އިންސާނީ ހައްގުތައް ކަށަވަރުކޮށް، ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުވެ ތިބޭނެކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، ސްވިޓްޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 58 ވަނަ ސެޝަންގެ ހައިލެވެލް ސެގްމަންޓްގައެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެއިން އެއްބަސްވެފައިވާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާއި ބެހޭ މުއާހަދާތަކާއި ހުރިހާ ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި މި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
މިނިސްޓަރު ވަނީ އިންސާނީ ހައްގުތަކަށް މަޖިލީހުގެ މެންބަރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކައުންސިލްގެ މަސައްކަތުގައި ބައިވެރިވުމަށް މަގުފަހިކުރުމަށްޓަކައި ވޮލަންޓްރީ ޓްރަސްޓް ފަންޑެއް ގައިމުކުރުމާއި ސާފުތާހިރު، ދުޅަހެޔޮ، ދެމެހެއްޓެނިވި ތިމާވެށްޓަކީ އިންސާނީ ހައްގެއްކަން ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމަށް ރާއްޖެއިން އިސްދައުރެއް އަދާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އިންސާނީ ހައްގުތައް ކުރިއެރުވުމަށާއި ޙިމާޔަތްކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފާހަގަކުރެއްވިއެވެ.
އެގޮތުން މިންތީގެ ހަމަހަމަކަމާއި އެކަށީގެންވާ ބޯހިޔާވަހިކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި ބައިވެރިކުރުން އިތުރުކުރުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓާއި އެވެށީގައި ދިރިއުޅޭ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުން ފަދަ އިޖުތިމާއީ ކަންކަމަށް ސަރުކާރުން ވަރަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ފަލަސްޠީނުގެ ހައްގުގައިވެސް ވަކާލާތު ކުރައްވާފައެވެ. އެގޮތުން ހަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ގެއްލިފައިވާ ފުރާނަތަކުގެ ވާޙަކަތައް ފާހަގަކޮށް މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

