ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަދި ދާހިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން މިއަދު ހޮޅުދޫ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ހޮޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް ސައްތާރު މުހައްމަދު އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލަގައި އިންސާފު ހޯދައިދިނުމުގައި ފެއިލްވެފައިވާކަމަށް ބުނެ އެ ރަށުގައި ކޮންމެ ދުވަހަކުވެސް މުޒާހަރާކުރެއެވެ. މި މައްސަލައިގައި ޒަކިއްޔާގެ އާއިލާއަށްވެސް ތުހުމަތުކުރެއެވެ.
ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީތެރިކަން ހޯދަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ދާދި ފަހުން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން އެޗްއާރްސީއެމްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އަލްމަރްހޫމާ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ގާތްތިމާގެ މީހުންގެ ފަރާތުން ކޮމިޝަނަށް މި މައްސަލައިގެ ތަހްގީގު ދާގޮތާމެދު ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާކަމަށެވެ. އެހެންކަމުން މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް އެ ކޮމިޝަނުން ބެލުމަށް މި މައްސަލަ ކޮމިޝަނުން ތަހުގީގު ކުރަމުންދާކަމަށް އެޗްއާރްސީއެމްއިން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، މި މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކުޔުންތައް ދިވެހި ފުލުޚުންގެ ހިދުމަތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް ކޮމިޝަނުން މިހާރު ދިރާސާ ކުރަމުންދާކަމަށްވެސް އެ ކޮމިޝަނުން މައުލޫމާތުދެއެވެ. މި މައްސަލައިގައި ޒަކިއްޔާއަށް ހަމަލާދީ އޭނާ މަރާލި ކަމުގެ އެއްވެސް ހެއްކެތް މިހާތަނަށް ފެންނާން ނެތް ކަމަށް ދާދި ފަހުން ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވަނީ ޒަކިއްޔާ މަރުވެފައި އޮތްތަނުން ފެނުނު ވަޅީގަ އާއި އަދި ޒަކިއްޔާގެ ހެދުމުގައި ލޭ ނެތް ކަމަށް ރަށު ތެރޭގައި ތުހުމަތު ކުރެވުނު ނަމަވެސް، ވަޅި އާއި ހެދުމުގައި ގިނަ އަދަދެއްގެ ލޭ ހުރި ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ޒަކިއްޔާގެ ކައިރިން ފެނުނު ވަޅީގައި ހުރީ އޭނާގެ ލޭ ކަމަށް ތަހުލީލުތަކުން އެނގޭކަމަށާއި އެހެންނަމަވެސް ވަޅީގެ ފޮރެންސިކް ތަހުލީލުތައް އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.
ރަށުގެ ނަރުދަމާ ނިޒާމްގެ ތެރެއިން ފެނުނު ބުރުގާއަކީ ޒަކިއްޔާގެ އެއްޗެއް ކަމަށް އަޑުތައް ފުތުރުނަމަވެސް އެއީ އޭނާގެ އެއްޗެއް ނޫންކަން ތަހުގީގަށް ޔަގީންކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

