މޯލްޑިވްސް ޕޯސްޓު އޮފީހުގެ ކުރީގެ މެނޭޖްމަންޓުން ގަވައިދާއި ހިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާފައިވާ ގިނަ މައްސަލަތަކެއް އެ ކުންފުނިން ފެންމަތިކޮށްފިއެވެ.
ޕޯސްޓު އޮފީހުން އާންމު ކުރި ބަޔާނުގައި ވަނީ ކުރީގެ މެނޭޖްމަންޓުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައި ހުރި ބައެއް މައްސަލަތަކުގެ ތަފްސީލު ހިއްސާކޮށްފަ އެވެ. އެގޮތުން ކުންފުނީގެ ވަޒީފާއަށް އިންޓަވިއު ކުރުމަކާއި ނުލައި ވަޒީފާއަށް އޮއުލާނު ވެސް ނުކޮށް މެނޭޖިން ޑިރެކްޓަރަށް ލިބިގެންވާ ބާރުގެ ދަށުން މެރިޓް އުސޫލުގެ ބޭރުން 49 މީހަކަށް ވަޒީފާ ދީފައިވާކަމަށް ބުންޏެވެ.
ބަޔާނުން އެނގޭ ގޮތުން ވަޒީފާ ދީފައި ވަނީ ކުންފުނީގެ އެންމެ ސީނިއަރ ލެވެލްގެ މަގާމުތަކަށެވެ. އަދި އެ މީހުންނަށް ދޭން ކަނޑައެޅި މުސާރަ އެކުލަވާލާފައި ވަނީ ގިނަ ދުވަސްވީ މުވައްޒަފުންނަށް ވުރެެން ބޮޑު އަދި ތަނުގެ އެހެން ވެރިންނަށް ވުރެ ވެސް ބޮޑުކޮށްކަމަށް ވަނީ ބުނެފައެވެ.
ބަޔާނުގައި ބުނެފައި ވަނީ މިފަދަ ހަމައެއް އުސޫލެއް ނެތި ވަޒީފާތައް އުފެއްދުމަކީ މެނޭޖިން ޑިރެކްޓަރަށް ލިބިގެންވާ ބާރެއް ނޫންކަމަށެވެ. މި ބަދަލުތައް ގެނެސްފައި ވަނީ ކުންފުނީގެ ހިއުމަން ރިސޯސަސް ޕޮލިސީއަށް ބަދަލުތައް ގެނެސްގެންކަމަށް ވާތީ، އެކަން އިސްލާހު ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒޭޝަން ބޯޑުން އަންގާފައިވާކަމަށް ޕޯސްޓު އޮފީހުން ވަނީ ބުނެފައެވެ.
އިތުރު އެހެން މައްސަލައަކަށް ބަޔާނުގައި ފެންމަތިކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކޮށްފައިވާ ޕޯސްޓު އޮފީހުގެ ފިހާރައަށް މުދާ ސަޕްލައި ކުރުމުގެ އެއްބަސްވުމެއްގެ މުއާމަލާތެވެ. އެގޮތުން ތްޙްފީޒުލް ގުރުއާނުލް ކަރީމް ކިޔާ ގުރުއާން ހިތުދަސްކޮށްދޭ ކުލާހަކާއި އެކު ކުރީގެ މެނޭޖްމަންޓުން އެއްބަސްވުމެއް ހެދިއިރު އެއީ، މުދާ ސަޕްލައި ކުރާ ފަރާތެއް ނޫންކަމަށް ވެއެވެ.
މީގެއިތުރުން ބަޔާނުގައި ބުނެފައި ވަނީ ސިޔާސީ މުވައްޒަފުންނަށް ގަޑި ނުޖެހުމުން ދޭ ފައިސާ، ގަޑި ޖެހުމުން ވެސް ދީފައިވާކަމަށެވެ. އެ މީހުން ގަޑިއަށް ނައައިކަމަށް ވިޔަސް އެޗްއާރު ސިސްޓަމް ތެރެއިން ގަޑިއަށް ބަދަލު ގެނެސްފައިވުން ފާޙަގަކުރިއެވެ.
ބަޔާނުގައި މި މައްސަލަތަކުގެ އިތުރުން ޕޯސްޓު އޮފީހުން ވަނީ ކުންފުންޏާއި ގުޅޭގޮތުން ދެކެވުނު ވާހަކަތައް ދިގުކޮށްފަ އެވެ. އޭގެ ތެރޭގައި މިހާރުގެ މެނޭޖްމަންޓުން ގާބިލު ނޫން މީހުންނަށް ވަޒީފާ ދޭ ވާހަކަ ހިމެނެއެވެ. އަދި ވިސިލްބްލޯ ކުރި މީހެއް ކުންފުނިން ވަކިކުރިކަމަށް ފެތުރޭ ވާހަކަ ވެސް ވަނީ ދޮގުކޮށްފައެވެ.

