ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޖުތިމާޢީ ރައްކާތެރިކަމުގެ ހަރުދަނާ ނިޒާމެއް އުފެއްދުމަކީ އިންސާފުވެރި ބަދަލަކަށް ލާޒިމް ކަމެއް: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟
އިޖުތިމާޢީ ރައްކާތެރިކަމުގެ ހަރުދަނާ ނިޒާމެއް އުފެއްދުމަކީ އިންސާފުވެރި ބަދަލަކަށް ލާޒިމް ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ އިޖުތިމާޢީ އަދާލަތުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖެއްގައެވެ.
”ސްޓްރެންތެނިން އަ ޖަސްޓް ޓްރާންޒިޝަން ފޯ އަ ސަސްޓެއިނަބަލް ފިއުޗަރ“ މި ޝިޢާރަކީ ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމެއްގެ ޤައުމީ އަހައްމިއްޔަތުތަކާއި ބައިނަލްއަޤްވާމީ އުއްމީދުތަކާ ގުޅިލާމެހިފައިވާ ޝިޢާރެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ޝިޢާރުން އިޝާރާތްކުރަނީ އިޤްތިޞާދީ ތަރައްޤީގެ ހަލުވި ފިޔަވަޅުތަކާ އެއްހަމައެއްގައި ދެމެހެއްޓެނިވި ވެއްޓެއް ކަށަވަރުކުރުމުގައި ހުރި ގޮންޖެހުންތަކަށް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، 2024 ވަނަ އަހަރުގެ ޖުލައި މަހު ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސްގެ މެންބަރުކަން ލިބިފައިވާ ދިވެހިރާއްޖެއިން މަސައްކަތްކުރާނީ އިޖުތިމާޢީ ވިލުންތެރިކަން އިތުރުކޮށް، ސެކްޓަރތަކުގެ މެދުގައްޔާއި ސިޔާސަތުތައް އެކުލަވާލުމުގައި އެއްބާރުލުން އިތުރުކޮށްގެންނާއި މަޝްވަރާ އިސްކޮށްގެން އެކުގައި ކުރާ މަސައްކަތުން އިޖުތިމާޢީ އަދާލަތު ކުރިއަރުވައި ތަމަންދުން ހިއްސާކުރުމަށެވެ.

ދިވެހިރާއްޖޭގެ ތަރައްޤީގެ މިސްރާބާއި އިޤްތިޞާދީ ކުރިއެރުމަށް އުންމީދުކުރާ އިސްލާހުތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ހުރިހާ ރައްޔިތުންގެ ދިރިއުޅުން ފަހިކުރުމަށް މަސައްކަތްކޮށް، މޫސުމީ ބަދަލުތަކުން މި ޖަޒީރާތަކަށް ހުރި ހިރާސް ދެނެގަނެ ތިބެގެން، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުން ކަމުގައެވެ. މިގޮތުން ރަސްމާލެ މަޝްރޫޢު ވެގެންދާނީ ފުރަތަމަ އިކޯ-ސިޓީއަށް ކަމަށާއި، އެއީ ގެދޮރުވެރިކަމާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށްދިނުމުގައި ދެމެހެއްޓެނިވި މިންގަނޑުތައް ގެންގުޅުމުގެ ނަމޫނާއަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ލޯ-ކާބަން އިކޮނޮމީއަކަށް ވާޞިލުވުމަށް ކުރާ މަސައްކަތްތަކަކީ އެންމެން ޝާމިލުކުރާ އަދި އެންމެންނަށް މަންފާ ލިބޭ މަސައްކަތަކަށް ވާން ޖެހޭނެއެވެ. އެގޮތުން ރާއްޖޭގެ އެނަރޖީ ރޯޑްމެޕް 2024-2033 ގައިވާ ލަނޑުދަނޑިތަކަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، މިންތީގެ ހަމަހަމަކަމާއި އިޖުތިމާޢީ ބައިވެރިވުން ކަށަވަރުކުރުމަށްޓަކައި، އިޤްތިޞާދީ، އިޖުތިމާޢީ، ތަޢުލީމީ، މަސައްކަތްތެރިކަން އަދި ތިމާވެއްޓާ ގުޅުންހުރި ސިޔާސަތުތަކުގައި ވެސް، މި ވިސްނުން އިސްކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އިޖުތިމާޢީ ރައްކާތެރިކަމުގެ ހަރުދަނާ ނިޒާމެއް އުފެއްދުމަކީ، އިންސާފުވެރި ބަދަލަކަށް ލާޒިމުކަމެއް ކަމަށެވެ. ބޭރުން އަންނަ ލޮޅުންތަކާއި، އިޤްތިޞާދީ ހިރާސްތަކާއި މޫސުމީ ގޮންޖެހުންތަކުން މުޖުތަމަޢު ހިމާޔަތްކޮށްދިނުމުގައި މިފަދަ ހަރުދަނާ ނިޒާމުތަކުން އަދާކުރާނޭ ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައްޔިތުންނަށް އިސްކަންދީގެން، ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށް މި ސަރުކާރުން ދޭ ސަމާލުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އާދަކާދަތަކުން ލިބޭ ޢިލްމާއި ހިލްމުގެ މައްޗަށް ބަރޯސާވާ ލާމަރުކަޒީ ހައްލުތަކެއް ހުރިހާ ފެންވަރެއްގައިވެސް ބޭނުންކުރެއްވުމުގެ މުހިންމުކަން ބޮޑުކަމަށެވެ. އަދި މި މަސައްކަތްކުރައްވާނީ ޒަމާނީ ފަންނިއްޔާތުގެ އެހީގައި ސްމާޓް އަދި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރު ވާނޭ ފަދައިން، މި މުޖުތަމަޢަށް ޑިޖިޓަލް ބަދަލެއް ގެނެސްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު މެސެޖް ނިންމަވާލެއްވީ އެންމެންނަށް އަދުލުވެރި މުސްތަޤުބަލެއް ކަށަވަރު ކުރެވޭނީ އެކުގައި މަސައްކަތްކޮށްގެންކަމަށް ވިދާޅުވަމުންނެވެ. އަދި އާދަކާދައިން ފެންނަ ފަދަ އިޖުތިމާޢީ ރޫޙު އާލާކޮށް، މާޒީގެ ތަޖުރިބާތަކުން ދަރުސް ލިބިގަނެ، އެއިން ހިތްވަރު ހޯދައިގެން މާދަމާ އުޖާލާ ކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: