ބައިނަލްއަޤްވާމީ މައިދާނުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ބައިވެރިވުން ކަށަވަރުކުރަންޖެހޭކަމަށް ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލް ވިދާޅުވެއްޖެއެވެ.
މި ހިނގާ ފެބްރުއަރީ މަހުގެ 16 އިން 17 އަށް އޮމާންގެ ވެރިރަށް މަސްކެޓްގައި ކުރިއަށްދާ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ ދެވަނަ ޕްލެނަރީ ކަމުގައިވާ ”އެމްޕްލިފައިންގ ދަ ވޮއިސް އޮފް ގްލޯބަލް ސައުތު“ ގައި ޕެނަލިސްޓްއެއްގެ ހައިސިއްޔަތުން ޚާރިޖީ ވަޒީރު ޑޮކްޓަރު އަބްދުﷲ ޚަލީލް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އެ މަނިކުފާނުގެ ތަޤްރީރުގައި، ބައިނަލްއަޤްވާމީ ނިޒާމު އިސްލާހުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލެއްވި ގޮވާލުން ތަކުރާރުކުރެއްވެވިއެވެ.
އެ ބައިނަލްއަޤްވާމީ ނިޒާމުން ނިންމާ ނިންމުންތައް ނިންމުމުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް، ވަކިން ޚާއްސަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް، އިސް ދައުރެއް ދިނުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްސަކޮށް އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ނޮން-ޕާމަނަންޓް ރޮޓޭޓިންގ ސީޓެއް ހަމަޖެއްސުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ. އަދި، އެ މަޖިލީހަކީ ޒަމާނަށް ފެތޭ ބައިނަލްއަޤްވާމީ ޤާނޫނު ނެގެހެއްޓޭ މަޖިލީހަކަށް ހެދުމަށްޓަކައި، ވީޓޯ ކުރުމުގެ ބާރު އުވާލާ، ނޮން-ޓްރެޑިޝަނަލް ސަލާމަތީ މައްސަލަތަކާއި ދުނިޔޭގެ ސަލާމަތަށް ކުރިމަތިވަމުންދާ އައު ގޮންޖެހުންތަކަށް އިސްކަންދިނުމަށް ގޮވާލެއްވިއެވެ.
މީގެ އިތުރުން، އިންޑިއާ ކަނޑުގައި ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ލިބިގެންދާ ފުރުސަތުތަކާ ގުޅޭގޮތުން އެ މަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި ގާނޫނާ ޚިލާފަށް ކަނޑު މަތީގައި ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ވިލުންތެރި ދިވެހިރާއްޖެއެއް ޤާއިމުކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުތަކުގެ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.
ހަމައެއާކު، ސައުތު-ސައުތު ކޯޕަރޭޝަން އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
2016 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ މި ކޮންފަރެންސްއަކީ އިންޑިއާ ކަނޑުގެ ޤައުމުތަކުގެ އެންމެ އިސްވެރިންނާއި، އިސް އޮފިޝަލުންނާއި، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ފަރާތްތަކާއި، ސްކޮލާސް އަދި ތަޖުރިބާކާރުންގެ ބައިވެރިވުން ހިމެނޭހެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.

