ބެސްޓިނެޓް މައްސަލާގައި ކުރީ ސަރުކާރުން އިހުމާލުވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީއަށް) ހުށަހަޅުއްވާނެކަމަށް ހޯމް މިނިސްޓަރ އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާއި އެކު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީމައިގަނޑު ތިންކަމެއް ފާހަގަކޮށެވެ. އެގޮތުން އިހުސާންގެ ފަރާތުން މިދިޔަ އަހަރެއްގެ ތެރޭގައި މިނިސްޓަރެއްގެ ފަރާތުން ފެނިގެން ނުވާނެ އެތައް އަމަލެއް ފެނިފައިވާކަމަށް މައްސަލައިގައި ވެއެވެ.
އޭގެ ތެރެއިން އެއް ތުހުމަތަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރިކަމަށް ބުނާ ނުކުތާއެވެ.
އެ ނުކުތާއަށް ޖަވާބުދާރީވަމުން އަންގާރަ ދުވަހުގެ ޖަލްސާގައި އިޙްސާން ވަނީ އެކަމާ ގުޅޭ ބައެއް ލިއެކިއުންތަކާއި ސިޓީތައް ދައްކަވާފައެވެ.
މި އެގްރީމެންޓާ ގުޅިގެން 13.7 މިލިއަންގެ އިންވެސްޓްމެންޓެއް ކޮށްފައިވާތީ އެކަމާ ގުޅޭ ތަފްސީލް ހާމަކޮށް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އިމިގްރޭޝަނަށް މިދިޔަ ސަރުކާރުގައި އެ ކުންފުނިން ސިޓީ ފޮނުވާފައިވީނަމަވެސް އެ ސިޓީއަށް ސަރުކާރުން ޖަވާބު ދީފައި ނުވާކަމަށް އިޙްސާން ވިދާޅުވިއެވެ.
މީގެ އިތުރުން، މި ކަމުގެ ސަބަބުން ގާނޫނީ މައްސަލަތައް ނިކުތުމުގެ ފުރުސަތު އޮތުމުން ދިވެހި ދައުލަތަށް މާލީ ބުރައެއް އުފުލަން ޖެހިދާނެ ކަމަށް ވިދާޅުވެ އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު އޭރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ ލަފައެއް ހޯދުމަށް އެދިފައިވީނަމަވެސް އެކަމަށް އޭޖީންވެސް ލަފައެއް ދީފައިނުވާކަން އިޙްސާން ފާހަގަ ކުރެއްވިއެވެ.
އޭޖީގެ ލަފާ ނުލިބުމުން، އެކްސްޕެޓް ސިސްޓަމް ބަލަހައްޓަމުން ގެންދިޔަ އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ސިޓީވެސް ފޮނުވާފައިވެއެވެ.
އެންމެ ފަހުން އޭޖީ އޮފީހުން ލަފާ ދީފައިވަނީވެސް ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުނީގެ ލޯ ފާމަކުން ސިޓީ ފޮނުވި ފަހުންނެވެ.
މީގެ އިތުރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް އިމިގްރޭޝަނުން ހަމަ އެގޮތަށް ލަފައަކަށް އެދި ސިޓީ ފޮނުވާފައިވާ ކަމަށާއި، ނަމަވެސް ކުރީ ސަރުކާރު ނިމުނުއިރުވެސް އެ ސިޓީއަށް އެއްވެސް ޖަވާބެއް ދީފައިނުވާކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، މިދިޔަ ސަރުކާރުގައި ވަކީލުން މެދުވެރިކޮށް އެއްބަސްވުމަށް ހަދާނެ ގޮތަކާ މެދު ލިޔެކިޔުން ބަދަލުކޮށްފައިވާ ކަމަށާއި، ބަދަލުގެ ގޮތުގައި 13.7 މިލިއަން ޑޮލަރު ހޯދަން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވިއިރުވެސް އެކަމުގައި ގޮތްތަކެއް ނިމިފައެއް ނުވެއެވެ.
އެހެންކަމުން ބެސްޓިނެޓް ކުންފުންޏާ އެކު ހެދި އެއްބަސްވުމާ މެދު ގޮތެއް ނުނިންމައި އެކަމުގައި އިހުމާލުވި ކުރީ ސަރުކާރުގެ ވެރިންގެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވާނެ ކަމަށް އިޙްސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވާ ގޮތުގައި އެ ކުންފުނިން ރާއްޖެއަށް ދީފައި އޮތީ ދެ އިހުތިޔާރެކެވެ. އެގޮތުން އެއް ކަމަކީ 13.7 މިލިއަން ޑޮލަރުގެ އެ މީހުންނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކައި، އަދި ފަހުން 15 އަހަރު ދުވަހަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމެވެ.
ދެވަނަ އިހުތިޔާރަކީ އެހެން ހިދުމަތްތަކާއެކުގައި ”ފޮރިން ޕްލޭސްމަންޓް ސިސްޓަމެއް“ ރާއްޖޭގައި ގާއިމުކުރުމެވެ.
އެ ކަންކަން ރަނގަޅަށް ދިރާސާ ކުރުމަށްފަހު، މި ސަރުކާރުން ނިންމީ އެތައް މިލިއަން ޑޮލަރުގެ ބަދަލެއް ނުދީ، އެ ސިސްޓަމް ގާއިމުކުރުމަށެވެ. އާ ސިސްޓަމާއެކު ރާއްޖެއަށް އަންނަ ބިދޭސީ މަސައްކަތްތެރިންގެ އަތުން ލިބޭ ފައިސާ އެތައް ގުނައެއް އިތުރުވާނެ ކަމަށްވެސް އިޙްސާން ވިދާޅުވިއެވެ.

