ދެގައުމުގެ ދެމެދު ކުރެވޭ މާލީ މުއާމަލާތްތަކަށް ލޯކަލް ކަރަންސީ ސެޓަލްމެންޓު އުސޫލުގެ ބޭނުންހިފުމަށް ސްރީލަންކާގެ ސަރުކާރުން ރާއްޖޭގެ ސަރުކާރުގެ ކިބައިން އެދިފިއެވެ.
ސްރީލަންކާގެ ނޫސްތަކުން ބުނާގޮތުން ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ އަބްދުﷲ ހަލީލްވަނީ އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހާރިޖީ ވަޒީރުގެ ގޮތުގައި ހުންނެވި ވިޖިތާ ހެރާތްއާއިއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިކަމަށެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި މަސައްކަތްކުރާ އެ ގައުމުގެ ރައްޔިތުންނަށް ގައުމަށް ފައިސާ ފޮނުވުމުގައި ދަތިތައް ހުރިކަން ވިޖިތާ ހިއްސާކުރެއްވިއިރު، ދެ ގައުމުގެ ދެމެދު ކޮރޮސް ބޯޑާރ ޓްރާންސެކްޝަންތައް ހެދުމަށްޓަކައި އެ ގައުމެއްގެ ފައިސާއިން މުއާމަލާތްކުރެވޭ ގޮތް ހެދުމަށް މިނިސްޓަރ ހަލީލްގެ ކިބައިން އޭނާ އެދިވަޑައިގެންނެވިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.
ސްރީލަންކާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ސްކިލްޑް ޕްރޮފެޝަނަލްސް ހޯދުމުގައި އެންމެ ފާހަގަކުރެޥޭ އެއް ގައުމެވެ. ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާގައި އެ ގައުމުގެ އެތައް ސަތޭކަ ރައްޔިތުންނެއް ޝާމިލުވެއެވެ. ނަމަވެސް ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެފައިވުމުން ރާއްޖެއިންވަނީ ބޭރު ގައުމުތަކަށް ފައިސާ ފޮނުވުމުގައި ލިމިޓުތަކެއް ކަނޑައަޅާފައިކަންވެސް ނޫސްތަކުން ފާހަގަކުރެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އެކްސެކިއުޓިވް ފަންތީގައި ގިނަ އަދަދެއްގެ ލަންކާ ރައްޔިތުން ހަރަކާތްތެރިވާއިރު އެފަދަ ވަޒީފާތައް އަދާކުރާ މީހުންނަށް މަހެއްގެ މައްޗަށް ތިންހާސް ޑޮލަރާއި ގާތްކުރާ އަދަދެއް ދިވެހި ރުފިޔާއިން މުސާރައިގެ ގޮތުގައި ލިބޭކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ. ސްރީލަންކާގެ ނޫސްތަކަށް ދެއްވި އިންޓަރވިއުއެއްގައި އެ ގައުމުގެ ފޮރިން މިނިސްޓަރ ވިޖިތާ ވިދާޅުވީ، ކޮރޮސް ބޯޑާރ ޓްރާންސެކްޝަންތައް ހެދުމުގައި ލަންކާ ރުޕީސް އަދި ދިވެހި ރުފިޔާގެ ބޭނުން ހިފޭނެ ގޮތަށް ކަނޑައަޅައިދިނުމުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށެވެ.

