އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔޫކްރޭންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީ ކުރިއަށް ގެންދެވި ބައްދަލުކުރެއްވުން ހޫނުވެ، ޓްރަމްޕް ޒެލެންސްކީއަށް ބަހުގެ ހޫނު ޙަމަލާތަކެއް ދެއްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ޓްރަމްޕްގެ އޯވަލް އޮފީހުގައެވެ. އެތަނުގައި އޭރު ގިނަ އަދަދެއްގެ ނޫސްވެރިންވެސް ތިއްބެވެ.
ބައްދަލުވުން ފެށިގެން ދިޔައީ އާދައިގެ ގޮތަކަށް ނަމަވެސް، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބައްދަލުވުން ހޫނުވެ، ދެބޭފުޅުންގެ ރާގައި އަޑަށް ބޮޑެތި ބަދަލުތަކެއް އައިކަމަށް އެތަނުގައި ތިބި ނޫސްވެރިން ރިޕޯޓުކޮށްފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ދެކެވުނު ވާހަކަތަކުގައި ޓްރަމްޕް ވަނީ ޔޫކްރޭނަށް އެމެރިކާއިން ދޭ އެހީތެރިކަމަށް ޔޫކްރޭނުން ޝުކުރުވެރިވާން ޖެހޭނެކަން ފާހަގަ ކުރައްވައި ޔޫކްރޭނުން މި މުޅި ހަނގުރާމަ ”ކުޅިވަރަކަށް“ ހަދާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާއިން އިސްވެ އެކުލަވާލާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޔޫކްރޭނުން ބީރުކަންފަތެއް ދެމުންދާކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް އެހެން ވިދާޅުވެފައިވާއިރު، މީގެ ހަފްތާއެއްހާ ދުވަސްކުރިން ޒެލެންސްކީ ވަނީ ޓްރަމްޕަށް މި ހަނގުރާމައިގެ ސައްޙަ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށާއި، ޓްރަމްޕް ހުންނެވީ ރަޝިއާގެ ”ދަޅައިގައި ޖެހިފައި“ ކަމަށް ވިދާޅުވެފައެވެ.
އެހެންނަމަވެސް ޒެލެންސްކީ ވަނީ ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާއެކު ހައްދަވާނެ ޑީލެއް ނޯންނާނެކަމަށް ވިދާޅުވެ އެ ބަސް ތަކުރާރު ކުރައްވާފައެވެ.
ޓްރަމްޕް ވަނީ ރަޝިއާއާއެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވާނުލާނަމަ، އެމެރިކާއިން އިތުރަށް މިކަމުގެ ތެރޭގައި އުޅުމުގެ ބޭނުމެއް ނެތްކަމަށް ވިދާޅުވެ، އެމެރިކާއިން މި ހަނގުރާމައާ ދުރަށް ޖެހޭނެކަމުގެ އިންޒާރު ދެއްވާފައެވެ.
އެންމެ ފަހުން ބައްދަލުވުން ނިމިގެން ދިޔައީވެސް އެ ހޫނުކަން މަތީގައެވެ. އޭރު ބައްދަލުވުމުގައި ސޮއިކުރަން ހުރި ބައެއް ކަންކަންވެސް ހުއްޓެވެ. ނަމަވެސް ބައްދަލުވުން ވަގުތުން ނިންމާލައި، ޒެލެންސްކީ ވަނީ އަނބުރާ ފޮނުވާލައްވާފައެވެ.
އެކަމާ ގުޅޭގޮތުން ފަހުން ވާހަކަ ދައްކަވަމުން ވައިޓްހައުސްގެ ތަރުޖަމާނު ކެރޮލައިން ލިއަވިޓް ވިދާޅުވީ، އެމެރިކާއިން މިހާރު މި ހިނގަމުންދާ ހަނގުރާމައާހެދި ވަރުބަލިވެފައިވާ ކަމަށާއި، އެ ޤައުމުން ބޭނުންވަނީ ސުލްޙަ ޤާއިމުކުރުމަށް ކަމަށެވެ. އަދި މި ހަނގުރާމައިގެ ނަތީޖާއާއި ހަނގުރާމައިގެ އަސަރުތައް ޔޫކްރޭނަށް ފަހުމުކޮށް ނުލެވޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެތައް ބަޔަކު މިހާރުވެސް ހަނގުރާމައިގައި މަރުވެ އެތައް ގެއްލުންތަކެއް ޔޫކްރޭނަށްވެސް ލިބިގެންގޮސްފައިވާ ކަމަށެވެ.
އަދި މިއީ 2022 ވަނަ އަހަރު ހަނގުރާމަ ފެށުނުއިރު އޮތް ޙާލަތު މިހާރު ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ ޓްރަމްޕްގެ ސަރުކާރުން ބޭނުންވަނީ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށްކަން ފާހަގަ ކުރައްވައި އެ ވާހަކަ ތަކުރާރު ކުރައްވާފައެވެ. ނަމަވެސް ފެންނަ މަންޒަރުތަކަށް ބަލާއިރު، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޒެލެންސްކީ ބޭނުންފުޅުވާހެން ހީނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޓްރަމްޕާއި ނޫސްވެރިންގެ އިތުރުން ދެން ތިބި ހާޒިރީންވެސް ތިބީ ރަސްމީ ހެދުމުގައި ކޯޓު ފަޓުލޫނުގައެވެ. ނަމަވެސް ޒެލެންސްކީ ހުންނެވީ ޓީޝާޓެއް ތުރުކުރައްވައިގެންނެވެ. އެކަމާވެސް ބައެއް ނޫސްވެރިން ސުވާލު އުފައްދައި، ޒެލެންސްކީ އެމެރިކާގެ ވައިޓްހައުސްގެ އޯވަލް އޮފީހަށް އިޙުތިރާމު ކުޑަކުރައްވާކަމަށް ފާހަގަ ކުރެއްވިއެވެ.
ރަޝިއާއިން ޔޫކްރޭނަށް ޙަމަލާދޭން ފެށީ މީގެ 3 އަހަރުކުރިން 2022 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން 24 ފެބްރުއަރީ 2022 ގައި ރަޝިއާގެ ދެލައްކައެއްހާ ސިފައިން ވަނީ ޔޫކްރޭނަށް އަރައި ޙަމަލާތައް ދޭން ފަށާފައެވެ. ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވާ ގޮތުގައި ރަޝިއާއިން މިފަދަ ފިޔަވަޅެއް އަޅަންޖެހުނީ އެ ޤައުމުގެ ސަލާމަތަށް ނުރައްކާވާ ހިސާބަށް ނޭޓޯގެ ބާރު ހިންގަން ފެށުމުންނެވެ.
އޭގެ ބަދަލުހިފުމުގެ ގޮތުން ނޭޓޯއާއި ހުޅަނގުގެ އެކި ޤައުމުތަކުން ވަނީ ރަޝިއާއަށް ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅާފައެވެ.

