ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އޮތީ ރަނގަޅު މިސްރާބެއްގައިކަން ކަންކަން ބަލާބަޔަކަށް ފެންނާނެ!

ރައީސް ޑރ މުއިއްޒު ރައްޔިތުންނާއި ބައްދަލުކުރައްވަނީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން އައީ ތަކުރާރުކޮށް އިންޒާރުގެ ރިޕޯޓުތައް ނެރެ ލަފާތައް އަރުވަމުންނެވެ. އެ ހާލަތު ވާރުތަވި މި ސަރުކާރުން އެކަމަށް ގިނަ ފިޔަވަޅުތައް އަަޅަން ޖެހުނެވެ.

ފާއިތުވި އަހަރުތަކުގައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ހާލަތާމެދު ފާޅުކުރަމުން އައި ކަންބޮޑުވުންތަކަށް އައު ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ. ކުރީގެ ސަރުކާރުން ގެންގުޅުނު މާލީ އަދި އިޤްތިޞާދީ ސިޔާސަތުތަކުގެ ސަބަބުން ޤައުމުގެ މާލީ ހާލަތު ދަށްވެ، ބޭރުގެ އިންވެސްޓަރުންނަށް ނޭދެވޭ އަސަރުތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ.

ނަމަވެސް، މިހާރުގެ ސަރުކާރުން އަޅަމުންދާ އިޞްލާޙީ ފިޔަވަޅުތަކުގެ ސަބަބުން ޤައުމުގެ މާލީ ހާލަތު ރަނގަޅުވަމުންދާކަން ބައިނަލްއަޤްވާމީ މަނިޓަރީ ފަންޑު (އައި.އެމް.އެފް) ގެ އެންމެ ފަހުގެ ރިޕޯޓުން ހާމަވެގެންދެއެވެ. މި ރިޕޯޓުގައި ސަރުކާރުން މާލިއްޔަތު ބޭނުންކުރާ ގޮތް ހަރުދަނާކޮށް، އާމްދަނީ އިތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ކްރެޑިޓރޭޓިންގ ދަށަށް ދިއުން މަޑުޖެހި، އިޤްތިޞާދީ ހާލަތު ރަނގަޅުވަމުންދާކަމުގެ އުއްމީދީ ނިޝާންތައް ފެންނަން ފަށާފައިވެއެވެ. ނަމަވެސް، އައި.އެމް.އެފް އިން ވަނީ އިތުރު އިޞްލާޙީ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ލަފާދީފައެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، ދިވެހިރާއްޖޭގެ އިޤްތިޞާދީ މުސްތަޤުބަލާމެދު އުއްމީދީ ކުރިމަގެއް ފެންނަމުންދާކަން ފާހަގަކުރެވެއެވެ. ނަމަވެސް، މި ކުރިއެރުންތައް ދެމެހެއްޓުމަށްޓަކައި ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަން ވެސް ހާމަވެގެންދެއެވެ.

އައިއެމްއެފްގެ ރިޕޯޓުން ބައެއް

އައިއެމްއެފްގެ އިތުރު ފިޔަވަޅުތަކުގެ ގޮތުގައި ހުށަހަޅާފައިވާ ކަންތައްތަކަކީ، ޙަޤީޤަތުގައި، ސަރުކާރުން މީގެ ކުރިންވެސް ތަންފީޛުކުރަން ނިންމާފައިވާ އަދި މިހާރުވެސް އަމަލީ ގޮތުން ކުރިއަށްގެންދާ ފިޔަވަޅުތަކެއްކަން ފާހަގަކުރެވެއެވެ. މީގެ ތެރެއިން އެއް މުހިންމު ފިޔަވަޅަކީ ޒިންމާދާރު ގޮތެއްގައި ޚަރަދުކުރުމެވެ. މި ކަން ބަޖެޓުން ވަރަށް ސާފުކޮށް ދޭހަވެއެވެ.

ކުރީގެ އަހަރުތަކުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރެވުނު ޚަރަދުތަކަށް ބަލާއިރު، މުޅި ރާއްޖޭގައި ގިނަގުނަ މަޝްރޫޢުތަކެއް އަވަސް ދުވެއްޔެއްގައި ނިންމާލެވުނު ކަމުގެ އިހްސާސް ލިބެއެވެ. ނަމަވެސް، ޙަޤީޤަތް މިއާ ވަރަށް ތަފާތެވެ.

ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މަގު ހެދުމާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢުތަކަށް ބަޖެޓުން ކުރެވުނު ޚަރަދުތަކަށް ބަލާއިރު، މި މަސައްކަތްތައް މުޅި ރާއްޖޭގައި ނިމިފައިވާ ކަމަށް ޤަބޫލުކުރެވިދާނެއެވެ. އެހެނެއްކަމަކު، މިއީ އެއްވެސް ވަރަކަށް ޙަޤީޤަތާ އެއްގޮތް ތަޞައްވުރެއް ނޫނެވެ. ފައިސާ ދޫކުރެވި ނިމިފައިވީ ނަމަވެސް، ގިނަ މަޝްރޫޢުތައް ފުރިހަމައަށް ނިމިފައެއް ނުވެއެވެ. އަދި ބައެއް ރަށްރަށުގައި މަސައްކަތް ފެށުމުގެ މަރުޙަލާއަށްވެސް ވާޞިލުވެފައެއް ނުވެއެވެ. މި ކަންކަމަށް ރިޢާޔަތްކޮށް، އައިއެމްއެފްއިން ވަނީ ޕީއެސްއައިޕީގެ މަޝްރޫޢުތައް އަލުން ރޭވުމަށާއި، ހަރުދަނާ އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް އިރުޝާދު ދީފައެވެ.

ޕީއެސްއައިޕީ މަސައްކަތްތަކާއިމެދު ދީފައިވާ އިރުޝާދުތައް

މި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތައް ބައްޓަންކުރެވިފައިވަނީ ބައިނަލްއަޤްވާމީ މާލީ އިދާރާ (އައިއެމްއެފް) އިން ދެއްވާފައިވާ ލަފަޔާ އެއްގޮތަށެވެ. މި ލަފާތަކަކީ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ކޮންމެހެން ބޭނުންވާ މުހިންމު ފިޔަވަޅުތަކެކެވެ. މިގޮތުން، ރާއްޖޭގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވަކި ތަރުތީބަކާ އެއްގޮތަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުތަކުން އެނގިވަޑައިގަންނަވާ ގޮތުގައި، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށްފަހު މެނުވީ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ނުފެށޭނެއެވެ. އެހެންކަމުން، އެ މަރުޙަލާގައި އޮތް ރަށްތަކުގައި އިސްކަންދެވޭނީ ނަރުދަމާގެ މަސައްކަތްތަކަށެވެ. ރައީސް މުޢިއްޒުގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް ގިނަގުނަ ކުރިއެރުންތަކެއް ހޯއްދަވައިދެއްވުމެވެ. ނަމަވެސް، މި ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ހަރުދަނާ އުޞޫލުތަކެއްގެ މަތިން މަސައްކަތްކުރަންޖެހޭކަން އެމަނިކުފާނު ޤަބޫލުފުޅުކުރައްވައެވެ.

މިހާރު އިސްކަންދެވިގެން ކުރިއަށްދަނީ ކުރީގެ ސަރުކާރުން ނުނިމި ހުރި މަޝްރޫޢުތަކުގެ މަސައްކަތްތަކެވެ. އައިއެމްއެފްއިން ޚަރަދު ކުޑަކުރުމަށް އިރުޝާދު ދެއްވައި، މި މަހުގެ 18 ވަނަ ދުވަހު ރިޕޯޓެއް ޢާންމުކުރެއްވި ނަމަވެސް، މިނިސްޓްރީ އޮފް ފިނޭންސްއިން ކުރިން ޢާންމުކުރައްވާފައިވާ ބަޖެޓުގެ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި، މިއީ ސަރުކާރުން މާކުރިން އަޅުއްވާފައިވާ ފިޔަވަޅެކެވެ.

އާސަންދައިގެ އިސްލާހުތަކާއި ގުޅޭގޮތުން ދީފައިވާ އިރުޝާދުތައް

އިޖްތިމާޢީ ޚަރަދުތައް އެކަށީގެންވާ ގޮތެއްގައި ބައްޓަންކުރުމަށް އިރުޝާދު ދެވިފައިވެއެވެ. 2023 ވަނަ އަހަރު ފެށިގެން އައީ ސަބްސިޑީ އިޞްލާޙުކުރުމުގެ އުންމީދާއެކު ކަން އާންމުންނަށް އެނގިވަޑައިގަންނަވާނެއެވެ. މި ގޮތުން، ސަރުކާރުން ވަނީ މި އިރުޝާދުތަކުގެ ކުރިންވެސް ބައެއް ފިޔަވަޅުތައް އަޅަން ފައްޓަވާފައެވެ. އޭގެ ތެރޭގައި އާސަންދަ ނިޒާމު އިޞްލާޙުކުރުން ހިމެނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ޓާގެޓެޑް ސަބްސިޑީ އުސޫލު ތަންފީޛުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަން އެކި ފަރާތްތަކުން ދައްކަވާ ވާހަކަތަކުން ދޭހަވެއެވެ.

ރިޔާސީ ބަޔާން އިއްވެވިއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކަށް ފަސްނުޖެހި، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމުގައި ކުރިއަށް ވަޑައިގަންނަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިއީ އާސަންދަ ނިޒާމުގެ އިޞްލާޙުތަކާމެދު އައި.އެމް.އެފްއިންވެސް ދެކެވަޑައިގަންނަވާ ގޮތެވެ. އިރުޝާދުތަކެއް ދެއްވުމުގެ ކުރިންވެސް މި މަސައްކަތްތައް ކުރިއަށް ގެންދަވަން ފައްޓަވާފައިވާއިރު، އެކަން އިތުރަށް ހަރުދަނާކުރައްވާނެކަންވެސް ރައީސް ވަނީ ޔަޤީންކޮށްދެއްވާފައެވެ. ސަރުކާރުގެ ހިއްސާވާ ކުންފުނިތައް (އެސް.އޯ.އީ) އިޞްލާޙުކުރުމަކީވެސް ދެވިފައިވާ އިރުޝާދެކެވެ. މިއީވެސް މާކުރިން ފެށިފައިވާ މަސައްކަތްތަކެކެވެ.

އެހެންކަމުން، މިއަދު ދިވެހިރާއްޖެ އޮތީ ރަނގަޅު މިސްރާބެއްގައިކަން ކަންކަން ބައްލަވާ ދެނެވަޑައިގަންނަވާ ފަރާތްތަކަށް ކަށަވަރުވާނެއެވެ. ރާއްޖޭގެ މަސައްކަތްތައް ކުރިއަށްދަނީ ކަމުގެ މާހިރުންގެ ވިސްނުންތަކާވެސް އެއްގޮތަށްކަން ޔަޤީންވެއެވެ. އިރުޝާދުތައް ދެއްވުމުގެ ކުރިން ފިޔަވަޅުތަކެއް އެޅިފައިވުމުން، މަސައްކަތްތައް ކުރެވެމުންދާ ދުވެލި ހަލުވިކަންވެސް ކަށަވަރުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: