މަސްވެރިންނަށް ވީހާވެސް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒުކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ގެމަނަފުށީގެ އައު އައިސް ޕުލާންޓު ހުޅުވުމަށް ގއ. ގެމަނަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
އައިސް ޕުލާންޓު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝިޔާމު އާއި އިންޑިޔަން ހައި ކޮމިޝަނަރ ހޮނަރަބަލް ޖީ. ބާލަސުބްރަމަނިއަމްއާއި މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުއިބިމޯވްއާއި ފޮރިން މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގެމަނަފުށީ ކައުންސިލްގެ މެންބަރުންނާއި ގެމަނަފުށީ މުވައްސަސާތަކުގެ އިސްވެރިންނާއި މިފްކޯގެ ސީނިއަރ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ މަސްވެރި މޫސުމުގައި މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަކީ އަދިވެސް މަސްވެރިންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިތުރު 13 އައިސް ޕުލާންޓެއް އެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. މި ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ވީހާވެސް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިއަދު ހުޅުވުނު އައިސް ޕުލާންޓުން ދެކުނުގައި މަސްވެރިކަން ކުރާ މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ މަސައްކަތަށް ލުއި ލިބިގެން ދާނެކަމަށާއި އައިސް ހޯދަން އެކި ރަށްރަށަށް ދުއްވަންޖެހުން މަދުވެގެން ދިއުމާއި ތެލަށްކުރާ ހޭދަ މަދުވެގެން ދާނެކަމަށެވެ. އެއާއެކު މަސްވެރިންގެ އާމްދަނީ ރަގަޅުވެގެން ދާނެކަމަށެވެ.
ގެމަނަފުށީ އަލަށް ގާއިމުކުރި މި ޕުލާންޓު އަޅާފައިވަނީ އިންޑިއަން އެކްސިމް ބޭންކް ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީގެ ދަށުންނެވެ. މިއީ ދުވާލަކު 50 ޓަނު ބްލޮކް އައިސް އުފެއްދޭ ޕްލާންޓެކެވެ. އަދި މި ޕުލާންޓުގައި 100 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރޭޖެއް ހުރެއެވެ. އެހެންކަމުން މި ޕުލާންޓުގައި ކޮންމެ 24 ގަޑިއިރަކުން 150 ޓަނުގެ އައިސް މަސްވެރިންނަށް ފޯރުކޮށްދިނުމުގެ ގާބިލުކަން ހުންނާނެއެވެ.

