ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް، ހަމަހަމަ އުސޫލެއްގެ ތެރެއިން ކަންބޮޑުވުންތައް ހައްލު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރިނބިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ ރަނގަޅު ޕްލޭނަކާއި އެކު ސިޔާސަތެއް އެކުލަވާލައި ނަތީޖާ ނެރެން ކަމަށެވެ. އަދި ރައްޔިތުންގެ ގާތަށް ގޮސް ކަންބޮޑުވުންތައް އަޑުއަހައި ސަރުކާރަށް އެޅެން އޮތް އެންމެ އަވަސް ފިޔަވަޅު އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ބައެއް ރަށްތަކުގައި އާބާދީ ކުޑަވުމުގެ ސަބަބުން މީގެ ކުރިން އަޅާނުލައި ދޫކޮށްލާފައި އޮތް ނަމަވެސް ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއްގެ ގޮތުގައި ދެކި އެއް އުސޫލަކުން ތަރައްގީ ގެނެސްދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރިނބިދޫގެ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ރައީސް، ވިދާޅުވީ ސިއްހީ ދާއިރާއަށް ބަޖެޓުގެ ތެރެއިން ސަމާލުކަމެއް ދެވިފައިވާއިރު ރަށްތަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ކުރެވިގެންދާނެކަމަށެވެ. އަދި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމުގެ އަމަލީ މަސައްކަތް ޖޫން މަހު އެންމެ ލަސްވެގެން ފަށާނެކަމުގެ ޔަގީންކަން ދެއްވިއެވެ. ނުވަތަ އެއަަށް ވުރެ އަވަހަށް މަސައްކަތް ފައްޓަވާނެކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަޝްރޫއު ފެށުމަށް ފަހު، ދެން އެއްވެސް ހުއްޓުމެއް ނައައިސް އަވަސް ސްޕީޑެއްގައި މަސައްކަތް ނިންމާވެލޭނެކަމަށެވެ.
މީގެއިތުރުން ފިޓްނެސް ރިކްރިއޭޝަން ސެންޓަރެއް ރިނބިދޫގައި އެޅުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގައި ރައީސް ވިދާޅުވީ ކައުންސިލާއި ވާހަކަ ދެއްކުމުން ރިނބިދޫގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ އެއީކަން އެނގިގެން ދިޔަކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލު ކުރުމަށްޓަކައި، ބިންތައް ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ރަށަށް ވަރަށް އަވަހަށް ޓީމެއް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންވެ ހުރިހާކަމެއް ވެސް ހައްލުވާ ގޮތަށް މަސައްކަތް ކުރާނަން. ކޮންމެ ރައްޔިތެއްގެ ވެސް ހައްގު ހޯދައިދޭނަން.. މި ގޯތިތަކުގެ މައްސަލަ ހައްލު ވާނެ..
ދަތުރުފަތުރުގެ ނިޒާމު ގާއިމު ކުރުމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ހުރިހާ ރަށެއްގައި އާރުޓީއެކްގެ ހިދުމަތް މި އަހަރު ގާއިމު ކުރުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ވަރަށް އަވަހަށް ދ. އަތޮޅުގެ ރަށްތަކަށް އާރުޓީއެލް ފެރީގެ ނިޒާމަކުން ގުޅުވާލެވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކުރިޔަށް އޮތީ ރަމާޟާން މަސްކަމަށްވާއިރު، އޭގެ ކުރިން ހުރިހާ ރަށެއްގެ ވެސް ކަރަންޓުގެ މައްސަލަ ހައްލު ކުރެވޭނެކަމަށް ރިޔާސީ ބަޔާނުގައި ވިދާޅުވި ވާހަކައަށް މިއަދުގެ ޖަލްސާގައި ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރިނބިދޫއަށް ވެސް ބޭނުންވާ ޖެންސެޓު ގެނެސް ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިނބިދޫ ކައުންސިލްގެ ރައީސް އަހުމަދު އިޤްބާލް އަބްދުލް ގައްޔޫމް ވިދާޅުވީ، ނިމިދިޔަ ދައުރުގައި ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލު ކުރުމަށް ތަކުރާރުކޮށް އެދުމުން ވެސް އެ ފުރުސަތު ލިބިފައި ނުވާކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާއި ހަމައަށް ގެންގޮސް ދޭނެ އެއްވެސް މަގެއް އޭރު ނެތްކަމަށް ވިދާޅުވިއެވެ.
އެހެން ނަމަވެސް ރައީސް މުއިއްޒުގެ ފަރާތުން ކައުންސިލަށް އަބަދުވެސް އެއްބާރުލުން ލިބޭކަމަށް އިގްބާލް ވިދާޅުވިއެވެ. އަދި ރަށުގެ ރައްޔިތުންގެ ކޮންމެ ހުށަހެޅުމެއް، ރައީސާއި ހަމައަށް ގެންދެވުމާއި އެކު އެކަން އަޑުއައްސަވައި ހައްލު ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދޭކަމަށް ވިދާޅުވިއެވެ.

