ރަމަޟާން މަހަކީ އަމާން އަދި ރައްކާތެރި މަހެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ މާލޭގެ މަގުތައް އިތުރަށް ހަލަބޮލިވެ، ބާޒާރު ކުރުމަށް ގިނަ ބަޔަކު ނިކުންނަ މަހެއްގެ ގޮތުގައި ފާހަގަކުރެވޭތީ، މިއަހަރުގެ ރަމަޟާން މަހުވެސް ޓްރެފިކް މެނޭޖްކުރުމަށް ފުލުހުންގެ ޚިދުމަތުން ވަނީ ޚާއްސަ އިސްކަމެއް ދީފައެވެ.
ފުލުހުންގެ ޚިދުމަތުން މިކަމާ ގުޅޭގޮތުން ދެއްވި މަޢުލޫމާތުގައި، މާލެއާއި ހުޅުމާލޭގެ މަގުތައް ޕެޓްރޯލްކުރުމާއި، ދުއްވާ އުޅަނދުތަކަށް ފަސޭހަކުރުމަށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބާޒާރުމަތި ސަރަޙައްދަށް ޚާއްސަ ޓީމެއް ކަނޑައަޅައި، ޕާކިންގ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ބުންޏެވެ.
”މި ރަމަޟާން މަހަކީ އަމާން އަދި ރައްކާތެރި މަހެއްގެ ގޮތުގައި ދެމެހެއްޓުމަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދެމުން މި ގެންދަނީ. އެގޮތުން ބާޒާރުމަތި ސަރަޙައްދުގައި ޕޭމަންޓްމަތީގައާއި ޒޯންތަކުގައި ކުނި ބަހައްޓާ ފަރާތްތަކަށް ނަސޭހަތްތެރިވުމާއި، ޓްރެފިކް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދޭ،“ ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުން އާންމު ރައްޔިތުންގެ އެއްބާރުލުން ހޯދުމަށް ގޮވާލައްވާފައިވާއިރު، ތިމާގެ ފަރިތަކަމަށްވުރެ އަނެކާގެ ނުފަރިތަކަމަށް ބަލައިގެން އެއްގަމު އުޅަނދު ދުއްވުމަށާއި، ފުލުހުންގެ އަމުރަށް ކިޔަމަންވުމަށް އެދިވަޑައިގެންފައިވެއެވެ.
މި އޮޕަރޭޝަންގެ ދަށުން މާލޭގެ ބޮޑެތި މަގުތަކުގެ އިތުރުން ސިނަމާލެ ބްރިޖް، ހައިވޭ އަދި ހުޅުމާލޭގެ ޓްރެފިކް ބާރުބޮޑުވާ ގަޑިތަކުގައި ޚާއްސަ އަހައްމިއްޔަތުކަމެއް ދީގެން ބަލަހައްޓަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިއެވެ.

