ފައިސާ މެނޭޖް ކުރުމުގައި އިހުމާލުވާ މިންވަރު މި ސަރުކާރުގައި ފެންނަމުންދާކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ، ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޑރ މުއިއްޒު ހުންނެވިއިރު ދެއްކެވި ވާހަކަފުޅާއި، ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ދައްކަވާ ވާހަކަފުޅު މުޅިން ތަފާތު ކަމަށެވެ.
ކެންޑިޑޭޓު މުއިއްޒު، ރައީސް މުއިއްޒު މިއީ ދެބޭފުޅެއްހެން އަޅުގަނޑަށް ހީވަނީ، ދައްކަވާ ވާހަކަތަކުން
ނާޒިލް ވިދާޅުވީ، ފައިސާ ޗާޕް ކުރުމުގެ ވާހަކައަށް ބަލާއިރު، މިވަގުތު އެފަދަ ޙާލަތެއް އޮތްތޯ ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން ދައުލަތުގެ އާމްދަނީއާއި އިޤްތިސާދު ރަނގަޅުވަމުން އަންނަކަމަށް ސަރުކާރުން ބުނަމުންދާކަންވެސް ނާޒިލް ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގައި ޓޫރިސްޓުންގެ އަދަދު އެބަ އިތުރުވޭ، ރާއްޖެއަށް ލިބޭ ފައިސާ ބޮޑުތަނުން އެބަ އިތުރުވޭ، މި ހުރިހާކަމެއް ހިނގަމުންދާ ދަނޑިވަޅެއްގައި ފައިސާ ޗާޕްކޮށްގެން އަނެއްކާ ފައިސާ ބާޒާރަށް ނެރެންޖެހޭނީ ހަގީގަތުގައި އިޤްތިސާދު މެނޭޖް ނުކުރެވިގެން،
އެހެންނަމަވެސް މިއަދު އަޑުއިވެމުންދާ ވާހަކައަކީ ލޯނު ދެއްކުމާ ގުޅިގެން ރައްޔިތުންނަށް އިތުރަށް ކަމެއް ކޮށްދެވެން ނެތްކަމުގެ ވާހަކަކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.
ނާޒިލް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ފައިސާ ޗާޕްކުރި ޙާލަތު ތަފާތު ކަމަށެވެ.
އޭރު ފައިސާ ޗާޕްކުރީ އިޤްތިސާދަށް ބައިރުފިޔާވެސް ނުވަދެ އޮތް ޙާލަތެއްގައި، އޭރު ފައިސާ ޗާޕްކުރަން ޖެހުނީ ޓުއަރިޒަމްގެ އާމްދަނީވެސް ނުލިބި މުޅި ދުނިޔެ ބަންދުކުރަންޖެހޭ ޙާލަތެއްގައި
މިކަންކަން މިހެން އޮތުމުން ދޭހަވަނީ ފައިސާ މެނޭޖް ކުރުމުގައި އިހުމާލުވާ މިންވަރު ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.
ފައިސާ ޗާޕް ނުކޮށް މިއަދާ ހަމައަށް މި ސަރުކާރުން 65 މިލިއަން ޑޮލަރު ސޮވްރިން ޑެވެލޮޕްމެންޓު ފަންޑަށް ޖަމާކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުުވީ ކުރީ ސަރުކާރުން އެކި ނަންނަމުގައި ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދިން ގޮތަށް މިސަރުކާރުން އެކަން ނުކުރާނެ ކަމަށާއި މިސަރުކާރުން އިގްތިސާދީ އެޖެންޑާ ތަންފީޒު ކުރަން ފަށައި ފައިސާ ޗާޕް ނުކޮށް ކުރިއަށްދާ ސިޔާސަތުގެ ތެރެއިން މިހާތަނަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަ ކުރައްވާފައެވެ.

