ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި އަދި މަހާޒް އަލީ ޒާހިރު އާދިއްތަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުވުމަށް އަންގައިފިއެވެ.
އަޒްމިރަލްދާ ހާޒިރުވާން އަންގާފައިވަނީ އެދުވަހުގެ 11:00 އަށް ކަމަށްވާއިރު، މަހާޒް ހާޒިރުވާން އަންގާފައިވަނީ މެންދުރުފަހު 13:00 އަށެވެ.
މި ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަމުންދަނީ، ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފްގެ މައްސަލައެއްގައި، ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެންނެވެ.
ޖޭއެސްސީން މި މައްސަލަ ބަލަން ފަށާފައިވަނީ އަމިއްލަ ފަރާތަކުން މައްސަލަ ހުށަހެޅުމުން، ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިންނެވެ.
އަޒްމިރަލްދާ ވަނީ މިހާރު ސަސްޕެންޑް ކުރެވިފައެވެ. ނަމަވެސް، އޭނާގެ ޤާނޫނީ ޓީމުން ފާހަގަކުރާ ގޮތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހިންގަމުންދާ ޖިނާއީ ތަހުގީގަކާ ގުޅިގެން ސަސްޕެންޑް ކުރެވުނު ނަމަވެސް، ސަސްޕެންޑް ކުރިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވީއިރުވެސް، އެއީ ކޮން ބާވަތެއްގެ ކުށަކާ ގުޅޭ މައްސަލައެއްކަން އަދި އަންގާފައެއް ނުވެއެވެ.
މި މައްސަލައިގައި ދެ ފަނޑިޔާރުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޖޭއެސްސީން އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާއި، އިތުރު ފިޔަވަޅުތަކެއް އަޅާނަމަ އެކަންވެސް އަދި ސާފުވެފައެއް ނުވެއެވެ.

