ރައީސް ޑރ މުޙައްމަދު މުއިއްޒުގެ އާއިލާ އަދި ވަކިން ޚާއްސަކޮށް، ދަރިންނަށް ނިސްބަތްކޮށް ފާއިތުވި ދުވަސްތަކުގައި ކުރަމުންދާ ފުރައްސާރަތަކާ ދެކޮޅަށް މަންމައެއްގެ ޙައިސިއްޔަތުން އަމިއްލަފުޅަށް ފިޔަވަޅު އަޅުއްވާނެކަމަށް ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ އެފަދައިން ވިދާޅުވެފައިވަނީ އާއިލާގެ ފަރާތުން ނެރުއްވި ނޫސްބަޔާނުގައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ފަރާތުން ނެރުއްވާ ނޫސްބަޔާން ޤާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރު ވަނީ ވިދާޅުވެދެއްވާފައެވެ.
ބަޔާނުގައި އާއިލާއިން ފާހަގަކޮށްފައިވަނީ، ރައީސްގެ ދަރިކަލުން އުމައިރު މުޙައްމަދު މުއިއްޒަށް ނިސްބަތްކޮށް މި ވޭތުވެދިޔަ އަހަރުގެ ތެރޭގައި އަދި ޚާއްސަކޮށް ފާއިތުވި ދެތިން ދުވަސް ތެރޭގައި ހަގީގަތެއްނެތް ދޮގު ވާހަކަތައް ދައްކައި، އެ ވާހަކަތައް ފަތުރާފައިވާކަމަށެވެ. އެގޮތުން އުމައިރަކީ ވޭޕް ބޭނުންކުރާ ކުއްޖެއްކަމަށް ބުނެ ފަތުރާފައިވާ ވާހަކައަށްވެސް ބަޔާނުގައި އަލިއަޅުވާލާފައިވެއެވެ.
އެހެންނަމަވެސް އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށް ފަސްޓްލޭޑީ ސާޖިދާ މުޙައްމަދުގެ ނަންފުޅުގައި ނެރެފައިވާ މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ބަޔާނުގައި ބުނެފައިވަނީ، އެ ވާހަކަތަކަކީ ރައީސުލްޖުމްހޫރިއްޔާއާ ގުޅުވައި ސިޔާސީ ގޮތުން ދައްކަމުންދާ ވާހަކަތަކެއް ކަމަށާއި، އެކަމުގެ ސަބަބުން ރައީސްގެ ދަރިކަލުންނަށް ނޭދެވޭ އަސަރު ކުރާނެ ފަދަ ބޮޑެތި ކަންކަމަށް މަގުފަހިވުމުގެ ފުރުސަތުވެސް ހުޅުވިފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ކޮންމެ ކުޑަކުއްޖަކީވެސް ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ރައްކާތެރިކަން ލިބިގެންވާ ކުދިންކަން ފާހަގަކޮށް ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އުމައިރަކީ 16 އަހަރުގެ ކުޑަ ކުއްޖެއް ކަމަށާއި، އޭނާއަކީ ތައުލީމީ ޙަޔާތްވެސް އަދި ނުނިމޭ ކުއްޖެއް ކަމަށެވެ. އުމައިރުގެ އިތުރުންވެސް ރައީސްގެ ދޮށީ ދަރިކަލުންނާއި، 8 އަހަރުގެ ހަގު ދަރިކަލުންނަށް ގަނާކުރަން ފަށާފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ސާޖިދާގެ ފަރާތުން ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރައީސްގެ ނިންމެވުންތަކަށް އާއިލާގެ ޙައިސިއްޔަތުން އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށާއި، ނަމަވެސް މި ވޭތުވެދިޔަ ދުވަސްތަކުގައި އެކި ގޮތްގޮތުން އެކަމަނާ އަދި އާއިލާއަށް އެކި ގޮތްގޮތުން ހަނގާކޮށް، ކަރާމަތް ގެއްލުވާލުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެހެންކަމުން އެކަންކަމުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
މިފަދަ ފިޔަވަޅުތަކެއް އެޅުމަކީ މުސްތަޤުބަލަށްޓަކައިވެސް މުހިއްމު ކަމެއް ކަމަށާއި، މިއީ މަންމައެއްގެ ޙައިސިއްޔަތުން އަޅުއްވާ ފިޔަވަޅުތަކެއްކަމަށްވެސް ފާހަގަ ކުރައްވާފައިވެއެވެ.
އެއަށްފަހު ވަކީލު އާޒިމާ ވަނީ ފިޔަވަޅުތައް ތަފްސީލުކޮށްދެއްވަން ފައްޓަވާފައެވެ. އެގޮތުން އާޒިމާ ވިދާޅުވީ، ރައީސްގެ ދަރިކަލުންނަށް ނުރައްކާތައް ކުރިމަތިވާ ޒާތުގެ ކަންކަންވެސް ފާއިތުވި ދުވަސްތަކުގައި ހިނގާފައިވާ ކަމަށެވެ. އެއީ ޖިނާއީ މައްސަލަތަކެއްކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
އެހެންނަމަވެސް ޖިނާއީ މައްސަލަތަކެއް ހުށަހަޅައިގެން ކުރިއަށް ނުގެންދަވަން ނިންމަވާފައިވާ ކަމަށާއި، މަދަނީ ފިޔަވަޅުތައް އަޅުއްވަން ނިންމަވާފައިވާކަމަށް އާޒިމާ ތަފްސީލުކޮށްދެއްވިއެވެ. އެގޮތުން ޖިނާއީ ދައުވާ ކުރުމާއި ޖިނާއީ މައްސަލަތައް ކުރިއަށް ދިއުމަކީ ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ކުރާ ކަންކަންކަމަށް އާޒިމާ ފާހަގަކުރެއްވިއެވެ.
އާއިލާގެ ފަރާތުން މަދަނީ މައްސަލަ ހުށަހަޅާނީ މަރިޔަމް ޒުބައިރު، ފައްޔާޒް އިސްމާއިލް އަދި އެމްޑީޕީގެ މައްޗަށްކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

