ދިރާގުން ސެމްސަންގް ގެެލެކްސީ އެސް25 ލޯންޗުކޮށްފި އެވެ.
ސެމްސަންގް ގެލެކްސީ އެސް25 ލޯންޗުކުރުމުގެ ހަރަކާތުގައި ދިރާގުގެ ޑައިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގް ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، މިފޯނަކީ އެއައިގެ ބާރުވެރިކަން ލިބިފައިވާ ވަސީލަތެއްކަމަށެވެ. އަދި ފޯނުގެ ޗިޕްސެޓުވެސް ވަރުގަދަވެ، ހައިކޮލިޓީ ކެމެރާ ހުންނާނެކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިފަދަ ވަރުގަދަ ވަސީލަތެއްގެ ބޭނުން ހިފުމަށްޓަކައި ވަރުގަދަ ނެޓްވޯކްއެއްގެ ބޭނުން ހިފަން ޖެހޭނެކަމަށެވެ. އެގޮތުން ދިރާގުފަދަ ވަރުގަދަ ނެޓްވޯކްއެއް ބޭނުންކުރަން ޖެހޭނެކަމަށާއި އެ ކުންފުނީގެ ނެޓްވޯކަކީ ރާއްޖޭގެ އެންމެ ދުވެލި ހަލުވި ވިއުގަކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދިރާގުގެ ހިދުމަތްތައް ކުރިއެރުވުމަށްޓަކައި އިންވެސްޓްމެންޓް މަސައްކަތްތައް ކުރެވެމުން އަންނަނީ އެސް25 ފަދަ ވަރުގަދަ އީޖާދީ ވަސީލަތްތައް މެދުވެރިކޮށް އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެކަން ކަށަވަރުކޮށްދިނުމުގެ މަގުސަދުގައިކަމަށެވެ.
އެހެންކަމުން ރާއްޖޭގެ އާބާދީގެ 60 އިންސައްތައަށް އެ ކުންފުނީގެ 5ޖީ ހިދުމަތް ލިބޭކަމާއިމެދު އުފާކުރައްވާކަމަށާއި އެ ކުންފުންޏަކީ ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ ފުރަތަމަ 5ޖީ ތައާރަފްކުރި ކުންފުނިކަމަށް އޭނާ ވިދާޅުވިއެވެ.
މިރްޝާން ވިދާޅުވީ، އެ ކުފުންނިންދަނީ ވަސީލަތްތަކާއި އިންފްރާސްޓްރަކްޗާ ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރަމުންކަމަށާއި އެކަން ކުރުމުގެ މަގުސަދަކީ އެންމެ ރަނގަޅު ހިދުމަތެއް ކަސްޓަމަރުންނަށް ދެވޭކަން ޔަގީންކުރުންކަމަށެވެ.
ސެމްސަންގް އެސް25ގެ ސީޕީޔޫ މީގެ ކުރީގެ ފޯނުތަކަށްވުރެ 37 އިންސައްތަ ވަރުގަދަ ސެމްސަންގް އިން ބުނެެއެވެ. އަދި އޭއައި ޕްރޮސެސިންގްވެސް 40 އިންސައްތަ އަވަސްވާނެކަމަށް ހިއްސާކުރާއިރު ގީޕީޔޫ ނުވަތަ ގްރެފިކްސް ބަލަހައްޓާ ނިޒާމުވެސް 30 އިންސައްތަ ރަނގަޅުވާނެކަމަށް ފާހަގަކޮށްފައިވެއެވެ. މިފޯނުގައި ބޭނުންކުރާނީ ސްނެޕް ޑްރެގަން 8 އެލީޓް ސީޕީޔޫއެކެވެ.

