ރައީސް ޑރ މުޙައްމަދު މުއިއްޒުގެ އާއިލާގެ ފަރާތްޕުޅުން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު އެމްޑީޕީގެ މެމްބަރު މަރިޔަމް ޒުބައިރާއި، އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް އަދި އެމްޑީޕީގެ މައްޗަށް މަދަނީ ދައުވާކުރުމަށް ނިންމައިފިއެވެ.
ސާޖިދާގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ރައީސްގެ ނިންމެވުންތަކަށް އާއިލާގެ ޙައިސިއްޔަތުން އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށާއި، ނަމަވެސް މި ވޭތުވެދިޔަ ދުވަސްތަކުގައި އެކި ގޮތްގޮތުން އެކަމަނާ އަދި އާއިލާއަށް އެކި ގޮތްގޮތުން ހަނގާކޮށް، ކަރާމަތް ގެއްލުވާލުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެހެންކަމުން އެކަންކަމުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
މިފަދަ ފިޔަވަޅުތަކެއް އެޅުމަކީ މުސްތަޤުބަލަށްޓަކައިވެސް މުހިއްމު ކަމެއް ކަމަށާއި، މިއީ މަންމައެއްގެ ޙައިސިއްޔަތުން އަޅުއްވާ ފިޔަވަޅުތަކެއްކަމަށްވެސް ފާހަގަ ކުރައްވާފައިވެއެވެ.
އެއަށްފަހު ވަކީލު އައިޝަތު އާޒިމާ ޝަކޫރު ވަނީ ފިޔަވަޅުތައް ތަފްސީލުކޮށްދެއްވަން ފައްޓަވާފައެވެ. އެގޮތުން އާޒިމާ ވިދާޅުވީ، ރައީސްގެ ދަރިކަލުންނަށް ނުރައްކާތައް ކުރިމަތިވާ ޒާތުގެ ކަންކަންވެސް ފާއިތުވި ދުވަސްތަކުގައި ހިނގާފައިވާ ކަމަށެވެ. އެއީ ޖިނާއީ މައްސަލަތަކެއްކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
އެހެންނަމަވެސް ޖިނާއީ މައްސަލަތަކެއް ހުށަހަޅައިގެން ކުރިއަށް ނުގެންދަވަން ނިންމަވާފައިވާ ކަމަށާއި، މަދަނީ ފިޔަވަޅުތައް އަޅުއްވަން ނިންމަވާފައިވާކަމަށް އާޒިމާ ތަފްސީލުކޮށްދެއްވިއެވެ. އެގޮތުން ޖިނާއީ ދައުވާ ކުރުމާއި ޖިނާއީ މައްސަލަތައް ކުރިއަށް ދިއުމަކީ ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ކުރާ ކަންކަންކަމަށް އާޒިމާ ފާހަގަކުރެއްވިއެވެ.
އާއިލާގެ ފަރާތުން މަދަނީ މައްސަލަ ހުށަހަޅާނީ މަރިޔަމް ޒުބައިރު، ފައްޔާޒް އިސްމާއިލް އަދި އެމްޑީޕީގެ މައްޗަށްކަމަށްވެސް އާޒިމާ ވިދާޅުވިއެވެ. އަދި އެކަމުގެ ތަފްސީލުތައް މައްސަލަ ހުށަހެޅުއްވުމަށްފަހު ހާމަ ކުރައްވާނެކަމަށްވެސް އާޒިމާ ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ހަނގާ ކުރުމާއި ފުރައްސާރަކުރުން ކުރިއަށްދާ ކަމަށާއި، އެކަންކަން ދިރާސާ ކުރައްވާނެކަމަށް އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ، އެއްވެސް ޙާލެއްގައި ދަރިންނާއި އާއިލާއަށް އިހުތިރާމު ކުޑަކުރުމަކީ ރައީސް އަދި ރައީސްގެ އާއިލާގެ ފަރާތުންވެސް ތާއީދު ކުރާނެ އަދި ހިތްވަރުދޭނެ ކަމެއް ނޫން ކަމަށެވެ.
އާޒިމާ ވިދާޅުވީ، ރައީސްގެ ދަރިންގެ ފުރާނައާއި ހައްޓަށްވެސް ނުރައްކާވެދާނެ ޒާތުގެ ކަންކަން މިހާރުވެސް ހިނގަމުންދާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

