1446 ވަނަ އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ސްޓެލްކޯއިން ހޮވައިފިއެވެ.
ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ އެކަަމަށްޓަކައި ބުދަ ދުވަހުގެ ބޭއްވި ރަސްމިއްޔާތުގައި ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި 102 މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 84 މުވައްޒަފެއްގެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް 218 ފަރާތަކުން ހުށަހެޅި އިރު، ޝަރުތުހަމަވެފައިވަނީ 215 މުވައްޒަފެއްގެ ކަމަށް ވަނީ ބުނެފައެވެ.
2023 ވަނަ އަހަރާއި ހަަމަޔަށް ހައްޖު އަދި އުމްރާގެ ފުރުސަތު ކުންފުނިން ދީފައިވަނީ ދެބަޔަށް ވެސް ކޮންމެ އަހަރަކު އަންހެން މުވައްޒަފަކަށާއި، ފިރިހެން މުވައްޒަފަކަށެވެ. އެހެން ނަމަވެސް، ކުންފުނީގެ އެކަމާއި ގުޅުންހުރި ޕޮލިސީއަށް ބަދަލުގެނެސް މިދިޔަ އަހަރު ވަނީ ހައްޖުގެ އަޅުކަމަށާއި، އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފު ހޮވުމަށް ނިންމާފައެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:
• އަހުމަދު ވަހީދު – ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް
• ހަސަން ޒަރީރު – ކ. ކާށިދޫ އިންޖީނުގެ
• އާމިނަތު ޖަލީލާ – ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:
• ބުންޔާމީން މުހައްމަދު ނަސީރު – ވިލިނގިލި އަވަށު އިންޖީނުގެ
• އަހުމަދު މުސްތަފާ – ވިލިނގިލި އަވަށު އިންޖީނުގެ
• ޝިފްރާ އިލްހާމް – ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓް
ސްޓެލްކޯއިން ދެމުން ގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

