މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި، މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީން ބުނެފިއެވެ.
މާލެ ސަރަހައްދުގައި ކޮތަރުތަކުގެ ތެރޭގައި ބަލި ފެތުރެމުންދާކަން ފާހަގަކޮށް އެނިމަލް ވެލްފެއަރ މިނިސްޓްރީން ސޯޝަލްމީޑިއާގައި އާންމުކޮށްފައިވާގޮތުން ބަލި ޖެހިފައިވާ ކޮތަރުތައް އެކި ސަރަހައްދުތަކުން ފެންނަމުންދާކަމަށެވެ. އަދި އެކަން ސަމާލުކަމަށް އައުމާއިއެކު ސަަބަބު ދެނެގަތުމުގެ މަސައްކަތްތައް ފަށާފައިވާކަމަށާއި މަސައްކަތްތައް ނިންމާލެވޭހާ އަވަހަކަށް ތަފްސީލު އާންމުކުރާނެކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޯތަކުން ފެނިގެންދާގޮތުން ބަލި ޖެހިފައިވާ ކޮތަރުތަކުގެ ތުންގަނޑާއި ލޯކައިރީގައި އެއްޗެސްތަކެއް ނަގާފައި ހުއްޓެވެ. އަދި ނިގޫ ފަތްގަނޑު ދަށްވެސް ހަޑިވެފައިވާކަން ފޮޓޯތަކުން ފެނިގެންދާއިރު ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާކަންވެސް ފާހަގަކުރެވެއެވެ.

