ސުޕްރީމް ކޯޓުގެ ނިންމުމެއްގެ ސަބަބުން މުޖުރިމަކު މިނިވަންވެ ގޭގެ ފެންޑާގައި ސިޓްކޮމް ގޮތަށް ސިޔާސީ ޖަލްސާތައް ބާއްވަމުންދާ މަންޒަރު ފެންނަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން މެމްބަރު ނާޒިމް ވިދާޅުވީ، މަޖިލީހުގެ އިމްތިޔާޒްތަކާއިމެދު ސުޕްރީމްކޯޓުން ސުވާލު އުފެއްދި މަންޒަރު މިފަހުން ފެނިގޮސްފައިވާނެކަމަށެވެ. އެގޮތުން ގާނޫނުއަސާސީގައި ރާއްޖޭގެ ދީނަކީ އިސްލާމް ދީންކަމަށް ބަޔާންކޮށްފައިވާއިރު އެނޫން ގޮތަކަށް މަޖިލީހުން ނިންމައިފި ހާލަތެއްގައި އެ މައްސަލަވެސް ނުބެލޭނެތޯ ސުވާލުކޮށްފައިވާކަމަށް ހިއްސާކުރެއްވިއެވެ. ނާޒިމް ވިދާޅުވީ، މަޖިލީހުގައި ބަހުސްކުރެވޭނީ އިސްލާމީ ކަންކަމާއި ހިލާފުނުވާ ގޮތެއްގެ މަތިންކަން ސާފުކޮށް ބަޔާންކޮށްފައިވާއިރު އެ ސުވާލު އުފެއްދުމުން ސުޕްރީމްކޯޓުގެ ބެންޗާއިމެދު ވިސްނާލަން ޖެހޭކަމަށެވެ.
މެމްބަރު ވިދާޅުވީ، މިއީ މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެންމެ މުނާސަބު ވަގުތަށް ނުވެދާނެކަމަށެވެ. ނަމަވެސް ޕީއެންސީގެ ސަރުކާރެއް އިންތިހާބުކޮށް މަޖިލީހުގައި ސުޕަރ މެޖޯރިޓީ ދީފައިވަނީ މިގޮތަށް ހުރި ކަންކަން އިސްލާހުކުރުމަށްޓައިކަމަށާއި ސިޔާސީ އޮއެވަރެއްގައި ޖެހެން ނުވާ ބަޔަކު އެ އޮއެވަރުގައި ޖެހި ލެނބިގެންދާތަން ފެނިގެންދާކަމަށެވެ. އަދި ސިޔާސީ ވެރިން ޖަހަމުންދާ ބެރުތަކަށް ނެށުމަށް ތައްޔާރަށް ތިބިކަމުގެ ސިގްނަލްތައް ދެމުންދާތަންވެސް ފެނިގެންދާކަމަށެވެ.
ނާޒިމް ވިދާޅުވީ، މަޖިލީހުގައި ތިއްބެވީ ސިޔާސީ ބޭފުޅުންކަމަށާއި އެފަދަ މަސައްކަތްތައް ނިންމާނީވެސް މަޖިލީހުގައިކަމަށެވެ. ނަމަވެސް އެފަދަ ކަންކަމުން ބަރިއްޔަވެގެންވާ ބަޔަކަށް ފަނޑިޔާރުންވާންޖެހޭކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުވާކަން ފެންނަކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސުޕްރީމް ކޯޓަކީ ދައުލަތުގެ ތިން ބާރުން އެއްބާރުކަމަށާއި އެއީ ގާނޫނުއަސާސީން މުހިންމު މަސްއޫލިއްޔަތެއް މަތިކޮށްފައިވާ ފަރާތެއްކަމަށެވެ. އެގޮތުން މަރުގެ މައްސަލަތަކުގައި ނިހާއީ ހުކުމްތައް އިއްވާނީވެސް ސުޕްރީމް ކޯޓުންކަމަށް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ފާހަގަކުރައްވަން މަސައްކަތްކުރައްވަނީ އެކޯޓުގެ ނިންމުންތަކުގެ މުހިންމު މިންވަރުކަމަށާއި އެތަނުން ނިންމާ ނިންމުންތަކުގެ ސަބަބުން މުޖުރިމުން މިނިވަންވެ ގޭގެ ފެންޑާގައި ސިޓްކޮމް އުސޫލުން ޖަލްސާތައް ބާއްވާ މަންޒަރުވެސް ފެންނަމުންދާކަމަށެވެ. އެހެންކަމުން ކުށްވެރިން ދޫވެ ކުށްނުކުރާ ފަރާތްތައް ޖަލަށްލެވި ސިޔާސީ ކަންކަމުގެ ތެރެއަށްވަދެ ހުކުމްތައް ކުރަންފެށުމުން މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަސްޖެހިގެން ނުވާނެކަމަށެވެ.

