މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާންގެ މައްޗަށް އިތުބާރު އޮތްކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
މިނިސްޓަރ އިހުސާންގެ މައްޗަށް އިތުބާރު އޮތްކަމަށް ޖުމްލަ 64 މެންބަރުން ވޯޓު ދިނެވެ. އިތުބާރު ނެތްކަމަށް ވޯޓުދިނީ 11 މެންބަރުންނެވެ.
އިތުބާރު ނެތްކަމަށް ކަނޑައެޅުމަށް 47 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.
މި މައްސަލަ ހުށައެޅުއްވީ އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާއެކުއެވެ. މައްސަލައިގައި ފާހަގަކޮށްފައިވަނީ މައިގަނޑު ތިންކަމެކެވެ. އެގޮތުން އިހުސާން މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރާއި ދެ މަސް ތެރޭގައި މިނިސްޓަރަކު ކޮށްގެން ނުވާނެ އެތައް ކަމެއްކޮށްފައިވާކަމަށާއި، ގާނޫނު އަސާސީއާ ހިލާފުވެފައިވާކަމަށް މައްސަލައިގައި ބުނެފައިވެއެވެ.
އެގޮތުން ހިމެނޭ ކަންތައްތަކަކީ:
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުން
ލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުން
ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސް އަޅާފައިވުން
އެތައް ބައެއްގެ ޒާތީ މައުލޫމާތުތައް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާބޭސް ބޭނުންކޮށް ނަގައި، އެ މީހުންގެ ރުހުމަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދުން
މި މައްސަލައިގައި ޖަވާބުދާރީވުމަށް މިނިސްޓަރު ވަނީ މިއަދުގެ މަޖިލީހަށް ހާޒިރުވެފައެވެ. މިނިސްޓަރު ވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އެގޮތުން ޕީއެންސީއަށް މެންބަރުން ވެއްދުމުގައިވެސް އެއްވެސްކަމެއް ވަގަށް ކޮށްފައިނުވާނެކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނަށް ނުފޫޒު ފޯރުވާ ވާހަކައާއި، މައްސަލަތަކަށް ނުފޫޒު ފޯރުވާ ވާހަކަވެސް ދޮގު ކުރެއްވިއެވެ.
އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅިއިރު، ޑީއެންއާރުގެ ތެރޭގައި މިނިސްޓަރު އިހުސާން ހާޒިރުވެ އިންނަވާ ޕާޓީގެ މެންބަރޝީޕް ފޯމު ފުރަމުންދާ ފޮޓޯއެއް ވަނީ އާންމުވެފައެވެ.

