އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅީ ރައީސް ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން ކުރެވޭ މަސައްކަތްތައް އެމްޑީޕީއަށް ހަޖަމު ނުވުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ޝުޖާއު ވިދާޅުވީ، އެމްޑީޕީއިން ކޮށްފައިވާ އެއްވެސް ސުވާލަކަށް އިހުސާން ޖަވާބު ނުދެއްވާކަމަށް އެ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރު ވިދާޅުވަމުންދާކަމަށެވެ. ނަމަވެސް ވަޒީރު އިހުސާންވަނީ ކޮންމެ ސުވާލަކަށްވެސް ވަކިވަކިން ޕޮއިންޓުތައް ފާހަގަކުރައްވައި ހެކިވެސް ހުށައަޅުއްވާފައިކަމަށް ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ، އެ ޖަވާބުތައް އަޑުއެހުމަށްޓަކައި ހިމޭނުން ތިބުމުގެ ގާބިލުކަން އެމްޑީޕީގެ މެމްބަރުންގެ ކިބައިގައި ނެތުމުން މިއީ ސިޔާސީ ވިސްނުމެއްގައި ހުށައެޅިފައިވާ މައްސަލައެއްކަން ފެނިގެންދާކަމަށެވެ. އަދި ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ ޝަމްހީދު މި މައްސަލައާއި ގުޅުންހުރި ތަފާސް ހިސާބުތަކެއް ހިއްސާކުރައްވާފައިވާއިރު އެމަނިކުފާނަކީ އާންމު ގޮތެއްގައި އިތުރުފުޅުތައް ހިމެނޭގޮތަށް އެފަދަ ހިސާބުތައް ހުށައަޅުއްވާ ބޭފުޅެއްކަމަށް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، އެމްޑީޕީގެ ދައުރުގައި ރާއްޖެއަށް އެތެރެވާ ބިދޭސީންގެ މައުލޫމާތު ބަލަހައްޓާ ނިޒާމަށް ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން މިނިސްޓަރ އިހުސާންގެ ވާހަކަތަކުން އެނގޭކަމަށެވެ. ޝުޖާއު ވިދާޅުވީ، އެޕާޓީން ދެވަނަ ކަމެއްގެ ގޮތުގައި ކަންބޮޑުވެގެން އުޅުނީ ޕީއެންސީއަށް މެމްބަރު އިތުރުވަމުންދިއުމާއި ގުޅިގެންކަމަށެވެ. ނަމަވެސް ހަގީގަތަށް ބަލާއިރު ޕާޓީއަށް ރައްޔިތުންގެ ތެރޭގައި އޮތް ތާއީދު އިތުރުވެ ގިނަ އަދަދެއްގެ މެމްބަރުން ގުޅިވަޑައިގެންނެވި މަންޒަރު ދިވެހި ރައްޔިތުންނަށް ފެނިގެންގޮސްފައިވާނެކަމަށާއި މައްސަލަތަކެއް ފާހަގަކުރެވޭނަމަ އެ މައްސަލަތަކެއް ހުށައެޅުމަށް ހުޅުވާލާފައިވެސް ވާނެކަމަށް ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ، އެއީ މީގެ ކުރިން ސިޠާސީ ޕާޓީއަކުން އަޅާފައިވާ ފިޔަވަޅެއް ނޫންކަމަށާއި ޕީއެންސީއަކީ ސިޔާސަތުތައް ވިއްކައިގެން ކުރިއެރުމަށްޓަކައި މަސައްކަތްކުރާ ޕާޓީއެއްކަމަށެވެ.
ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންވަނީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅުމަށްފަހު ވަޒީރު އެކަންކަމަށް ޖަވާބުދެއްވަން ފެށުމާއިއެކު ފްލޯ ދޫކޮށް ގޮސްފައިކަމަށެވެ. އެހެންކަމުން މައްސަލައެއް ހުށައެޅިފައިވަނީ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތުމުންކަމަށް ގަބޫލުނުކުރެވޭކަމަށާއި މިއީ ރައީސް ޑރ މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގައި ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރެއްވުމަށްޓަކައި ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތްތައް ހަޖަމު ނުކުރެވޭކަމަށްވުމުން ހުށައަޅާފައިވާ މައްސަލައެއްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

