ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) ގެ ގޭމް ކުއެސްޓް ސީސަން 1 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ފެބުރުވަރީ 13 އިން 15 އަށް ދިރާގު ހެޑް އޮފީހުގައި ކުރިއަށްދިޔަ 3 ދުވަހުގެ މި ފޯރި ގަދަ ގޭމިންގ ފެސްޓިވަލުގައި 400 އަށް ވުރެ ގިނަ ގޭމް ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
ދިވެހިރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް ހާއްސަކޮށްގެން ބޭއްވި މި ވާދަވެރި އިވެންޓުގައި، ރޮކެޓް ލީގް، އީ.އެފް.ސީ 25 ފަދަ ގޭމްތައް ވަނީ ހިމަނައިފައެވެ. މި ގޮތުން، މި އިވެންޓް ފަރުމާކޮށްފައިވަނީ އަލަށް ގޭމް ކުޅެން ފަށާ ގޭމަރސް އިން ފެށިގެން އެންމެ ތަޖުރިބާކާރު ގޭމަރސް އަށް ވެސް ބައިވެރިވެވޭ ފަދަ ގޮތަށެވެ.
ޑީޖީޖީއިން ވަނީ ގޭމް ކުއެސްޓް ސީޒަން 1 ގައި ބައިވެރިވެ ވަނަތައް ހޯދައިފައިވާ ގޭމަރސްއަށް ޖުމްލަ 30،000 ރުފިޔާގެ އިނާމް ދީފައެވެ. މިކަން ވެގެން ދިޔައީ، މި ގޭމް ކުއެސްޓްގައި މިހާ ގިނަ އަދަދެއްގެ ގޭމަރސް ބައިވެރިވެ، މިހާ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މުހިންމު ސަބަބަކަށްކަމަށް ދިރާގުން ބުންޏެވެ.
2025 ވަނަ އަހަރަށް ކަނޑައަޅައިފައިވާ ހަރަކާތްތައް މިހާ ކުލަގަދަކޮށް ފަށާ ޑީޖީޖީއިން މި އަހަރަށް ތައްޔާރުވެފައިވާ މިންވަރު ވަނީ ފެނިގެން ގޮސްފައިކަމަށާއި، އެހެންކަމުން، ޑީޖީޖީއިން މި އަހަރަށް ރާވައިފައިވާ ހުރި ހަރަކާތްތަކަށް ދިވެހި ގޭމިންގ ކޮމިއުނިޓީއިން ދަނީ އިންތިޒާރު ކުރަމުންކަމަށް ދިރާގުން ބުންޏެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމްގެ ކަމުގައިވާ ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިންގ ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންކަމަށްވެސް ދިރާގުން ބުންޏެވެ.
ޑީޖީޖީއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް dgg.mv މެދުވެރިކޮށް ލިބިގެންދާނެކަމަށް ބުންޏެވެ.

