ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުއީ ދާއިރާ؛ ކޮންމެ ވެރިކަމެއްގައި ވެސް ހިންގީ ބޭނުން ގޮތަކަށް!

ފެބްރުއަރީ 1 ގެ އަމުރާ ގުޅިގެން ސިފައިން ސުޕްރީމް ކޯޓުގެ ބޭރުގައި: ސިފައިން ވަނީ އެ އަމުރަށް ފަހު، ސުޕްރީމް ކޯޓަށް ވަދެ އޮޕަރޭޝަނެއް ހިންގާފައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުއީ ނިޒާމުގެ މިނިވަންކަމާއި މެދު ސުވާލު އުފައްދައި، ކިތަންމެ ބޮޑެތި ބަހުސެއް ކުރިޔަސް ހަގީގަތަކީ ސުޕްރީމް ކޯޓުގެ ބެންޗަށް ގަޔާ ނުވާތީ ބަދަލު ނުގެންނަ އެއްވެސް ސަރުކާރެއް ނެތްކަމެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ނެރުނު އެކެއް ފެބްރުއަރީގެ އަމުރަކީ އެކަމުގެ ހެކިތަކެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނު ކުރެއްވީ ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ ބާރުތައް ހަނިކުރެއްވުމަށް ފަހު އެވެ. އޭގެތެރޭގައި ކުއްލި ނުރައްކަލުގެ ތެރޭގައި ވެސް އުނި ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ހައްގުތައް ވެސް ހިމެނެ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެ ކޯޓު ތެރޭގައި ތިއްބަވަނިކޮށް، ސަލާމަތީ ބާރުތަކުން ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރު ކުރި އެވެ. އެކަން ކުރީ ހައިކޯޓާ ދިމާލު ފުރާމަތިން ސިިފައިން ސުޕްރީމް ކޯޓަށް ވަދެގެންނެވެ.

ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމުގެ ނަމުގައި ކޯޓުގެ ފަނޑިޔާރުކަމުން މިހާރުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވަކި ކުރިއެވެ.

ފަނޑިޔާރުކަމުގައި ތިއްބެވި އަބްދުﷲ ސައީދާއި، އަބްދުﷲ ހަމީދު ވަކިކުރީ ޖިނާއީ ތުހުމަތުތަކެއްކޮށެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ސުޕްރީމް ކޯޓު ދެމެދު ބޮޑު އަރާރުންތަކެއް ހިނގި ދުވަސްތަކެއް ވެސް ފާއިތުވެ ގޮސްފިއެވެ. އެއީ ޖުޑިޝަރީގެ ހައްގުގައި، މާވަރަކަށް މިއަދު ވަކާލާތު ކުރަމުން ދާ އެމްޑީޕީގެ ވެރިކަމުގަ އެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލީކީ މައްސަލައެއް ބަލަން ނިންމައި ޖޭއެސްސީން އޭނާ ސަސްޕެންޑު ކުރުމާއި އެކު އެ ސަސްޕެންޝަނާއި ދެކޮޅަށް އަބްދުﷲ ދީދީ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. އެ މައްސަލައިގައި އެ ކޯޓުން ޖޭއެސްސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެ، މައްސަލައިގައި އިތުރު ފިޔަވަޅެއް ނޭޅުމަށް އެންގިއެވެ.

އެކަމަކު ސުޕްރީމް ކޯޓުން އެގޮތަށް ނިންމިޔަސް، ސަސްޕެންޝަން ދެމި އޮންނާނެކަމަށް ޖޭއެސްސީ ނިންމިއެވެ. އޭގެ ފަހުން ފަނޑިޔާރުކަމުން ދީދީ ވަކިކުރުމުގެ މަރުހަލާ ނިމިގެން ދިޔައެވެ.

އަނެއްކާވެސް އޭގެ ފަހުން އެމްޑީޕީ ސަރުކާރުގައި ފެންމަތި ކުރީ، ސުޕްރީމް ކޯޓުން ކޯޓުން ގާނޫނާއި ހިލާފަށް ނިންމާފައިވާ ނިންމުންތަކެއްކަމަށް ބުނާ މައްސަލަތަކެކެވެ. އެކަމަކުގެ ތެރޭގައި ޖޭއެސްސީ ކޯޓުން އެގޮތަށް ނިންމި ބައެއް ނިންމުންތަކެއް، ލިސްޓު ކުރުމަށް ފަހު ރިޕޯޓެއް ތައްޔާރުކުރި އެވެ. ފުލުފުލުގައި ދެންމަތިވަމުން އައީ އޭރުގެ ފަނޑިޔާރުންނާއި ގުޅޭ ސުލޫކީ މައްސަލަތަކެވެ. އެގޮތުން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނޭ ގޮތަށް ތިން ފަނޑިޔާރެއްގެ މައްސަލަ ބެލިއެވެ. އެކަމާ ދެކޮޅަށް ތެދުވީ ދީދީ އެވެ.

އެ ބަޔާނަކީ ނުފޫޒު ފޯރުވުންކަމަށް ނިންމައި، ޖޭއެސްސީ ދީދީގެ އިތުރު މައްސަލަތަކެއް ބަލަން ފެށިއެވެ.

މި މައްސަލައާއި އެކު ފުލުފުލުގައި އެކި މައްސަލަ ބަލައި އޭރުގެ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކި ކުރަން މަޖިލީހަށް ފޮނުވި އެވެ. ކޯޓުތައް ދޮވެ ސާފުކޮށް، ބޭނުން ގޮތެއް އެމްޑީޕީ ހަދަމުން ދިޔައީ މިނިވަން ފަނޑިޔާރުގެއެއް ހޯދައިދިނުމުގަ ނަމުގަ އެވެ. އެކަމަކު ހަގީގަތަކީ އިސްލާހަށް ވުރެ ބޮޑަށް އެކަމަކީ އެއީ ފަނޑިޔާރުންތަކެއްގެ ކިބައިން ބަދަލު ހިފައި، ކޮންޓްރޯލް ނެގުމަށްޓަކައި ކުރި މަސއްކަތެއްކަމެވެ.

ޖޭއެސްސީގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށް، ގާނޫނަށް އޮތީ ބަދަލު ގެނެސްފަ އެވެ. އެ ކޮމިޝަނުގެ މެމްބަރުންނެކޭ، 2017/2018 ގެ ދުވަސްވަރު އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމެކޭ ތަފާތެއް ނެތެވެ. ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު ހިސާން ހުސެއިން އިން ފެށިގެން، ކޮމިޝަނުގެ އޭރުގެ މެމްބަރު މަސްތޫރު ހުސްނީއާއި، އޭރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަކީ އޭގެ ހެއްކެވެ.

ސަރުކާރުގެ ބޭނުމަކީ ހުރިހާ ކޯޓުތައް ވެސް ކޮންޓްރޯލް ކުރުންކަމަށް އެތައް ތުހުމަތެއް ކުރެވުނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލި ދައުވާތަކުގެ ހުކުމަށް މަދު ވަގުތުކޮޅަކަށްވެފައި ވަނިކޮށް އޭރުގެ އިސް ގާޒީ އަހުމަދު ހައިލަމަށް އައީ ”ކުއްލި ސަސްޕެންޝަން“ އެކެވެ.

މި މައްސަލަތަކާއި އެކު، ހަނދާނަށް ގެންނަންވީ ޖޭއެސްސީގެ މެމްބަރަކަށް ހުންނަވައި ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު ހިސާން ހުސެއިން ފަނޑިޔާރުންނަށް ދެއްވި ވަރުގަދަ އިންޒާރެވެ. ހިސާން ވިދާޅުވި ގޮތުގައި، ވަކި ވަގުތެއްގައި ފަނޑިޔާރަކާއި ގުޅޭ މައްސަލައެއް ކުރިމަތިވުމަކީ ފިޔަވަޅު ނާޅައި ދޫކޮށްލާނެ ސަބަބެއްކަމަށް ހީކޮށްގެން ނުވާނެ އެވެ.

އެ ދުވަހު ހިސާން އެ ވާހަކަ ދެއްކެވި މަޖިލީހުގައި، އޭރުގެ އުއްތަމަ ފަނޑިޔާރު ދީދީއާއި، އެހެން ބައެއްން ފަނޑިޔާރުން ތިއްބެވި އެވެ. އޭރު އޮތީ ހައިލަމްގެ ސަސްޕެންޝަނުގެ މައްސަލަ ގޯސްވެފަ އެވެ.

އެމްޑީޕީ ކިތަންމެ ނުރުހުނަސް، އެއް އަހަރުގެ ތެރޭގައި ފަނޑިޔާރުންގެ ގިނަ މައްސަލަތައް ބަލައި ވަކި ކުރި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އިން 7 އަށް ބަދަލުކޮށް މުޅި ބެންޗުކޮށް އެއްކޮށް ސާފުކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މި ބަހުސްތައް ކުރިޔަށް ދިޔައިރު، ބައެއް މެމްބަރުން ސުޕްރީމް ކޯޓު އުވާލަން ގޮވާލި އެވެ. އެއީ ފެއިލްވެފައި ތިއްބެވި ފަނޑިޔާރުންކަމަށް ނިންމައި، ވަގުތުން މަގާމުން ދުރުކުރަން ޖެހޭކަމަށް ވެސް ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސައިޒަށް ތިރިވާން ޖެހޭކަމަށް ވެސް ޖަލްސާގައި ބައެއް މެމްބަރުން ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުގައި ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ދެކޮޅަށް ފާޅުގައި ނިކުމެ، ފަނޑިޔާރުންނަށް ވަރަށް ބޮޑެތި ތުހުމަތުތައްކޮށްފައި ވެއެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ޖޭއެސްސީއަށް ހުށަހެޅުމަށް ވެސް މިދިޔަ ދައުރުގައި ފާސްކުރިއެވެ.

މީގެއިތުރުން ސުޕްރީމް ކޯޓަށް ލިބޭ ބާރުތަކުން ބޭރުވެ ރައްޔިތުންގެ މަޖިލީހަށް އަރައިގަންނަކަމަށް ބުނެ އިންޒާރު ދިނުމަށް ވެސް ހުށަހެޅިއެވެ.

މަޖިލީހުގައި ކުރި ބަހުސްތަކުގައި މެމްބަރުން ވަނީ ސުޕްރީމް ކޯޓަކީ ސިޔާސީ ޖަގަހައެއްކަމަށް ސިފަކޮށް، ކޯޓުގައި އޭރު ތިއްބެވި ފަސް ފަނޑިޔާރުން ވަކި ކުރުމަށް ވެސް ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީ، ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތަކާއި ދެކޮޅަށް ކޮމިޓީ ބައްދަލުވުންތައް ބާއްވައި ކޯޓު އަމުރުތަކާއި ހުކުމްތައް ރިވިއު ކުރަން ޖެހޭކަމަށް ވެސް ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: