ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޣައްޒާ އާރާސްތުކުރަން ހުށަހަޅައިފައިވާ މަގުޗާޓަށް ރާއްޖެއިން ތާއިދުކުރާކަން ހާމަކޮށްފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތައް ކުށްވެރިކުރައްވާ ކަމަށާއި، ޣައްޒާ އާރާސްތުކުރުމަށް އަރަބި ޤައުމުތަކުން ހުށަހަޅައިފައިވާ މަގުޗާޓަށް ރާއްޖެއިން ތާއިދުކުރާކަމަށް ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތަކާ ދެކޮޅަށް އަޑުއުފުލުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާއޯޑިނަރީ ސެޝަންގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި އެމަނިކުފާނު ދެއްވި ތަޤްރީރުގައި، އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެފައިވާކަން ފާހަގަކޮށް، މެދުކެނޑުމެއްނެތި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ކުށްވެރިކުރައްވައި އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އަދި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތައް ކުށްވެރިކޮށް، ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލެއްވިއެވެ. އަދި އަރަބް ލީގް ސަމިޓްގައި ފާސްކުރެވުނު ޣައްޒާ އާރާސްތުކުރުމުގެ މަގުޗާޓަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަމަށްވެސް ހާމަކުރެއްވިއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ފަލަސްތީނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއެޅޭ ގޮތަށް އިސްރާއީލުން ހިންގަމުންދާ ޢަމަލުތަކާ ގުޅިގެން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވެ، އެ ކޯޓަށް ބަޔާނެއް ހުށަހެޅިކަން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، މި ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރެވުމުންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އޯ.އައި.ސީ. އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްތީނުގެ ހައްޤުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އަކީ 1976 މި ޖަމުޢިއްޔާގެ މެމްބަރަކަށް ވުމަށްފަހު މި ޖަމުޢިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ގައުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: