ރައްޔިތުންގެ މަޖިލީހުގައި ވިޕްލައިން އަޅަންޖެހޭ ގޮތް ކިޔައިދޭނީ ރައީސް އޮފީހުން ނޫންކަމަށާއި އެކަން އެއީ ޕާލިމެންޓަރީ ގުރޫޕުން ނިންމާ މަސައްކަތްތަކެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިކަން ފައްޔާޒް ފާހަގަކުރެއްވީ، ޝަރުއީ ނިޒާމަށް ބަދަލުތަކެއް ގެނައުމަށްޓަކައި މަޖިލީހަށް ހުށަހެޅިފައިވާ ބިލާއި، ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީއެންސީގެ މެންބަރުން ވޯޓުދެއްވި ގޮތާ ގުޅިގެންނެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވެފައިވަނީ ރައީސް އޮފީހުން ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވާކަމަށެވެ.
”ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރައްވަންވީ ގޮތް ކިޔައިދިނުމުގެ ބާރަކީ ރައީސްއަކަށް ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގެންފައިވާ ބާރެއް ނޫން،“ ފައްޔާޒް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ރައީސް ޑރ. މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ވޯޓު ނުދެއްވުމުގެ ސަބަބުން ޕީއެންސީގެ ފިޔަވަޅު އަޅާ ކޮމިޓީ މެދުވެރިކޮށް ވަކިކުރާ ކޮންމެ މެންބަރަކު އަލުން އިންތިޚާބުކުރުމުގައި އެމްޑީޕީން އެއްބާރުލުން ދޭނެކަމަށެވެ. އަދި މިފަދަ ހާލަތެއްގައި އަމަލުކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް އަމަލުކުރާނެކަމުގެ ޔަގީންކަން މެންބަރުންނަށް ދެއްވިއެވެ.
ފައްޔާޒް ވަނީ މެންބަރުން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ސާބިތުކަންމަތީގައި ދެމިތިބުމަށް އިލްތިމާސްކުރައްވާފައެވެ.

