ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއަކީ ރާއްޖެއާއި ޗައިނާގެ ގުޅުމުގެ މުހިންމު ހިއްސާއެއްކަމަށް ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައިވާ ސަފީރު ފަޒީލް ނަޖީބް ވިދާޅުވެއްޖެއެވެ.
ޗައިނާގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ސަފީރު ފަޒީލް ވަނީ ދިވެހިރާއްޖެއިން 2017 ވަނަ އަހަރު ބައިވެރިވެފައިވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރްއައި) އާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ސަފީރު ވިދާޅުވީ، ޗައިނާއިން އެ ގައުމުގެ ކުރިމަގު ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވުނުކަމަށެވެ. އަދި ހާއްސަ ގޮތަކަށް އެ ގައުމުގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކުރެވެމުންދާ މަސައްކަތްތައް އަވަސްކޮށް ހަރުދަނާކުރުމަށްޓަކައި ދޭ އަހަމިއްޔަތަށް ޝައުގުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވި އެވެ.
ފަޒީލް ވިދާޅުވީ، އެއީ ރާއްޖެ ފަދަ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުރާ ގައުމުތަކަށް މުހިންމު ލަނޑުދަނޑިއެއްކަމަށެވެ. އެހެންކަމުން ޗައިނާއިން އެ ދާއިރާގައި އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ގުޅިގެން މަސައްކަތްކުރުމަށް ފުރުސަތު ހުޅުވިގެންދާނެކަން ފާހަގަކުރެއްވިއެވެ.
ފަޒީލް ވިދާޅުވީ، ރާއްޖެއިން ބައިވެރިވިތާ 10 އަހަރު ފުރިފައިވާ ބީއާރްއައި އަކީ ޗައިނާއާއި ރާއްޖޭގެ ގުޅުމުގެ މުހިންމު ހިއްސާއެއްކަމަށެވެ. ސަފީރު ވިދާޅުވީ، އެ މަސައްކަތްތަކުގެ ތެރެއިން ރާއްޖެއަށް ގެދޮރާއި އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ އިތުރުން މަގުތަކާއި ބުރިޖު އަދި ހައިވޭ ފަދަ މުހިންމު ވަސީލަތްތައް ބިނާކުރުމަށްވެސް އެހީތެރިކަން ލިބިގެން ގޮސްފައިވާކަމަށެވެ.
މީގެއިތުރުން ފަޒީލް ވަނީ ޗައިނާގެ އިޔާދަކުރަނި ހަކަތައިގެ ދާއިރާ އަދި ޑިޖިޓަލް އިކޮނޮމީގެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. ފަޒީލް ވިދާޅުވި ގޮތުގައި ޗައިނާއިން ސޯލާ އަދި ވަޔާއި ބެޓަރީގެ ހަކަތައިގެ ދާއިރާއިން ހޯދަމުންދާ ކުރިއެރުންތައް މެދުވެރިކޮށް އެ ގައުމުންދަނީ ދެމެހެއްޓިނިވި ކުރިއެރުން ހޯދުމުގައި ދުނިޔޭގައި އިސް ދައުރެއް އަދާކުރަމުންނެވެ. އަދި 5ޖީ އާއި އޭއައިގެ އިތުރުން އީކޮމާސް ދާއިރާގައި ކުރަމުންދާ މަސައްކަތްތައް މެދުވެރިކޮށް ބައިނަލްއަގުވާމީ މާކެޓުތަކަށް ބޮޑެތި ބަދަލުތައް ގެންނަމުންދާކަމަށް އަލިއެޅުއްވިއެވެ.
ސަފީރު ވިދާޅުވީ، ޗައިނާއިން އިޔާދަކުރަނި ހަކަތައިގެ ދާއިރާއިން ހޯދަމުންދާ ހައްލުތައް ރާއްޖެއާއި ހިސާބަށް ގެނައުމުގެ ބޮޑު ފުރުސަތެއް އޮތްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި އެ މަގުން ކުރިއަށް ދެވިއްޖެ ހާލަތެއްގައި ތެޔޮ އަންދައިގެން ހަކަތަ އުފެއްދުމާއި ދުރަށް ދިއުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ފާހަގަކުރެއްވިއެވެ. ފަޒީލް ވިދާޅުވީ، އެއީ ރާއްޖޭގެ ސަރުކާރުގެ މުހިންމު ލަނޑުދަނޑިއެއްކަމަށެވެ.

