ސިޔާސީ ބޭނުމަށް އެ ޕާޓީގެ ނަމުގައި ސައްޙަނޫން މެސެޖުތައް ފޮނުވުން ފަދަ ދަށު ދަރަޖައިގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެރިކަން ކުރާ ޕާޓީ ޕީއެންސީން ބުނެފިއެވެ.
ބުރާސްފަތި ދުވަހު ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ”ޕާޓީގެ ބޭނުމަށް މައުލޫމާތުތަކެއް ހޯދުމަށް“ކަމަށް ބުނެ މެސެޖުތަކެއް ދައުރުކުރަމުންދާކަން ޕާޓީގެ ސަމާލުކަމަށް އެކި ފަރާތްތަކުން ގެނެސްފައިވާ ކަމަށެވެ.
ޕީއެންސީން ބުނީ، އެ ޕާޓީގެ ބޭނުމަށް ރަށްރަށުން އެއްވެސް މައުލޫމާތެއް ހޯދާނަމަ އެކަން ކުރާނީ ސީދާ ޕާޓީގެ ސްޓިއަރިންގ ކޮމިޓީތަކަށް ޕާޓީގެ މައި އިދާރާއިން ނުވަތަ ޕާޓީގެ ރަސްމީ ޙައިސިއްޔަތެއް އޮތް ފަރާތަކުން ގުޅައިގެން ނުވަތަ އެކަމަށް ކަނޑައެޅިފައިވާ ޕާޓީގެ ރަސްމީ ޗެނަލެއް މެދުވެރިކޮށް ކަމަށެވެ.
ހަމައެއާއެކު، އެފަދަ ކަންކަމަށް ގުޅާއިރުވެސް ބޭނުންކުރާނީ ޕާޓީގެ ނަމުގައި ހުންނަ ނަންބަރުތައް ކަމަށާއި، އެސްއެމްއެސްގެ ޒަރިއްޔާއިން އެއްވެސް މައުލޫމާތެއް ހޯދުމަށް ޕާޓީގެ ރަސްމީ އިދާރާއިން ނޭދޭނެކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޕީއެންސީން ބުނީ، މިހާތަނަށް ފާހަގަކުރެވިފައިވާ އެ ބާވަތުގެ މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތަށް ގުޅައިގެން ބަލަމުންދާނެކަމަށެވެ. އަދި ސިޔާސީ ބޭނުމަށް އެ ޕާޓީގެ ނަމުގައި ސައްޙަނޫން މެސެޖުތައް ފޮނުވުން ފަދަ ދަށު ދަރަޖައިގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އެކަންކަން ވަގުތުން ހުއްޓާލުމަށް ގޮވާލާކަމަށްވެސް ޕީއެންސީން ފާހަގަކޮށްފައިވެއެވެ.
ޕީއެންސީން ވަނީ އެފަދަ ސައްޙަނޫން މެސެޖުތަކަށް އިޖާބަ ނުދިނުމަށާއި، އެފަދަ މެސެޖެއް ލިބިއްޖެނަމަ ވަގުތުން ޕާޓީގެ ރަސްމީ އިދާރާތަކަށް އެންގުމަށް އާންމު މެމްބަރުންގެ ކިބައިން އެދިފައެވެ. އަދި ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ތެދުވެރިކަމާއި އިޙްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމަށްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

