ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަކީ އަބަދުވެސް މީހުންގެ އަބުރަށް އަރައިގަނެ، ނާތަހުޒީބު އަމަލު ހިންގާ ބައެއް: ޕީއެންސީ

އިދިކޮޅު އެމްޑީޕީ ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ހަރަކާތް ރާއްޖެއަށް ތައާރަފް ކުރެވުނު ދުވަސްވަރު ވެސް އެމްޑީޕީން ދިވެހީންނަށް ސިޔާސީ ހަރަކާތް ހިންގަން ދަސްކޮށް ދިނީ މީހުންގެ އަބުރާއި އާއިލާތަކުގެ ހައްގު ނަގާލަންކަމަށް ސަރުކާރުގެ މައި ޕާޓީ ޕީއެންސީން ބުނެފި އެވެ.

ޕީއެންސީން ބަޔާނެއް އާންމުކޮށްފައި ވަނީ، މީގެ ދެ ރޭ ކުރިން އޮތް މުޒާހަރާއެއްގައި އެމްޑީޕީގެ ސެކްރެޓޭރިއެޓްގެ މެމްބަރު މަރިޔަމް ޒުބެއިރު (މަންދީ) ރައީސް މުއިއްޒުގެ 18 އަހަރު ނުވާ ދަރިކަލަކާއި ގުޅުވައި ވާހަކަ ދައްކަވާފައި ވަނިކޮށެވެ. މަންދީއަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމަ އެވެ.

މަންދީ ދެއްކި ވާހަކަތައް ކުށްވެރިކޮށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ބަޔާނެއް އާންމު ކުރި އެވެ.

މައްސަލައިގައި ޕީއެންސީ އާންމު ކުރި ބަޔާނުގައި ބުނީ، ބައެއް މީޑިއާތަކުން ލައިވްކޮށް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ދިޔަ އެމްޑީޕީގެ ސިޔާސީ ހަރަކާތެއްގެ ތެރެއިން ރައީސް މުއިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ވާހަކަ ކުށްވެރި ކުރާކަމަށެވެ. އެ ހަރާކަތުގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދާއި ގުޅުވައި އެއްވެސް އަސާސެއް ނެތް ވާހަކަ ދައްކައި ތަކުރާރުކޮށް ގަނާކޮށްފައިވުމަކީ ކަންބޮޑުވުމެއްކަމަށް އެ ޕާޓީން ބުންޏެވެ.

އެ އަމަލު ކުށްވެރިކޮށް އެޗްއާރުސީއެމް އާއި އީސީން ބަޔާނެއް އާންމު ކުރުމުން އެކަމަށް ރައްދު ދީ މަންދީ ދެއްކި ވާހަކަ އެމްޑީޕީން ދިފާއު ކުރީ ފިތުނަ އުފެއްދުމުގެ ބޭނުމުގައިކަމަށް ޕީއެންސީން ބުންޏެވެ. ބަޔާނުގައި ބުނީ ރައީސް މުއިއްޒު ވޭޕް މަނާ ކުރީ ދަރިކަލުންނަށް ދިން އަދަބެއްގެ ގޮތުންކަމަށް ބުނެ ސިޔާސީ ގޮތުން އާއިލާތަކާއި ޖައްސާލައި ރައްޔިތުންނަށް އޮޅުވާލަން ހިންގި އަމަލު ބަލައިނުގަނެވޭކަމަށެވެ.

ޕީއެންސީން ވަނީ އެމްޑީޕީގެ ލީޑާޝިޕް ހިމެނޭ ގޮތަށް، ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް މަންދީގެ ވާހަކަ ދިފާއު ކުރިކަމަށެވެ.

މީގެއިތުރުން ބަޔާނުގައި ޕީއެންސީން ބުނީ، އެމްޑީޕީން މި މުޑުދާރު އަމަލު ހިންގާފައި ވަނީ އެ ޕާޓީ ހިމެނޭހެން މިފަދަ ކަންކަން ހުއްޓުވުމަށް ބާރުއަޅައި ”ކްރޮސް ޕާޓީ ސްޓޭޓްމަންޓް ފޯރ އެންޝުއަރިންގ ސޭފްޓީ އެންޑް އީކުއަލް އޮޕޮރޗުނިޓީސް ފޯރ ވިމެން އިން ޕޮލިޓިކްސް“ ގެ ނަމުގައި ފަހުމުނާމާ އެއްގައި ސިޔާސީ ޕާޓީތަކުން ސޮއެކޮށް އަތުގުޅާލިތާ ހަފްތާއެއްވެސް ނުވަނީސް ކަމަށެވެ. މިއީ ނުހަނު ލަދުވެތިކަމާއި އެކު އެ ޕާޓީން ވިސްނަން ޖެހޭކަމެއްގެ ގޮތުގައި ބަޔާނުގައި ވެއެވެ.

ޕީއެންސީން ބުނީ ފަސްޓްލޭޑީއާއި ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް ދައްކާފައި ވަނީ އާންމު އިޖްތިމާއީ މިންގނޑުތަކާއި ހިލާފު ނާތަހުޒީބު ވާހަކަތަކެއް ކަމަށެވެ. އަދި މިއީ އެއްވެސް ހާލެއްގައި ސިޔާސީ ހަރަކާތެއްކަމަށް މިނިވަން ދިމަޤްރާތީ އެއްވެސް މުޖްތަމައުއެއްގައި ބަލައިގަނެވޭނެކަމަށް ނޫންކަން ވެސް ފާހަގަކުރި އެވެ.

ފަސްޓްލޭޑީ އަދި ދަރިކަލުންނަށް ނިސްބަތްކޮށް، ޢާންމު އިޖުތިމާޢީ މިންގަޑުތަކާއި ޚިލާފަށް މީޑިއާ މެދުވެރިކޮށް މިފަދަ ނާތަހުޒީބު ޢަމަލުތައް ހިންގުމަކީ އެއްވެސް ޙާލެއްގައި ސިޔާސީ ޙަރަކާތެއް ކަމަށް މިނިވަން ދިމިޤްރާތީ އެއްވެސް މުޖުތަމަޢެއްގައި ބަލައިގަނެވޭނެ ހަމައެއް ނެތެވެ. އަދި މިފަދަ ކަންކަން ނުކުރުމަށް އިލެކްޝަންސް ކޮމިޝަނާއި ހިއުމަންރައިޓްސް ކޮމިޝަން ފަދަ މުއައްސަސާތަކުން އަންގާފައިވަނިކޮށް އެމްޑީޕީ އާއި އެޕާޓީގެ އިސްވެރިން އެފަދަ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑީއާގައި ބަސް ބުނެ އެކަންކަން ދިފާޢު ކުރުން ދޭހަކޮށްދެނީ، އެބައި މީހުންނަކީ ޤާނޫނަކަށް ޤަވާއިދަކަށް އަދި އިންސާނީ ކަރާމާތަކަށް ބެލުމެއް ނެތި އަމިއްލަ މަންފާ އިސްކުރާނެ ބައެއްކަމެވެ.

މީގެއިތުރުން ޕީއެންސީން ބުނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ހަރަކާތް ރާއްޖެއަށް ތައާރަފް ކުރެވުނު ދުވަސްވަރު ވެސް އެމްޑީޕީން ދިވެހީންނަށް ސިޔާސީ ހަރަކާތް ހިންގަން ދަސްކޮށްދިނީ މިފަދަ ހުތުރު ޢަމަލުތަކުގެ ތެރެއިން ކަމަށެވެ. އެކަމަކު ދިވެހި ރައްޔިތުން މިއަދު އެފަދަ ނާތަހުޒީބު އަމަލުތަކާއި ދުރުވެ ސިޔާސީ ހަރަކާތްތަކަށް އަހުލުވެރިވެފައިވާކަމަށް ބަޔާނުގައި ވެއެވެ. އެމްޑީޕީން އަދިވެސް ކުރީގެ ގޮތްތައް ދޫނުކޮށް، ޕާޓީގެ އުފެދުމުގައިވެސް ގެންގުޅުނު މިފަދަ ބޯދާ މިންގަނޑުތައް އަލުން ދިރުވަން މަސައްކަތް ކުރުން ޕީއެންސީ ސިފަ ކުރީ ފިނޑި ސިޔާސަތެއްގެ ގޮތުގަ އެވެ.

ބަޔާން ނިންމާލަމުން ޕީއެންސީން ބުނީ، ސިޔާސީ ހަރަކާތްތައް ހިންގުމާއި އިހުތިޖާޖު ކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ކަމަށެވެ. އަދި އެއްވެސް ކުށެއް ނެތި އެއްވެސް މީހެއްގެ ހައްގަށް އަރައިގަނެ ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ދައްކައި ރައްޔިތުންނަށް އޮޅުވައިލުން ބަލައިނުގަނެވޭކަމަށް ވެސް ބުންޏެވެ.

ޕީއެންސީން ބުނީ މީހުންގެ އަނބިދަރީންގެ ހައްގުތަކަށް އަރައިގަނެ، ކަންކަން އޮޅޭ ގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ ޢަމަލެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކަކީ ބައިނަލްއަޤްވާމީ ގާނޫނުތަކާއި ވެސް ހިލާފު އަމަލުތައް ކަމަށްވެފައި، ސިޔާސީ އިމުގެ ބޭރުން ކުރެވޭ ކަންކަން ކަމުގައިވާތީ، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން މި މައްސަލަތައް ބައްލަވާ ފިޔަވަޅު އެޅުމަށް ޕާޓީން ގޮވާލި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: