ޑޭޓާ ބޭސް ބޭނުންކޮށްގެން، ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނެގިކަމުގެ ތުހުމަތު ކުރެވެނީ ވެސް އެފަދަ މައްސަލައެއް ދިމާވުމުން އެކަން ބަލަން އޮތް މިނިސްޓްރީގެ މައްޗަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒިޔާދު ވިދާޅުވެއްޖެއެވެ.
ޒިޔާދު މިފަދައިން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމާއި ގުޅޭ މިނިވަން މުއްސަސާތަކުގެ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.
ޒިޔާދު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގައި ފެހި ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށިފަހުން މިނިވަން މުވައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ މެމްބަރުން އައްޔަނު ކުރައްވާ ފުރަތަމަ ފަހަރެވެ. މިނިވަން މުވައްސަސާތަކެއް އުފައްދައި، މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަންތަކަށް ދޭން ޖެހުނީ ޒިޔާދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހިތުގައި މަސައްކަތާއި މެދު ސުވާލު އުފެދޭ ހާލަތެއް އޮތުމުން ކަމަށެވެ.
މިނިވަންކަމާއި އެކު މަސައްކަތް ކުރުމުގެ ޖާގަ ދިނުމަށް ގާނޫނަށް މީގެ އަހަރުތަކެއް ކުރިން ބަދަލު ގެނެވިފައި ވަނިކޮށް އަނެއްކާވެސް ކުރިން އޮތް ހާލަތުން އަލުން ރުޖޫއަކޮށް ނުފޫޒު ފޯރުވުމުގެ އަމަލުތަކެއް ހިނގާނެކަމަށް ބެލެވުމުގެ ޖާގަ އެބައޮތްކަމަށް ޒިޔާދު ވިދާޅުވިއެވެ.
މިއަދު މި އައްޔަނު ކުރަނީ ތިމަންނަ ބާއްވާ އިންތިހާބު އިންސާފުވެރިކޮށް ދޭތޯ ބަލަން ތިމަންނަ އައްޔަނު ކުރާ މީހަކާއި އެބަ ހަވާލު ކުރެވޭ.. މީގަ އަޅުގަނޑުމެން މީގަ ވިސްނާލަން ޖެހެނީ ހުދު ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެ އިތުބާރު މި މަޖިލީހާއި މެދު ނެތުމުން ގާނޫނުއަސާސީ އިސްލާހުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އޮބިކޮށްގެން އަދި ގާނޫނު އިސްލާހުކޮށްފަ މިނިވަން މުވައްސަސާއަކަށް މީހަކު މި އައްޔަނު ކުރަނީ.. މީގެ ނަތީޖާއާއި މެދު ސުވާލު އުފެއްދުމުގެ ޖާގަ މިހާރު ރައްޔިތުންނަށ އެބައޮތް..
ނުފޫޒާއި ބާރު ބޭނުން ކުރާކަމުގެ ތުހުމަތު ކުރައްވައި، މިސާލެއްގެ ގޮތުގައި ޒިޔާދު ނެންގެވީ އޮޅުވާލައިގެން ޕީއެންސީއަށް ގިނަ އަދަދެއްގެ މެމްބަރުން ވައްދާފައިވާކަމަށް ދެކެވޭ ވާހަކައެވެ. ޒިޔާދު ވިދާޅުވީ ޕީއެންސީއަށް ތާއީދެއް އޮވެގެން ނުވަތަ އެ ޕާޓީއަށް މެމްބަރުން އިތުރުވެގެން އޭނާގެ އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށެވެ. އެހެން ނަމަވެސް މައްސަލައަކީ ބައެއްގެ ޒާތީ މައުލޫމާތުތައް ނަގައި، އޮޅުވާލައިގެން ޕީއެންސީއަށް އާންމު ރައްޔިތުން ވައްދާފައިވުންކަމަށް ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ ޕީއެންސީއަށް މެމްބަރުން ވެއްދުމުގައި މަކަރު ހަދާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވެސް ގަބޫލުކުރާކަމަށާއި އެހެން ނަމަވެސް އެންމެ ފަހުން ވެސް އެ ކޮމިޝަނުން ބުނީ ހުރިހާ ޕާޓީތަކުން ވެސް އެފަދަ ފޯމުތައް ހުށަހަޅާ ވާހަކަތައް ކަމަށެވެ. ސައްހަ ނޫން ފޯމުތައް ހުރިހާ ޕާޓީއަކުން ވެސް ހުށަހަޅާ ވާހަކައަށް ދެކޮޅު ހެދުމެއް ނެތްކަމަށާއި، އެކަމަކު މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ސަރުކާރުގެ މިނިސްޓަރަކު އިސްވެ ޑީއެންއާރުގެ ޑޭޓާ ބޭސް ނަހަމަ ގޮތުގައި ބޭނުން ކުރުންކަމަށެވެ.
މިއަދު ޕޮލިހުން އެ ނިންމީ އެ މައްސަލަ ނުބަލަން.. ކިހިނެއްތޯ އެ މައްސަލަ ބަލާނީ ފުލުހުން.. ޕޮލިހުންނާއި ހަވާލުވެ ތިބީ ވެސް އެބޭފުޅުން.. މިއަދު ހިނގައިގެން މި އުޅޭ މައްސަލައިގައި ވެސް އިލެކްޝަންސް ކޮމިޝަނުން އަދިވެސް ބަހެއް ނުބުނޭ.. ބުނާހާ ވެސް އެއްޗަކީ މިއީ ހުރިހާ އެންމެން ވެސް ކުރާކަމެކޭ..
ޒިޔާދު ވިދާޅުވީ ޑޭޓާ ބޭސް ބޭނުންކޮށްގެން، ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނެގިކަމުގެ ތުހުމަތު ކުރެވެނީ ވެސް އެފަދަ މައްސަލައެއް ދިމާވުމުން އެކަން ބަލަން އޮތް މުވައްސަސާގެ ބެލެނިވެރި މިނިސްޓްރީކަމަށެވެ. ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރަށްތަކަށް ދަތުރުކޮށް ފޯމުތައް ފުރަމުން ދިޔައިރު، ހޯމް މިނިސްޓަރ އަލީ އިހުސާން އިހުތިޔާރު ކުރީ ޒިޔާދު ވިދާޅުވި ގޮތުގައި ”ޝޯޓްކަޓް“ އެކެވެ.
މިހާހިސާބަށް ޒިޔާދުގެ ވާހަކަ ގެންދެވުނުތަނުން، ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މެމްބަރުގެ މޭޒު މަތީ އޮތް ރިޕޯޓަށް ވާހަކަ ދެއްކެވުމަށް އެދިވަޑައިގެންފަ އެވެ. އަދި މިއަދު މަޖިލީހުގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ މައުޟޫއުއަކީ ޕީއެންސީގެ މެމްބާޝިޕް މައްސަލައެއް ނޫންކަމަށް ވިދާޅުވި އެވެ.
އަނެއްކާވެސް ވާހަކަ ކުރިޔަށް ގެންދަވައި ދެން ޒިޔާދު ވިދާޅުވީ، އަބްދުއްރަހީމާއި މެދު ވެސް ފަހަކަށް އައިސް ކަންކަން ހިނގަނީ ރަނގަޅަށް ނޫންކަމަށެވެ. އެހެންކަމުން އޭނާ ޖުމްލަކޮށް ވާހަކަ ދައްކަމުން ދަނީ އަބްދުއްރަހީމް ވެސް ހިމެނޭ ގޮތަށް އިންސާފު ހޯދައިދިނުމުގެ ވާހަކަތައްކަމަށް ވިދާޅުވިއެވެ.
ޒިޔާދުގެ ވާހަކަ ފެއްޓެވުމުން ދެން ނިޒާމީ ނުކުތާއެއް ނެންގެވީ، ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހެވެ. އޭނާ ނުރުހުންފާޅު ކުރެއްވީ ޒިޔާދު އެ ހުރިހާ ތުހުމަތެއް ސަރުކާރަށް ކުރުމަށް ރިޔާސަތުން ޖާގަދީ ވާހަކަ ހުއްޓުވާފައި ނުވުމެވެ.

