ރަސްފަންނު މަރާމާތު ކުރުމަށްޓަކައި އެ ތަން ވަގުތީ ގޮތުން ބަންދުކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމައިފިއެވެ.
ރަސްފަންނު މަރާމަތު ކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިމިވަނީ އެ ދެތަނުގެ ހާލަތު ފެނި ހިތާމަކުރައްވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އާއިލީ ވަގުތުތަކެއް ހޭދަކުރެއްވުމަށްޓަކައި ސަލްޓަންޕާކު އަދި ރަސްފަންނަށް ޒިޔާރަތް ކުރެއްވުމަށްފަހު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެ ދެތަންވެސް ވީރާނާ ވަމުންދާކަމަށާއި އެ ދެ ސަރަހައްދަކީވެސް މާލޭގެ ތޮއްޖެހުމުގެ ތެރެއިން ރައްޔިތުންނަށް ބޮޑެތި ހިތްހަމަޖެހުންތަކާއި އުފާ ލިއްބައިދޭ ތަންތަން ކަމަށެވެ.
އެހެންކަމުން އެ ދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދެއްވާނެކަމަށާއި ކުރިއަށްވުރެވެސް ފުރިހަމަ ކޮށްދިނުމަށްޓަކައި މި ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް 22 ފެބްރުވަރީ 2025 އިން 28 ފެބްރުވަރީ 2025 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން މިމަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ރަސްފަންނު ސަރަޙައްދު ބަންދުކުރެވޭކަން ވަނީ އިއުލާނުކޮށްފައެވެ.
ރައީސް މި ކަންބޮޑުވުން ހިއްސާކުރައްވާފައިވަނިކޮށް ދާދި ފަހުން މާލޭ ސިޓީ ކައުންސިލުން ވަނީ ސަލްޓަންޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދުމަށްވެސް އިއުލާނުކޮށްފައެވެ.
ރަސްފަންނާއި ސަލްޓަންޕާކު ތަރައްގީކުރުމުގެ މަސައްކަތްތަކުގައިވެސް ރައީސް މުއިއްޒުގެ އިސް ދައުރެއް އޮވެއެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދައުރުގައި ހައުސިންގް މިނިސްޓަރުކަމުގައި ހުންނެވިއިރު އެތަންތަން ތަރައްގީކުރެވިގެންދިޔައީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންކަން ފާހަގަކުރެވެއެވެ.

