އަމިއްލަ ނަފުސުގެ ދިފާއުގައި އެއް ކަމެއް ވެސް ނުކުރެވޭ ބަލިކަށި ކުޑަ ކުދީންނަށް ގެއްލުންދޭ މީހުންނާ ދެކޮޅަށް އެންމެންވެސް ނިކުންނަންޖެހޭ ކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރިޔަމް މާރިޔާ ސޯޝަލް މީޑިއާގައި ވިދާޅުވީ ޅަ ދަރިންނަކީ، ލޯތްބާއި އޯގާތެރިކަމާ އެކު ބެލެހެއްޓުމަށް ޓަކައި، މާތް ﷲ ހަވާލުކުރައްވާފައިވާ މާތް އަމާނާތެއް ކަމަށެވެ. އެހެންނަމަވެސް މިއަދު ފެންނަނީ މީސްމީޑިއާގައި ކުޑަކުދިންނަށް އަމާޒުކޮށް ވެސް އުނދަގޫކޮށް ފުރައްސާރަކުރާ ހިތާމަވެރި މަންޒަރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ކަރުނައަޅައި ރޯންޖެހޭ ވަރުގެ ހިތި ހަގީގަތެއް ކަމަށާއި މި އަނިޔާވެރިކަން މިހާރުން މިހާރަށް ހުއްޓަންޖެހޭ ކަމަށެވެ. އެއްވެސް ކުއްޖަކު މިފަދަ ވޭނެއް އިޙްސާސްކުރާން ޖެހޭ ގޮތް ހެދުމަކީ ގާނޫނީ ކުށެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، މަޞޫމު ކުދިން ރައްކާތެރިކުރުމުގެ ޒިންމާ ހަނދާންނައްތާލާފައިވާ ބޮޑެތި މީހުން، ތިމާމެންގެ އެ ނޭއްގާނި ޢަމަލާ މެދު ލަދުގަންނާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އިސްލާމްދީން އުގަންނައިދެނީ ހެޔޮކަމާއި އޯގާތެރިކަމަކީ އެންމެ މަތިވެރި ސިފަތައްކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދީނުގައި މަލާމާތާއި އުނދަގޫކުރުމަކަށް ޖާގައެއް ނެތް ކަމަށާއި ނަބިއްޔާ (ﷺ) އަމިއްލަފުޅަށް ވެސް ކުޑަކުދިންނަށް ޚާއްޞަ އޯގާތެރިކަމެއް ބެހެއްޓެވި ކަމަށާއި އެ ކުދިންނަށް ލިބޭ ކޮންމެ ގެއްލުމަކުން ސަލާމަތްކުރުމަކީ އެންމެންގެ ވާޖިބެއްކަން، ޢަމަލާއި ބަހުން ނަމޫނާ ދައްކަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މާތް ގިޔަމު (ވެލިޔު) ނައްތާލުމުގެ ފުރުޞަތު މިއަދު ޑިޖިޓަލް ދުނިޔެއަށް ދީގެން ނުވާނެ ކަމަށާއި އަނިޔާވެރިކަމުގެ ސަބަބުން ކުޑަ ކުއްޖަކަށް ތަކުލީފެއް އިޙްސާސްކުރާން ޖެހޭނެއޭ ހިތަށް އެރިޔަސް ހިތައް އަސަރުތަކެއް ކުރާ ކަމަށް މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ.
މިނިސްޓަރ ވަނީ ހުރިހާ ކުދިން މި އަނދިރިކަމުން ސަލާމަތްކުރުމަށް އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި އަމިއްލަ ނަފުސުގެ ދިފާއުގައި އެއް ކަމެއް ވެސް ނުކުރެވޭ ބަލިކަށި ކުޑަ ކުދީންނަށް ގެއްލުންދޭ މީހުންނާ ދެކޮޅަށް ކޮންމެ މައެއް، ކޮންމެ ބަފައެއް، ކޮންމެ ބޮޑު މީހެއް، އަދި ކޮންމެ ރައްޔިތަކު ވެސް، ސާބިތުކަމާ އެކު ތެދުވާންޖެހޭ ކަމަށް ވިދާޅުވިއެވެ. އެކުއެކުގައި، ގުޅިގެން މަސައްކަތްކޮށް، އިޙްތިރާމާއި ޤަދަރާއި ލޯބި ލިބޭ ރައްކާތެރި މުޖުތަމަޢެއްގައި ދަރިން ބޮޑުވާކަން ކަށަވަރުކޮށް އޮންލައިންކޮށް އަދި މުޖުތަމައުގެ ގޭތެރެއިން ވެސް އެކަމާއި ދެކޮޅަށް ނިކުންނަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު ސަރުކާރަށް ފާޑުކިއުން އަމާޒުކޮށް އިދިކޮޅު އެމްޑީޕީ މިހާރު ބާއްވަމުން ގެންދާ ސިލްސިލާ މުޒާހަރާއެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަ ދެެއްކި މައްސަލަ އެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލަ ބޮޑުވެ އެކި އިލެކްޗަންސް އަދި ހިއުމަން ރައިޓްސްއިން ވަނީ ބަޔާންވެސް ނެރެފައެވެ. އަދި އެ ބަޔާނަށް ރައްދުދެއްވާ އެމްޑީޕީން އެފަދަކަމެއް ނުކުރާ ކަމަށްބުނެ ބަޔާނެއް ނެރެފައިވެއެވެ.

