ސަރުކާރު ހިންގުމުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމާއި، އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.
ރައީސް ވިދާޅުވީ، ދިވެހި ތާރީޚުގެ އެންމެ އެވޭލާ ލިޔެކިޔުންތަކުގައިވެސް ދިވެހި އަންހެނުންގެ ހީވާގިކަމާއި، މުރާލިކަމުގެ ވާހަކަތއް ފެންނަން އެބަހުރި ކަމަށާއި، މިނިވަންކަމުގެ ޙައްޤުގައި ދިވެހީން ކުރި ކޮންމެ ޖިހާދެއްގައިވެސް ދިވެހި އަންހެން ދަރީންގެ ބައިވެރިވުމާއި ދައުރު ނުހަނު ބޮޑަށް އޮތްކަމަށެވެ.
ގެވެހިކަމާއި، ސާފުތާހިރުކަމަށް ލޯބިކުރުމާއި، ޤައުމީ އަދި އިޖުތިމާޢީ ކަންކަމުގައިދޭ ބޮޑު އަހައްމިއްޔަތުގެ ވާހަކަތައް ފެންނާން އެބަހުރި
ރައީސް ވިދާޅުވީ، އަންހެނުންގެ ޙައްޤުތައް އެންމެ ހެޔޮގޮތުގައި ކަނޑައަޅައިދީ، މުޖުމަތަމަޢުގައި އަންހެނުންގެ ޤަދަރާއި ޢިއްޒަތާއި މަގާމު މަތިވެރިކޮށްދިނީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. އެގޮތުން ކީރިތި ނަބިއްޔާ އިސްލާމީ ރިސާލަތާއިގެން ފޮނުއްވުނީ، އަންހެން ދަރީންނަކީ ބަދުނަސީބެއްކަމުގައި ދެކި، ދިރިތިއްބައި އަންހެން ދަރީން ވަޅުލަމުން ދިޔަ އަނދިރި ޒަމާނެއްގައިކަން ރައީސްގެ ޚިތާބުގައި ފާހަގަ ކުރައްވާފައިވެއެވެ.
އެހެންނަމަވެސް އިސްލާމް ދީން އައިސް އަންހެނުންގެ ފުރާނައާއި ދިރިތިބުމުގެ ޙައްޤު ޙިމާޔަތްކޮށްދީ، ވާރުތަ މުދަލުން ބައި ލިބިދީ، އުނގެނުމާއި މަސައްކަތްކުރުމުގެ ޙައްޤު ފުރިހަމައަށް ހޯދައިދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، ދީނުގައި އަންހެނުންނަށް ދެވިފައިވާ ޤަދަރަށް ބަލާއިރު، އިންސާނާ އެންމެ ހެޔޮކޮށް ހިތައި އޯގާތެރިވާން ޖެހޭނެ އެއްވަނަ މީހަކީވެސް، ދެވަނަ މީހަކީވެސް، ތިންވަނަ މީހަކީވެސް އޭނާގެ މަންމަކަމުގައި މުޅި އިންސާނިއްޔަތަށް އިރުޝާދު ދެއްވީ ކީރިތި ރަސޫލާކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ކުރީން އެންމެ ފަހަށް ވަޞިއްޔަތްޕުޅު ކުރެއްވި އެއްކަމަކީ، އަނބީންނަށް އޯގާތެރިވުމެވެ.
މީގެ އިތުރުންވެސް އިސްލާމް ދީނުގެ އެކިއެކި މިސާލުތަކަށް ރައީސް އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން ނަބީކަމުގެ މަތިވެރި އިލާހީ ޒިންމާ އެކަލޭގެފާނާ ޙަވާލުކުރެއްވިއިރު، ހުރިހާ ހިތްވަރަކާއި އެހީތެރިކަމެއް ދެއްވަން އަރިހުގައި ހުންނެވީ މުއުމިނުތަކުންގެ މައިކަމަނާ ޚަދީޖަތުގެފާނު ކަމަށާއި، އެކަލޭގެފާނުގެ ރިވެތި ދިރިއުޅުއްވުމާއި، އިސްލާމްދީނުގެ ޙުކުމްތައް ސާފުކޮށް މުޅި އުންމަތަށް ބަޔާންކޮށް ދެއްވުމުގައި މުއުމިނުތަކުންގެ މައިކަމަނާ ޢާއިޝަތުގެފާނު އަދާކުރައްވާފައިވާ ދައުރު ނުހަނު މަތިވެރިކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، ކީރިތި ޤުރްއާނުގައި މަރްޔަމްގެފާނުގެ ކެތްތެރިކަމާއި، އާސިޔަތުގެފާނުގެ އީމާންތެރިކަމުގެ ރިވެތި މިސާލު، ތާރީފުގެ ބަސްފުޅުތަކާއެކު ވަޙީކުރައްވައިފައިވާ ކަމަށާއި، ދުނިޔޭގެ ވަރަށް ގިނަ ތާރީޚު ފޮތްތައް ބުނާ ގޮތުގައި، ތަޢުލީމު އުނގަންނައިދޭ އެންމެ ފުރަތަމަ ޖާމިޢާ ނުވަތަ ޔުނިވަރސިޓީ، ”ޖާމިޢުލް ޤަރްވިއްޔީން“ގެ ނަމުގައި މީލާދީން 859 ވަނަ އަހަރު ބިނާކުރެއްވީ މުސްލިމް އަންހެން ބޭކަނބަލެއް ކަމުގައިވާ ފާޠިމާ ބިންތު މުޙައްމަދުލް ފިހްރީކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ތަޢުލީމާއި، ޞިއްޙަތާއި، އިޖުތިމާޢީ މި ނޫން ޚިދުމަތްތަކާއި، ވެރިކަން ހިންގުމާއި، ވިޔަފާރިއާއި އިޤްތިޞާދީ މަސައްކަތްތަކާއި އަދި މި ނޫނަސް މުޖުތަމަޢެއްގެ ދިރުމާއި ކުރިއެރުމާ ގުޅިފައިވާ ކޮންމެ ކަމެއްވެސް ހިނގަމުންދާނީ އަދި ކާމިޔާބުވެ ކުރިއަރާނީ އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއެކު ކަމަށެވެ.
އަންހެނުންނަކީ މުޖުތަމަޢުގެ ދެބައިކުޅަ އެއްބައެވެ. ސީނުކަރައިގެ ބުއްދިވެރި ބަހެއްގައިވެސް ބުނާ ބީދައިން ”އުދަރެހުގެ ދެބައިކުޅަ އެއްބައި އުފުލައި ނަގަހައްޓައިދޭ ބަޔަކީ އަންހެނުންނެވެ.“ އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ޤައުމެއް، ވަޠަނެއް، ދެމިއެއް ނޯންނާނެއެވެ.
ދިވެހި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ، މުޖުމަތަޢުގައި އަންހެން ދަރީންނަށް އޮތް ފުރުޞަތުތައް އިތުރަށް ފަހިކޮށް ދިނުންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރު ހިންގުމުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމާއި، އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
ރައީސް ވަނީ ދިވެހި މުޖުތަމައުގައި އަންހެނުން އަދާކުރާ ދައުރަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ދިވެހިރާއްޖޭގައި ޞިއްޙީ ޚިދުމަތް ފަދަ، ތަޢުލީމީ ދާއިރާ ފަދަ، މުޖްތަމަޢުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި ގިނައީ އަންހެން ޚިދުމަތްތެރީން ކަމަށާއި، ކުޅިވަރުގެ މައިދާނުގައި ދިވެހި އަންހެން ކުޅުންތެރީން ހާސިލުކުރާ ކާމިޔާބީވެސް ގިނަކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު، ޘާނަވީއާއި މަތީ ޘާނަވީ އަދި ޔުނިވަރސިޓީ ތަޢުލީމުގެ މަރުޙަލާގައިވެސް ދިވެހި އަންހެން ކުދީން ގިނައިން އުނގެނޭއިރު، މަތީ ނަތީޖާ ހޯދުން ގިނައީވެސް އަންހެން ދަރީންކަމަށް ރައީސް ވިދާޅުވިއެވެ.
”އަންހެނަކަށް އުނގަންނައިދިނުމަކީ ޖީލަކަށް އުނގަންނައިދިނުން“ ކަމަށް ބުއްދިވެރި ބަހެއްގައި ބުނެއެވެ. އެހެންކަމުން، މިއީ ދިވެހި ޤައުމުގެ ކުރިމަގަށް އޮތް ހެޔޮ ފާލެއްކަމުގައި ދެންނެވިދާނެއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދިވެހި އުންމަތުގެ ތަރައްޤީއާއި ތަމައްދުނަށްޓަކައި މިހާތަނަށް ކުރެވުނު ކާމިޔާބު ކޮންމެ މަސައްކަތެއްގައިވެސް ދިވެހި އަންހެނުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިފައިވާ ކަމަށާއި، ދިވެހި އަންހެން ދަރީންނަށްޓަކައި ދިވެހި ޤައުމު އަބަދުވެސް ފަޚުރުވެރިވާނެ ކަމަށެވެ.
އަންހެނުން ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެ އިސް އަމާޒެކެވެ. އެގޮތުން ރަމަޟާން މަހުން ފަށައިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަ އިނާޔަތް ދިނުމަށް ދާދި ފަހުން ވަނީ ޤާނޫނަށް އިސްލާޙުވެސް ގެނެސްފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދެކެވެ. މި ނިންމުމަކީ އަންހެނުންގެ ދައުރު ފުޅާކޮށް، އެ ފަރާތްތަކުގެ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
ސަރުކާރުގެ ސިޔާސަތަކީވެސް އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަކަމާއެކު އެއް ހައިސިއްޔަތެއް ލިބިގެން މަސައްކަތް ކުރާ ބަޔަކަށް ހެދުންކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
މި ސަރުކާރުގައި ކުންފުނިތަކުގެ ވެރިންނާއި އެހެނިހެން އިސް މަގާމުތަކުގައި އެންމެ ގިނައީ އަންހެނުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

