ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސައްހައެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފާއިވާ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް މައްސަލަ ހުށައަޅާފައިވާ އަލީ ހުސެއިން ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފިއެވެ.
އަލީ ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކޯޓުން ނިންމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމާބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށްދީ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅުއްވާފައިވާ ކަމަށެވެ.
އަޅުގަނޑު ހުށައަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން، ޤއ ގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމާބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށް ވަގުތީ އަމުރެއް ނެރެދިނުމަށް ހުށައަޅައިފިން.
މި މައްސަލައިގައި ވަގުތީ އަމުރަކަށް އެދިފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން މަޖިލީހަށް ބިލެއްވެސް ވަނީ ހުށަހެޅިފައެވެ. އަދި އެ ބިލަށް ވޯޓު ނުދޭ މެމްބަރުން ޕާޓީން ވަކިކޮށް އެ މެމްބަރުންގެ ގޮނޑި ގެއްލުވާލާނެކަމުގެ ތުހުމަތުތަކެއްވެސް ވަނީ ފެންމަތިވެފައެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިމިވާ މައްސަލައިގައި އަލީ ހުސައިން ކޯޓުގައި ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން އޭނާ ވިދާޅުވީ، ގާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަ ކުރި ކަމަށް ފެނުނު ނަމަވެސް، އެއް ދުވަހެއްގައި ގާނޫނުއަސާސީއަށް އިސްލާހު ހުށައަޅައި ހަމަ އެދުވަހު މަޖިލީހުގައި ހިންގަންޖެހޭ ތިން ކިޔުން ހިންގާ، އަދި އިސްލާހު ފާސްކޮށް 9 ގަޑިއިރުގެ ތެރޭގައި އެކަން ތަސްދީގުކުރުމަކީ ގާނޫނުއަސާސީގެ މަފްހޫމަށް ބަލާއިރުއާއި އަދި ރައްޔިތުންގެ މަޖިލީހުގައި ހުރިހާ މެމްބަރުން ތިއްބަވާއިރު ފަހަތުގައި ލިޔެފައިވާ ”وَأَمْرُهُمْ شُورَىٰ بَيْنَهُمْ“ ގެ އުސޫލަށްވެސް ބަލާއިރު އިޖުރާއަތްތަކާއި އެއްގޮތަށް ފާސްކުރިކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަލީ ހުސައިންގެ ފަރާތުން މި މައްސަލަ ހުށަހަޅުއްވަމުން ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ، ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިމިވާ މައްސަލަ ބިނާވަނީ މައިގަނޑު 4 ސަބަބެއްގެ މައްޗަށް ކަމަށެވެ. އެގޮތުން މިއީ ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ޚިލާފު އިސްލާޙެއްކަމަށް ވަކީލު ވިދާޅުވިއެވެ.
އެއީ ގާނޫނުއަސާސީގެ ތަސައްވުރާ ދެކޮޅަށް އޮތް އަދި ވަކިން ހާއްސަކޮށް ގާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އޮނިގަނޑަށް ބަދަލުގެނުވާ ”ބޭސިކް ސްޓްރަކްޗަރ ޑޮކްޓްރިންއާ“ ހިލާފު އިސްލާޙެއްކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ވަކީލު ވިދާޅުވީ، މި އިސްލާޙުގެ ސަބަބުން އަންނާނީ ބަރުލަމާނީ ނިޒާމެއްގެ ސިފަތައް ކަމަށާއި، ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ. އަދި މި ކަންކަމުގެ ސަބަބުން ފޫނުބެއްދޭވަރުގެ ގެއްލުންތަކާ ދައުލަތުން ކުރިމަތިލާންޖެހޭ ފަދަ ޙާލަތްތައް އައިސްދާނެކަމަށް ވަކީލު ވިދާޅުވިއެވެ.
މި އިސްލާޙުގައި މެމްބަރަކު ސިޔާސީ ޕާޓީތަކުން ވަކި ކުރުމުން ގޮނޑި ގެއްލޭކަމަށް ބަޔާންކޮށްފައިވާއިރު، އެކަމުގެ އެއްވެސް ތަފްސީލެއްވެސް އެނގެން ނެތް ކަމަށާއި، މުތުލަޤަށް ސިޔާސީ ޕާޓީއަށް އެ ބާރު ދެވިފައިވާކަމަށްވެސް ވަކީލު ވިދާޅުވިއެވެ. އެގޮތުން އިސްލާޙުގައި އޮތީ ޤާނޫނުގައިވާ ގޮތުގެ މަތިން ވަކި ކުރުން ކަމަށްވާއިރު، މި ޙާލަތުގައި އަމަލުކުރާނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށްކަމަށް ވަކީލު ވިދާޅުވިއެވެ. އަދި ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބޮޑަށް ބިނާވަނީ ޕާޓީތަކުގެ އަސާސީ ޤަވާއިދާ ހިންގާ ޤަވާއިދަށް އަމަލުކޮށް، އެ ޕާޓީތަކަށް ބާރުތައް އޮންނަ ގޮތަށް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

