ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީނަކީ އަނިޔާވެރި ވެރިއެއް، ކޯޓު ފުރާޅުން ޓިނު ނަގައި ޖުޑިޝަރީ ފުނޑާލި: ފަލާޙު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ދައުލަތުގެ ބައިތުލްމާލަށް ހިޔާނާތްތެރިވެ، ޖުޑިޝަރީ އެއްކޮށް ފުނޑާލި ވެރިއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ފަލާހު ވާހަކަ ދައްކަވާފައި ވަނީ މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވަމުން ގެންދާކަމަށް އެމަނިކުފާނު ތަކުރާރުކޮށް ތުހުމަތު ކުރައްވަމުން ގެންދަވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައީ ބާތިލު އިސްލާހެއްކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހިނގަމުން ދަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރަކު ޖުޑިޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑު ކުރި އެވެ.

މިދިޔަ ތިން އަހަރެއްގެ ތެރޭގައި ހިނގާފައިވާ އެކި މައްސަލަތަކާއި ގުޅުވައި ސުލޫކީ މައްސަލަ ބަލަމުން ގެންދަނިކޮށް ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވީ ސަރުކާރުން ކޯޓުގެ ޝަރީއަތަށް ނުފޫޒު ފޯރުވާކަމަށް ބުނެ އެވެ. އޭގެ ފަހުން ސަސްޕެންޝަނުގައި ހުންނެވި، އަޒްމިރަލްދާ ޒާހިރުގެ ގާނޫނީ ވަކީލުންގެ ޓީމުން ވެސް ވަނީ ހަމަ އެ ތުހުމަތުކޮށް ބަޔާނެއް އާންމުކޮށްފަ އެވެ.

ކޯޓުން މައްސަލައިގައި ގޮތެއް ނިންމަން ގާތްވެފައި ވަނިކޮށް، ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ ބެންޗުގެ އަދަދު 7 އިން 5 އަށް ދަށް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރިތާ ވެސް މާ ގިނަ އިރުތަކެއް ނުވެއެވެ.

މި މައްސަލައިގައި ސަރުކާރަށް އަމާޒު ކުރަމުންދާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ފަލާހު ލިޔުއްވި ދިގު ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް އިންސާފުގެ ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ. ސަބަބަކީ ވެރިކަމެއްގައި ފެނިގެން ނުވާނެ، ހުރިހާ އަނިޔާވެރި ސިފައެއް އެ ވެރިކަމުގައި ފެނިގެން ދިއުންކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާޙު ވިދާޅުވި ގޮތުގައި، 18 ވަނަ މަޖިލީހާއި 20 ވަނަ މަޖިިލިސް އަޅާ ކިޔާއިރު މިހާރު އޮތީ ނަޒާހަތްތެރި، ނަމޫނާ މަޖިލީހެކެވެ. އަދި އޭރު މަޖިލީހުގެ މެމްބަރުންނަށް ފޯރުވި ނުފޫޒާއި ބާރުގެ އެއްވެސް ސިފައެއް މިހާރު ނެތްކަމަށް ވިދާޅުވި އެވެ.

”20 ވަނަ މަޖިލީހަކީ ނަމޫނާ މަޖިލީހެއް އެހެން އެކަންވާ ސަބަބަކީ ސަރުކާރުން މަޖިލީހައް އަތާ ފަޔާ ނުބޭނުން އަޅުގަނޱު އުޅުނިން 18 ވަނަ މަޖިލީހުގަ އޭރު ވެރިޔަކީ ޔާމީނު ޔާމީނު އަތާ ފައިން ބައެއް ފަހަރު އޮބި ނޯވެގެން އޭރުގެ މެޱަމް ގެ އަތާ ފައި ވެސް އޮންނަނީ މަޖިލީސް ފުލޯގަ އަޅުގަނޱު ހަމަ އަޖައިބުވޭ ޔާމީނުު ޖުޱިޝަރީގެ ވާހަކަ އާއި ކޯޓް ތަކުގެ ވާހަކަ ދައްކާތީ“ ފަލާހު ވިދާޅުވި އެވެ

ފަލާހު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި 18 ވަނަ މަޖިލީހުގެ މެމްބަރަކަށް އޭނާ ހުންނެވި އިރު މުޅި މަޖިލިސް ފްލޯ ހިންގަން ޖެހުނީ ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ކަމަށެވެ. އަދި ގިނަ ފަހަރަށް ރައީސް ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާޙިމްގެ ވެސް ނުފޫޒާއި ބާރު މަޖިލީހަށް ފޯރާކަމަށް ވިދާޅުވި އެވެ.

ފަލާހު ވިދާޅޫވީ ޖުޑިޝަރީއާއި، ކޯޓުތަކުގެ މިނިވަންކަމުގެ ވާހަކަ ރައީސް ޔާމީން ދައްކަވާތީ އޭނާ ހައިރާންވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ ދުށް އެންމެ އަނިޔާވެރި ވެރިއަކީ ރައީސް ޔާމީންކަމަށާއި އަދި އެއީ ގައުމުގައި އުފެދުނު އެންމެ ބޮޑު ހިޔާނާތްތެރިޔާ ކަމަށެވެ.

ރައީސް ޔާމީނާއި ގުޅުވައި ފަލާހު ވިދާޅުވީ، އެއީ ޖުޑިޝަރީއާއި ކޯޓުތައް ފުނޑާލި ވެރިއެއްކަމަށެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލައި، މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭނެހެން ވެސް ރައީސް ޔާމީން ފިޔަވަޅު އެޅުއްވިކަމަށް ފަލާހު ވިދާޅުވި އެވެ.

”މާ އަޖައިބުވޭ ވައްކަމުގެ ވާހަކަ ދައްކާތި އެއަށް ވުރެ އަޖައިބުވޭ އަނިޔާވެރި ކަމުގެ ވާހަކަ ދައްކާތި ބައެއް ފަހަރު ހިތައް އަރާ މި ވާހަކަތައް އެ ކިޔާދެނީ ހަމަ އަބްދުއްލޯ ޔާމީނު ބާއޭ މި ޤައުމުގެ 15 އަހަރުން މަތީ ކޮއްމެ ރައްޔިތަކާ މި ސުވާލު ތައް ކޮއްލަ ބަލަ ލިބެނީ މި ޖަވާބު ނޫންތޯ ބަލަން މި ޤައުމަށް އެއްމެ ބޮޱު ޚިޔާނާތެއްވީ ކާކު?ޖަވާބު ޔާމީނު މިޤައުމުގަ އެއްމެ އަނިޔާ ވެރި ވެރިކަމެއް ކުރީ ކާކު? ޖަވާބު ޔާމީނު މި ޤައުމުގެ ޖުޱިޝަރީ ފުނޱާލާ ކޯޓްތަކުން ޓިނުނަގާ ކޯޓް ތަކަށް އެއްމެ ބޮޱު ނުފޫޒެއް ފޯރުވީ ކާކު? ޖަވާބު ޔާމީނު“ ފަލާޙު ވިދާޅުވި އެވެ.

މީގެއިތުރުން ފަލާހު ވިދާޅުވީ، ގައުމުގެ ބައިތުލްމާލު ދަވާލައި، އަމިއްލަފުޅު އެކައުންޓަށް ރައީސް ޔާމީން މިލިއަނުން ފައިސާ ޖަމާކުރެއްވި ކަމަށެވެ.

”މި ޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން 2 އަހަރު މަގުމަތި ކޮށް މަޖިލީސް މެމްބަރުން މަޖިލީހަށް ވަނަ ނުދީ އަނިޔާ ކޮށް މަޖިލީސް ހިސޯރު ކުރީ ކާކު? ޖަވާބު ހަމަ ޔާމީނު މި ޤައުމުގެ ބައިތުލް މާލު ދަވާލާ އެތައް ސަތޭކަ މިލިޔަން ރުފިޔާ އަމިއްލަ އެކައުންޓް ތަކަށް ޖަމާކޮށްލީ ކާކު? ހަމަ އެވެސް ޔާންޓެ“ ފަލާޙު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، އެމަނިކުފާނާއި ދެކޮޅަށް ތެދުވި ޕާޓީގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް ނިންމި އެވެ. އަދި އެ މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭ ހެން ދިފާއީ ބާރުގެ އެހީ ވެސް ހޯދާފައި ވެއެވެ.

މީގެއިތުރުން ރާއްޖޭގެ އެންމެ ބޮޑު އެއް ހިޔާނާތުގެ މައްސަލަ ފެންމަތިވެގެން އައީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އޭގެ ފަހުން އެމަނިކުފާނުގެ ދައުރު ނިމި، އެކައުންޓަށް ގޮތް ނޭނގޭ ފައިސާތަކެއް ވަދެފައިވާ މައްސަލައިގައި ސުވާލުކޮށްފައި ވެއެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 29%ވަރަށް ގަޔާވޭ 57%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: