ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނުން ބާރުވެރިކުރުވުމުގެ މަސައްކަތުގައި އެދެވޭ ނަތީޖާތަކެއް ފެނޭ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ އަހަރެއްގެވެސް މާރޗު މަހުގެ 8 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަހަކީ އަންހެނުން ބާރުވެރި ކުރުވުމާއި، އެކި ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އަހަންމިއްޔަތުކަން ދޭ ދުވަހެކެވެ. މި ހިޔާލުގައި އަޅުގަނޑު ބަލައިލާނީ ދިވެހިރާއްޖޭގައި އަންހެނުން ބާރުވެރިކުރުވުމުގެ މަސައްކަތުގައި ފެންނަމުންދާ އެދެވޭ ނަތީޖާތަކަށެވެ.

ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު، އަންހެނުން ވަނީ ޤައުމުގެ ކުރިއެރުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. ރަސްކަމުގެ ދައުރުން ފެށިގެން މިއަދުގެ ރިޔާސީ ނިޒާމާ ހަމައަށް، އަންހެނުން ވަނީ ޤާނޫނު ހެދުމާއި، ޝަރުއީ ދާއިރާ އަދި ވެރިކަން ހިންގުމުގެ ބާރުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިއީ އަންހެނުން ބާރުވެރިކުރުވުމުގެ މަސައްކަތުގައި ލިބިފައިވާ ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އަންހެނުން ބާރުވެރިކުރުވުމުގެ އެންމެ މުހިންމު އެއް ބިންގަލަކީ ތަޢުލީމެވެ. ދިވެހިރާއްޖޭގައި އަންހެން ދަރިވަރުންނަށް ރަނގަޅު ތަޢުލީމެއް ލިބުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ. މީގެ ނަތީޖާއެެއްގެ ގޮތުން، އަންހެން ދަރިވަރުން ވަނީ ދުނިޔޭގެ ފެންވަރުގެ ރަނގަޅު ނަތީޖާތައް ހޯދަމުން ގެންދެވިފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖުމްލަކޮށް އަންހެން ދަރިވަރުންގެ ނަތީޖާ ފިރިހެން ދަރިވަރުންނާ އަޅާބަލާއިރު ރަނގަޅެވެ.

ވަޒީފާގެ ދާއިރާއަށް ބަލާއިރު، ގިނަ އިދާރާތަކުން މިހާރު އިސްކަންދެނީ މިންތީގެ ހަމަހަމަކަން ޤާއިމުކޮށް، ދެ ޖިންސަށްވެސް ހަމަހަމަ ފުރުޞަތުތައް ދިނުމަށެވެ. މީގެ އިތުރުން، އަންހެނުން ބާރުވެރިކުރުވުމަށް އަމާޒުކޮށްގެން ޚާއްޞަ ޕްރޮގްރާމްތައް ހިންގާ މަންޒަރުވެސް ފެންނަމުންދެއެވެ. ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ބައިވެރިވުން އިތުރުވަމުން އައިސްފައިވާކަން ފާހަގަކުރެވެއެވެ.

ނަމަވެސް، އަދިވެސް ގިނަގުނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރަންޖެހެއެވެ. ވަޒީފާ އަދާކުރުމުގައި އަންހެނުންނަށް ދަތިތަކާ ކުރިމަތިލާންޖެހޭކަން އެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން ފާހަގަކޮށްފައިވެއެވެ. ސިޔާސީ ދާއިރާއާއި ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރަށް ފުޅާކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، މުޖުތަމަޢުގެ އާންމު ޙާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހުންނަށް ނުވަތަ އިޖުތިމާޢީ ގޮތުން ޚާއްޞަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި ކުރާ ކަންކަމަކީ ތަފާތުކުރުން ކަމަށް ނުބެލެވެއެވެ.

މިއީ ބައިނަލްއަޤުވާމީ ގޮތުންވެސް ބަލައިގަނެފައިވާ އުސޫލެކެވެ. އެހެންކަމުން، އަންހެނުންގެ ދައުރު ކުޑަ އަދި އަންހެނުންނަށް ފުރުޞަތުތައް ހަނި ދާއިރާތަކުގައި އަންހެނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ ކުރެވިދާނެ ކަމެކެވެ.

އެހެންނަމަވެސް، މިފަދަ ބަދަލުތައް ގެންނަންވާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައި، މިންތީގެ ހަމަހަމަކަން ޤާއިމުކުރެވޭނެ ގޮތެއްގެ މަތިންނެވެ. މިގޮތުން، އަންހެނުންނަށް ޚާއްޞަ ފުރުޞަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރާއިރު، އެކަމުގެ ސަބަބުން ފިރިހެނުންނަށް އޮތް ފުރުޞަތުތައް ހަނިވެގެން ނުދާނެކަން ކަށަވަރުކުރަންޖެހެއެވެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ އަންހެނުން އަދާކުރާ ދައުރުގެ މުހިންމުކަން ފާހަގަކުރުމާއި، ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމެވެ. މީގެ އިތުރުން، އަންހެނުންނާމެދު ކުރެވޭ އެންމެހައި ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމަށް ފަރުދީ އަދި ޤައުމީ ފެންވަރުގައި މަސައްކަތްކުރުމަށް ހިތްވަރުދިނުމަކީވެސް މި ދުވަހުގެ މުހިންމު މަޤްޞަދެކެވެ.

ދިވެހިރާއްޖޭގައި އަންހެނުން ބާރުވެރިކުރުވުމުގެ މަސައްކަތުގައި އެދެވޭ ނަތީޖާތަކެއް ފެންނަމުންދާކަން ފާހަގަކުރެވެއެވެ. ތަޢުލީމީ ދާއިރާގައި އަންހެނުންގެ ކުރިއެރުމާއި، ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ބައިވެރިވުން އިތުރުވަމުން އައުމަކީ މިކަމުގެ ހެއްކެކެވެ. ނަމަވެސް، އަދިވެސް ގިނަގުނަ ގޮންޖެހުންތަކެއް ހުރިކަން ޤަބޫލުކުރަންޖެހެއެވެ. ސިޔާސީ ދާއިރާއާއި ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ ކުރިއަށް އޮތްތަނުގައި އިސްކަންދޭންޖެހޭ ކަމެކެވެ. އަންހެނުން ބާރުވެރިކުރުވުމުގެ މަސައްކަތަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއްގެ ގޮތުގައި ބަލައިގަނެ، އެކަމަށް މަސައްކަތްކުރުމަކީ ޤައުމުގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވާނެ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: