކުރުވުން ހެއްޔެވެ. އެކަމުގައި ރައްޔިތުންނަށް ފައިދާއެއް އެބައޮތްތޯއެވެ؟ ސަރުކާރުން ކޮއްފިނަމަ ހެޔޮކަމެއް ނަމަވެސް ނުބައިކަމެއްގެ ގޮތުގައި ސިފަކުރުމަށް މަސައްކަތްކުރުމަކީ ހަގީގަތުގައިވެސް އިދިކޮޅު ޕާޓީއަކުން އަދާކުރަންޖެހޭ ޒިންމާތޯއެވެ؟މިހެން ގޮސް ދެކޮޅުވެރިކަމެއް އޮތީ އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުގައި އޮތުމުންތޯވެސް ހިތަށް އަރައެވެ.

ހަމަ ޔަގީނުންވެސް ޑިމޮކްރެސީއަށް މިކުރާ ދަތުރުގެ މަގުސަދަކީ ހަލަބޮލިކަމެއް ނޫނެވެ. ރާއްޖޭގައި މި މަސައްކަތްތައް ފެށި ބަޔަކު ފެށީ ކޮންމެ މަގުސަދެއްގައިނަމަވެސް ރައްޔިތުން މިކަމަށް ޖާގަ ދިނީ ހަމަޖެހުމާއި ހިސާބަށް ވާސިލުވުމުގެ އެދުމުގައެވެ. ހަލަބޮލިކަމަކީ ގައުމާއި ރައްޔިތުންނަށް ފައިދާއަށްވުރެ ބޮޑަށް ގެއްލުންތައް ލިބުމުގެ ފުރުސަތު އޮތް ކަމެއްކަން އެންމެވެސް ގަބޫލުކުރާނެއެވެ.

މިއަދު ސިޔާސީ ގޮތުން ކުރެވޭ މަސައްކަތްތަކަށް ބަލާއިރު ސަރުކާރުން ކުރާ އެއްކަމެއްވެސް އިދިކޮޅުގައި އޮތް ޕާޓީއަކަށް ރަނގަޅެއް ނުވެއެވެ. މިސްކިތެއް އެޅިޔަސް އެކަމާއި ގުޅުވައި ކޮންމެވެސް ނޭދެވޭ ވާހަކަތަކެއް ދައްކާއިރު ވެރިމީހާ ނަމާދަށް އަރައިފިއްޔާ އެކަމާއި ގުޅޭގޮތުންވެސް ނޭދެވޭ ވާހަކަތައް ދައްކައެވެ. މިހާރު ރައީސްކަމުގައި ހުންނެވި ޑރ މުހައްމަދު މުއިއްޒު ފަތިސް ނަމާދަށް ވަޑައިގަތުން އިދިކޮޅުން ސިފަކުރީ ދެއްކުންތެރިކަމުގެ ގޮތުގައެވެ. އެކަމަކީވެސް މައްސަލައެއްގެ ގޮތުގައި ރައްޔިތުންނަށް ދެއްކުމަށް މަސައްކަތްތަކެއް ކުރިއެވެ.

ސެކިއުރިޓީ ގޮވައިގެން ނޫން ގޮތަކަށް ރައީސްކަމުގައި ހުންނެވި މީހަކަށް ތަންތަނަށް ވަޑައިގަތުމަށް އިހުތިޔާރެއް ނެތްކަން ސިޔާސީގޮތުން ހަރަކާތްތެރިވާ އެންމެނަށްވެސް އެނގޭނެއިރު ނަމާދަކީ ސިޔާސީ ކޮށްގެން ވާނެ ކަމެއް ނޫންކަންވެސް އެނގޭނެއެވެ. ވެރިކަމުގައި ހުންނެވި މީހަކު އެއީ މުޅި ގައުމު ތަމްސީލުކުރާ މީހާކަން އެނގޭއިރު މަގާމާއި އެކަށީގެންވާ ގޮތެއްގައި ހުންނެވުމުގެ ގޮތުން އެކަށީގެންވާ ފެންވަރުގެ ބޫޓެއް ތުރުކުރެއްވިއްޔާ އެކަމަކީވެސް ކުރަން ހެޔޮނުވާ ވަރުގެ ކަމެއްގެ ގޮތުގައި ސިފަކުރެއެވެ.

މީގެ ކުރިން ރާއްޖޭގައި ބުރިޖެއް އަޅަން އުޅުމުން އެއީ ކުލަނުކުރެވޭނެ ހުވަފެނެއްކަމަށްވެސް ބުނިއެވެ. އޭރު އެ ވާހަކަތައް ދެއްކެވީ އެތައް ބުރިޖެއް މަތިން ކާރުކޮޅުތަކުގައި ދަތުރުކުރައްވާފައި ތިއްބެވި ބޭރު ގައުމުތަކުން އިލްމުވެސް ހާސިލުކޮށްގެން ތިއްބެވި ބޭފުޅުންނެވެ. އެއީ ކުރެވިދާނެ ކަމެއްކަން ކަނޑައެޅިގެން އެނގޭނެއެވެ. ދެކޮޅު ހެއްދެވީ އެކަން ކުރެވޭނެކަން ނޭނގިގެން ނޫންކަން ޔަގީނެވެ. އެކަން ކުރެއްވީ އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުގައި އޮތުމުން ހަމަ ދެކޮޅު ހަދާލަންށެވެ. މިއަދު ބުރިޖު ހަގީގަތަކަށްވެ އެކަމާއި ދެކޮޅު ހެދި ޕާޓީންވެސް ވެރިކަމުގެ ދައުރުގައި ބުރިޖެއްގެ މަސައްކަތްތައް ފަށާފައިވުމުން އޭރު ދެއްކި ވާހަކައެއް ދެއްކީ އޮޅުވާލުމަށާއި ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފައްދައި ސަރުކާރާއިމެދު ނަފްރަތު އުފެއްދުމުގެ ނިޔަތުގައިކަން ސާފުވެއެވެ.

ސިޔާސީގޮތުން ދެކެވެމުންދާ ގިނަ ވާހަކަތައް ދައްކަމުންދަނީ މިފަދައިންނެވެ. ލާމަރުކަޒީ ނިޒާމު ފުނޑާލަމުންދާކަމަށް ބުނާ އަޑުއިވޭއިރު ފެންނަނީ ސަރުކާރަކުން ރާއްޖޭގެ ރައްޔިތުންނަށް އެބަޔަކު ވަޒަންވެރި ރަށްތަކުގައި ދިރިއުޅެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރާ މަންޒަރެވެ. ސިއްހީ ނިޒާމު ފުނޑާލުމަށް މަސައްްކަތްކުރާކަމަށް ބުނާއިރު ފެނިގެންދަނީ ޒަމާނުއްސުރެ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް ރައްޔިތުން އެދޭ ފެންވަރުގައި އެ ހިދުމަތްތައް ދިނުމަށްޓަކައި ފައިސާ އިސްރާފުނުވާނެ މަގެއް ކޮށުމަށް މަސައްކަތްކުރާ މަންޒަރެވެ.

ދަތިތައް އެބަ ހުއްޓެވެ. އާސަންދައިން 2000 އިންސައްތައިގެ ފައިދާއެއްގައި ބަޔަކު މީހުންގެ އަތުން ބޭސް ނުގަތުމަކީ ރައްޔިތުން އެދޭގޮތެވެ. ސަރުކާރުން ބޭސް ނުގަންނާކަށް ނޫޅެއެވެ. އެދެނީ ހަމަޖެހޭ އަގެއްގައި ވިއްކުމަށެވެ. ނުލިބިގެން އުޅެނީ ހަމަ އަގެއްގައި ވިއްކުމަށް އެއްބަޔަކު ދެކޮޅު ހަދާތީއެވެ. އެއީ ސަރުކާރުގެ މައްސަލައެއްތޯ ވިސްނާލުން މުހިންމެވެ. ބޭސް ފިހާރަ ހިންގަނީ ސަރުކާރަކުން ނޫނެވެ. މިއީވެސް ދެކޮޅުވެރިކަމުގެ ނަތީޖާއެކެވެ.

ދުންފަތުގެ މައްސަލައިގައިވެސް ފެނިގެންދަނީ މިފަދަ މަންޒަރެކެވެ. ސަރުކާރުން ފައިދާގަނޑެއް ނެގުމަށްޓަކައި ދުންފަތް ކޮންޓްރޯލްކުރީކަމަށް ބުނެއެވެ. ނަމަވެސް ފައިދާތަކެއް ނަގަން އެދުނު ނަމަ ވޭޕު މަނާކުރުމަކީ އެއްވެސް ހާލަތެއްގައި ނުކުރާނެކަމެއް ކަން ހަގީގަތަށް ބަލާލުމުން އެނގޭނެއެވެ. ވޭޕުން ނަގާ ޓެކްސް އިތުރުކޮށްލައިގެން ތިބެންވީއެވެ. ފައިދާތަކެއް ނަގަން ބޭނުން ބަޔަކު އާސަންދައިން އެ ވަބާއިން ދުރުވުމަށްޓަކައި ބޭނުންވާ ފަރުވާ ފަހިކުރަންވީ ކޮން ސަބަބަކާއި ގުޅިގެންތޯއެވެ.

ޕްރޮޖެކްޓުތައް ނުހިންގާކަމަށް ބުނާއިރު ތަރުތީބެއް ނެތި ޕްރޮޖެކްޓުތައް ހިންގުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން އެއްވެސް ވަރަކަށް ޕީއެސްއައިޕީ މަޝްރޫއުތައް ކުރި ނުކަނޑާކަން އެނގޭނެއެވެ. އެގޮތަށް މަސައްކަތްތައް ކުރުމުން ވެގެންދަނީ ގެއްލުމެވެ. ސިއްހީ ވަސީލަތްތައް ގެނެސް ގުދަން ކުރުމަށް ޕްރޮޖެކްޓު ހިންގަން ބަޔަކާއި ހަވާލުކޮށްގެން މަސައްކަތްތައް ނިމޭއިރު ވަސީލަތްތައް ތިބެނީ ދަބަަރަށްވެ ނިމިފައެވެ. އަނެއްކާ ވަސީލަތްތަކަށް އޯޑަރު ދީގެން ތިބެ ހުސް މަރުކަޒެއް ހުޅުވާލުމަށް ޑޮކްޓަރުން ގެނެސްގެން ފަރުވާ ނުދެވުމުން އެތަނަށްވެސް އާސަންދައިން ހަރަދެއް ކުރުމަށްފަހު ދާންޖެހެނީ މާލެއަށެވެ. ތަނަށް ވަސީލަތްތައް ގެނެވޭއިރު ޑޮކްޓަރުން ތިބެނީ ފުރައިގެން ގޮސްފައެވެ. ފޭކު ސެޓްފިކެޓުގައި ތިބި ޑޮކްޓަރުން ގެނައި ވާހަކަވެސް އިވިއްޖެއެވެ. ނަމަވެސް މިއަދު ޕްރޮޖެކްޓުތައް ހިންގަން ނިންމާފައިވަނީ ތަރުތީބެއްގެ މަތިންނެވެ. އެހެންކަމުން އިހާއި އެއްގޮތަށް ރިބަން ކަނޑާ މަންޒަރު ފުލުފުލުން ނުފެންނަ ކަމަށްވުމުން އެކަމަށްވެސް ދެކޮޅު އެބަ ހަދައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: