ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދަށް ބަދަލު ގެނައުމަށް، ދެ ފަނޑިޔާރަކު ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލަށް ތާއީދުކޮށް ވޯޓު ދީފައި ނުވަނީ އެއީ ގާނޫނުއަސާސީއާއި ހިލާފު ނިންމުމެއްކަމަށް ގަބޫލު ކުރާތީކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
މި މައްސަލައިގައި އަޒާން އާންމު ކުރި ބަޔާނުގައި ބުނީ އޭނާ މަޖިލިސް އިންތިހާބުގައި ދާއިރާއަށް ދިނީ ހުރިހާ ރައްޔިތުންގެ ވެސް މަސްލަހަތު ހިމާޔަތް ކުރާނެކަމުގެ ޔަގީންކަން ކަމަށެވެ. އަދި ރައްޔިތުންނާއި ގާއުމީ މަސްލަހަތަށް ވުރެ އިސްކުރަން ޖެހޭ އިތުރު އެއްވެސް ކަމެއް ނޯންނާނެކަން އަބަދުވެސް ރައްޔިތުންނަށް ބުނެދީފައިވާނެކަމަށް އަޒާން ވިދާޅުވި އެވެ.
ކޯޓުތަކާއި ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު ވަކި ކުރުމަށް ފާސްކުރި ބިލު އަޒާން ސިފަކުރެއްވީ ގާނޫނުއަސާސީއާއި ހިލާފު ބިލެއްގެ ގޮތުގައެވެ. އަދި ވިދާޅުވީ އެ ބިލަށް ތާއީދު ނުކުރުމަށް ނިންމީ އޭނާ އިންތިހާބު ކުރި ރައްޔިތުންނާއި ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ދުވަސްވީ ވަކީލުން އަދި ޝަރުއީ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކޮށް، މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ އިތުރުން ދިވެހި ގައުމަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އެތައް ބައެއްގެ ލަފާގެ މަތީންކަމަށެވެ.
އަޒާން ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކާއި ގުޅުން ހުރި މައްސަލައެއް އޮތްނަމަ، އެކަން ހުށަހަޅައި ޖޭއެސްސީގެ ތެރެއިން އެ ފަނޑިޔާރަކު ވަކި ކުރެވިދާނެކަމަށާއި އެހެން ނަމަވެސް މިހާރު ގެންދާ ގޮތުގެ މަތީން ދެ ފަނޑިޔާރަކު ވަކި ކުރުމަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭކަމެއް ނޫންކަމަށް އަޒާން ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ މިއީ މިނިވަން ދިމަގްރާތީ މުޖްތަމައުގައި އަމަލު ކުރާ އުސޫލުތަކާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއި ބީރައްޓެހި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ކަނޑައެޅިގެން ހިލާފަށް ކުރެވޭކަމެއްކަމަށް ވާތީ ތާއީދު ކުރެވެން ނެތްކަމަށެވެ.
ބަޔާން ނިންމަވާލައްވަމުން އަޒާން ވިދާޅުވީ އޭނާ ހުރީ ސަރުކާރުގެ މެމްބަރެއްގެ ގޮތުގައި، ސަރުކާރާއި އެކު އައްޑޫއާއި މުޅި ރާއްޖޭގެ ތަރައްގީއަށް މަސައްކަތް ކުރުމުގައި ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ނުކުރެވޭނަމަ ސަރުކާރު ޖަވާބުދާރީ ކުރުވައި ރައްޔިތުން ހަވާލު ކުރި މަސްއޫލިއްޔަތު އަދާކުރާނެކަމަށް އަޒާން ވިދާޅުވިއެވެ.

