މިއީ ހިސާބު އެނގޭ ސަރުކާރެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޔައުގޫބް ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މަޝްރޫއުތައް ހިންގިފައިނުވަނީ އެމްޑީޕީން ފާސްކޮށްފައިވާ ބަޖެޓުގެ ސަބަބުންކަމަށް ބުނަމުން ގޮސްފައިވާ ކަމަށާއި، މިހާރު މި ފާސްކޮށްފައިވަނީ ސަރުކާރުން ބޭނުންވާފަދަ ބަޖެޓެއް ކަމަށެވެ.
ރިޔާސީ ބަޔާނުގައި ވިދާޅުވި މިވެނި ކަމެއް ކުރާނަމޭ، އެކަމަކު އަޅުގަނޑުމެންނަށް ފެނިގެން ދޭތާ ނުވާތަން
ޔައުޤޫބު ވިދާޅުވީ، ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނަށް ބަލާއިރުވެސް ރައްޔިތުންގެ ތަކުލީފުތަކަށް ތަސައްލީއެއް ލިބޭނެފަދަ އެއްވެސް ކަމެއް ހިމެނިފައިނުވާ ކަމަށެވެ.
ޔައުޤޫބު ވަނީ މި އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރެއްކަމަށް ސަރުކާރުން ބުނަމުންދާ ވާހަކަތަކަށް ރައްދުދެއްވާފައެވެ. އެގޮތުން މިއީ ހިސާބު އެނގޭ ސަރުކާރެއް ނޫންކަމަށް ޔައުޤޫބު ވިދާޅުވިއެވެ. އަދި ބަޖެޓުން ބޯހިޔާވަހިކަމަށް ޙައްލު އަންނާނެ މަންޒަރު ނުފެންނަކަމަށްވެސް ޔައުޤޫބު ވިދާޅުވިއެވެ.
ޔައުޤޫބު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ދޮގުހެދުން ނޫން އެހެންކަމެއް ނުކުރާ ކަމަށެވެ. އެގޮތުން ފްލެޓު ލިސްޓު އިއުލާނު ކުރާނެކަމުގެ ވާހަކައިގައިވެސް ސަރުކާރުން ދޮގުހަދަމުންދާކަމަށް ޔައުޤޫބު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ރައްޔިތުންނަށް ދޫކުރި 4،000 ފްލެޓުގެ މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު، މިހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ފްލެޓު ލިސްޓު އިއުލާނު ކުރައްވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، ލިސްޓުގެ ޞައްޙަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިޢުލާނު ކުރެވޭނެ ކަމަށެވެ. އަދި ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ޙަވާލު ކުރަމުން ގޮސް މި އަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ޙައްޤުވެރި ފަރާތްތަކާ ޙަވާލުކޮށް ނިންމާލެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

