ފަލަސްތީނުގެ ރައްޔިތުން ޢައްޒާއިން ބޭރުކުރުމާއި ދެކޮޅަށް އަޑުއުފުލުމަށްޓަކައި އެއްބައިވަންތަކަމުގެ އުޅަނދުބުރެއް ބާއްވަން އިސްރާ އެސޯސިއޭޝަނުން ނިންމައިފިއެވެ.
އިސްރާ އެސޯސިއޭޝަނުން މައުލޫމާތު ދީފައިވާގޮތުން، މިއީ އެ އެސޯސިއޭޝަން އިސްވެ ބާއްވާ ހަރަކާތެއްކަމަށެވެ. އަދި ސޭވް ޢައްޒާގެ ނަމުގައި ކުރިއަށް ގެންދާ މިހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ހަވީރު 16:15ގައި ހުޅުމާލެ ފިތުރޯނުމަގުގެ ފެރީ ޓާމިނަލް ސަރަހައްދުންކަމަށްވެސް ބުނެފައިވެއެވެ.
އިސްރާ އެސޯސިއޭޝަނުން ބުނެފައިވާގޮތުން އިޒްރޭލާއި ހަމާސްއާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ނިންމައި ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމަށް ޝަރުތުކޮށް އެއްބަސްވުމެއް ގާއިމުކުރުމާއިއެކު ހަނގުރާމަ އޮތީ މެދުކެނޑިފައިކަމަށެވެ. އަދި 471 ދުވަހަށްފަހު ހަނގުރާމަ ހުއްޓާލުމާއި ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް އުފާވެރިކަން ލިބިގެން ގޮސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެ އެސޯސިއޭޝަނުން ބުނެފައިވާގޮތުން ކުރިއަށް އޮތް ތަނުގައިވެސް ފަލަސްތީނުގެ ހަނގުރާމައިގެ މައުލޫމާތު އާއްމުންނަށް ގެނެސްދިނުމާއި ފަލަސްތީނަށް އެހީވުމަށްޓަކައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި ވީޑިއޯ ކްލިޕްތައް އާންމުކުރުމުގެ އިތުރުން ދަރުސްތައް ބޭއްވުން ފަދަ ކަންކަން ކުރަމުންގެންދާނެކަމަށެވެ.
އިޒްރާއީލުން ފަލަސްތީންގެ ރައްޔިތުންނަށް ދެމުންދިޔަ އަނިޔާގައި ފަލަސްތީނުގެ ތަޢުލީމީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކާއި ޢާންމު ޚިދުމަތްދޭ ތަންތަނަށްވަނީ ވަރަށް ބޮޑަށް ވީރާނާ ކޮށްލާފައިކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި ނޫސްވެރިންނަށްވެސް ހަމާލާތައް އަމާޒު ކޮށްފައިވާކަމަށާއި އެހެންކަމުން ޙަމަލާތައް ހުއްޓާލަންޖެހި އެބައިމީހުން ކުޑަކަކޫމައްޗަށް ތިރިވެ ޞުލްޙައިގެ އެއްބަސްވުމަކަށް ދިޔުމަކީ ލިބިފައިވާ ބޮޑު ނަސްރެއްކަމަށް ހިއްސާކޮށްފައިވެއެވެ.
އިސްރާއިން ބުނެފައިވާގޮތުން މުޖާހިދުންނާއި ޣައްޒާގެ ރައްޔިތުން ފާހަގަ ކުރަމުންދާ މި ނަޞްރުގައި ބައިވެރިވުމަކީ މުސްލިމުންގެ ހިތްތަކަށް އުފާވެރިކަން ގެނުވާނެކަމެއް ކަމަށާއި މިއީ ޣައްޒާގެ ރައްޔިތުންގެ ހިތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީ އަކަށް ވެގެންދާނެކަމަށެވެ.
އިސްރާ އެސޯސިއޭޝަނަކީ ފަލަސްތީނުގެ ހައްގުގައި ތަފާތު އެކި ހަރަކާތްތައް ބާއްވަމުންގެންދާ ޖަމުއިއްޔާއެކެވެ. މީގެ ކުރިންވެސް އެ ޖަމުއިއްޔާއިން ވަނީ ތަފާތުއެކި ހަރަކާތްތައް ފަލަސްތީނުގެ ހައްގުގައި ކުރިއަށް ގެންގޮސްފައެވެ.

