ހޯޕް އައިލެންޑް މަޝްރޫޢު އުތުރުތިލަފަޅުގައި ހިންގުމަށް ހުށައެޅުމަށް ރާވަމުންދާކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ބައްޓަންކުރުމަށާއި ފަރުވާ އަދި އިސްލާހީ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ގޮތުން ސަރުކާރުންވަނީ ހޯޕް އައިލެންޑްގެ ނަމުގައި މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މީގެ ކުރިން މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވަނީ ދ ވާނީގައި ނަމަވެސް މިހާރު އެ ހިޔާލަށް ބަދަލުތަކެއް ގެނެސް މާލެ ސަރަހައްދުގައި އޮންނަ އުތުރުތިލަފަޅުގައި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ރާވަމުންދާކަން ހޯމް މިނިސްޓްރީންވަނީ ”ސަންގު“ އަށް ކަށަވަރުކޮށްދީފައެވެ.
މިވަގުތު މަޝްރޫޢު އޮތީ ޕްލޭންކުރުމުގެ މަރުހަލާގައިކަން ފާހަގަކޮށްފައިވާއިރު ދ ވާނީގެ ބަދަލުގައި އުތުރުތިލަފަޅުގައި ހިންގުމަށް ނިންމާނީ ކެބިނެޓުންކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ހޯމް މިނިސްޓްރީން އެކަން އުތުރުތިލަފަޅުގައި ހިންގުމަށް ހުށައަޅާނެކަން ހާމަކޮށްފައިވެއެވެ.
މީގެ ކުރިން ސަރުކާރުގެ ފަރާތުން މި މަޝްރޫޢުއާއި ގުޅޭގޮތުން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު ހޯޕް އައިލެންޑުގައި އެއް ވަގުތެއްގައި 400 ކުއްޖަކަށް ރީހެބިލިޓޭޝަން ހިދުމަތްތައް ދެވޭނެކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ. މިތަނަށް ގެންދިއުމަށް ކަނޑައަޅާފައިވަނީ 18 އަހަރުން ދަށުގެ ކުދިންކަމަށްވާއިރު އުމުރުފުރާ ހަމަވުމުން ގައުމީ ހިދުމަތަށް ނެރުމުގެ ވިސްނުން ގެންގުޅޭކަންވެސް ފާހަގަކުރެވެއެވެ.

