ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މާދަމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރު ކުރުމަށް ނިންމައިފައި އޮތް އޮތުން ބަދަލުކޮށް އޭނާ ހޯމަ ދުވަހު ހާޒިރުކުރާ ގޮތަށް ބަދަލުކޮށްފިއެވެ.
ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރީ ސުލޫކީ މައްސަލަތަކެއް ފެންމަތި ކުރުވުމަށް ފަހުއެވެ. އަޒްމިރަލްދާގެ އިތުރަށް ސަސްޕެންޑް ކުރީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ. ހުސްނުއްސުއޫދު މިހާރު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ޖޭއެސްސީން މި މައްސަލަ ބަލަން ފަށާފައިވަނީ އަމިއްލަ ފަރާތަކުން މައްސަލަ ހުށަހެޅުމުން، ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިންނެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ޤާނޫނީ ޓީމުން ބުރާސްފަތި ދުވަހު ވަނީ ބަޔާނެއް ނެރެފައެވެ.
ބަޔާނުގައި ބުނެފައިވަނީ، އޭސީސީން ހިންގަމުންގެންދާ ޖިނާއީ ތަހުގީގަކާ ގުޅިގެންކަމަށް ބުނެ ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑުކޮށް، އަދި އެއަށްފަހު ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާކަމަށް ޖޭއެސްސީން އަންގާފައިވާއިރު، އެ މައްސަލަތަކަކީ އެއްވެސް އަސްލެއް އަދި އަސާސެއް ނެތް މައްސަލަތަކެއް ކަމަށެވެ.
އަދި އެއީ ފަނޑިޔާރުންގެ މަސައްކަތާބެހި، ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ޙާލަތެއްކަމަށް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ އަޒްމިރަލްދާގެ ސުލޫކީ މައްސަލައެއް ބަލަމުންދަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ އިސްމާއިލް ލަތީފް މައްސަލައެއްގެ ތުހުމަތުގައި ގެންދެވުމުން އެ ދެ ފަނޑިޔާރުން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅުއްވައި މި މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވިކަމަށް ތުހުމަތުކޮށެވެ. ޖޭއެސްސީން ފާހަގަ ކުރާ ގޮތުގައި އެ މައްސަލަ އަމިއްލަ ފަރާތަކުން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުން ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން މައްސަލަ ތަހުގީގުކުރަން ނިންމީއެވެ.
އެކަމާ ގުޅޭގޮތުން ބަޔާނުގައި ބުނެފައިވަނީ، އެއީ ކަނޑައެޅިގެން ޙަގީގަތާ ޚިލާފު ދޮގު ތުހުމަތެއް ކަމަށާއި، އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅުއްވާފައިނުވާނެ ކަމަށެވެ. ޑރ އިސްމާއިލް ލަތީފް ޖިނާއީ ތުހުމަތެއް ނެތި ހައްޔަރު ކުރެވުމުން، ބަންދުން ދޫކޮށްލުމަށް އެދި ނުފޫޒު ފޯރުވިކަމަށް ބުނެ ދެކެވެމުންދަނީ ދޮގު ތުހުމަތުތަކެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެކަމުގެ ތަފްސީލުތައް ފަނޑިޔާރު އަޒްމިރަލްދާވެސް ވަނީ ޖޭއެސްސީއަށް ސިޓީއަކުން ހިއްސާ ކުރައްވާފައެވެ.
މަހާޒް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ 1 ޖަހާއިރުއެވެ.

