ބެސްޓިނެޓާއިއެކު އެއްބަސްވުން އެކުލަވާލީ ވެރިންގެ ޖީބަށް އެތައް މިލިއަން ޑޯލަރެއް ވަންނާނެހެންކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރ އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅިއިރު، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުންވެސް ފާހަގަކޮށްފައިވެއެވެ. މިކަމަށް ޖަވާބުދާރީވެ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި މަސައްކަތް އަނެއްކާ ބެސްޓިނެޓާއި ހަވާލުކުރީ ގެއްލުން ކުޑަކުރުމަށްޓަކައިކަމަށެވެ.
މި ވާހަކަތަކަށް ރައްދުދެއްވާ ޝަމްހީދު ވަނީ ބެސްޓިނެޓުގެ މައްޗަށް ކުރެވިފައި ހުރި ތުހުމަތުތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން ރައްޔިތުންނަށް އޮޅުވާލައިގެން، ދައުލަތުން އެއްބަސްވުމެއް އެކުލަވާލާފައިވަނީ އެއްވެސް ބަޔަކު ބަލައިގަންނަ ކުންފުންޏަކާއިއެކު ނޫންކަމަށް ޝަމްހީދު ވިދާޅުވިއެވެ. އިހުސާން އެ ކުންފުނި ޕްރޮމޯޓުކުރި ނަމަވެސް އެއީ މަނީ ލޯޑަރިންއާއި، ކޮރަޕްޝަންގެ އެތައް ތުހުމަތުތައް ކުރެވޭ ކުންފުންޏެއްކަމަށް އޭނާ ވިދާޅުވިއެވެ.
ބެސްޓިނެޓާއި މި މަސައްކަތް ހަވާލުކުރީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިވެހި ދައުލަތުން ދައްކަން ޖެހޭ ފައިސާގެ އަދަދު ވަރަށް ބޮޑުވެފައިވާތީކަމަށް އިހުސާން ވިދާޅުވިކަމަށް ޝަމްހީދު ފާހަގަކުރެއްވިއެވެ. ރައްދުދެއްވާ ވިދާޅުވީ މިހެން އެތައް ކަމެއްގައި ގެއްލުމުގެ ބަދަލު ދޭން ޖެހިފައި ހުންނާނެކަމަށެވެ. އެގޮތުން ގެއްލުމުގެ ބަދަލަށް އެދި އޭނާވެސް ދައުލަތަށް ހުށައަޅާފައިވާނެކަމަށާއި، ނަމަވެސް އެކަމަށް ދައުލަތުން އެއްވެސް ޖަވާބެއް ދީފައި ނުވާކަމަށް ވިދާޅުވިއެވެ. ގެއްލުމުގެ ބަދަލު ދިނުމަށް އެތައް ކުންފުންޏަކުން އެދިފައިވާނެކަމަށް ފާހަގަކޮށް ޝަމްހީދު ވިދާޅުވީ އެއީ ދޭ އެއްޗެއް ނޫންކަމަށެވެ.
އެކަހަލަ އެތައް ހާސް ސިޓީއެއް ހުންނާނެ ރައީސް އޮފީހަށް ފޮނުވާފަ، ކުންފުނިތަކުން ބަދަލު ހޯދަން. އެ ދޭ އެއްޗެއް ނޫން.
ޝަމްހީދު ވިދާޅުވިއެވެ.
ޝަރީއަތުން ބޭރުން ހޯދާފައިހުރި ބަދަލު ދިނުމުގެ އެއްބަސްވުންތަކަކީ އުފެދުމުގައިވެސް ބާތިލް ލިޔެކިޔުންތަކެއްކަމަށް މަޖިލީހުން ނިންމި ނިންމުމަކާއިއެކު ބަންޑާރަ ނައިބުގެ އޮފީހުން ކަނޑައަޅާފައިވާކަމަށް ފާހަގަކޮށް ޝަމްހީދު ވިދާޅުވީ، އެހެންކަމުން މިނިސްޓަރު އެ ވިދާޅުވަނީ ބާތިލް އެއްބަސްވުމެއްގެ ދަށުން ދޭން އެދިފައި އޮތް ބަދަލެއްގެ ވާހަކަކަމަށެވެ.
460 މިލިއަން ރުފިޔާ އެ ސޮފްޓެވެއާ ބޭނުންކުރުމަށްޓަކައި ދިވެހި ސަރުކާރުން އެ ކުންފުންޏަށް ދޭން ޖެހޭކަމަށް ބުނާ ވާހަކަ އިހުސާން ދޮގުކޮށްފައިނުވާކަމަށާއި، ދައުލަތަށް މި އެއްބަސްވުމުގެ ސަބަބުން ފައިދާ ލިބޭނެކަމަށް އެ ވިދާޅުވަނީ ނަގާ އިތުރު ފީތަކުގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ.
މި އެއްބަސްވުން އެކުލަވާލާފައިވަނީ ވެރިންގެ ޖީބަށް އެތައް މިލިއަން ޑޮލަރެއް ވަންނަ ގޮތަށްކަމަށް ޝަމްހީދު ތުހުމަތު ކުރެއްވިއެވެ.

