އިންޑިއާގެ މަޝްހޫރު ލޭބަލްއަކުން ބާއްވާ ބެޓަލް އޮފް ދަ ބޭންޑްސް މުބާރާތެއްގައި ރާއްޖޭގެ ބޭންޑެއް ބައިވެރިވެއްޖެއެވެ.
އިންޑިއާގެ އެންމެ ޒަމާންވީ މިއުޒިކް ލޭބަލް ސަރެގަމައިން ވަނީ މި އަހަރުގެ ތެެރޭގައި ބެޓަލް އޮފް ދަ ބޭންޑްސްގެ ނަމުގައި ބައިނަލްއަގުވާމީ އާޓިސްޓުންވެސް ހިމެނޭހެން މުބާރާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މިއީ އެ ގައުމުގައި ގިނަ ބަޔަކު ހިޔާރުކޮށްފައިވާ ޓީވީ ޗެނަލް ދޫރް ދަރްޝަން (ޑީޑީ އިންޑިއާ) އާއި ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކެކެވެ.
މީގެ ކުރިން ބޭއްވި މިފަދަ މުބާރާތަށް އެ ގައުމުގައި ބޮޑު ތާއީދެއް ލިބިފައިވުމާއިއެކު އެހެނިހެން ގައުމުތަކުގެ ބޭންޑުތައް ހިމަނައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މުބާރާތުގައި އަވަށްޓެރި ގިނަ ގައުމުތަކެއްވެސް ހިމެނޭއިރު އިނގިރޭސިވިލާތް ފަދަ ގައުމުތަކުގެ ބޭންޑުތައް ޕާފޯމްކުރާނެއެވެ.
މި މުބާރާތުގައި ރާއްޖެ ތަމްސީލު ކުރަނީ ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ ”ޓޫ އޮފް އަސް“ ބޭންޑުންނެވެ. ގިނަ އަދަދެއްގެ ބޭންޑުތަކުން ވާދަކުރާ މި މުބާރާތުގައި ޓޫ އޮފް އަސް އިން ބައިވެރިވެފައިވަނީ އަމިއްލައަށް ކުރިމަތިލައިގެން ނޫންކަން ފާހަގަކުރެވެއެވެ. ޓޫ އޮފް އަސްއަށް މި މުބާރާތަށް ކުއްލި ގޮތަކަށް ދައުވަތު ލިބުމާއިއެކު ތައްޔާރުވުމަށް ލިބިފައި ވަނީ މަދު ދުވަސްތަކެކެވެ.
މިހާރު ބޭންޑު ރާއްޖެއިން އިންޑިއާއަށް ފުރާފައިވާއިރު މިއުޒިކް ދާއިރާއިން ފުންނާބު އުސް ހުނަރުވެރި ލައިނަޕެއް އެކުލަވާލާފައިވެއެވެ. އެގޮތުން މަގުބޫލު ގިޓަރިސްޓު އަހުމަދު ޝަހީދު އަދި ޑްރަމަރެއްގެ ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގެ މަތިން ފަންނާއި ދުރަށް ނުޖެހި ހަރަކާތްތެރިވަމުން އަންނަ އަބްދުﷲ ޝަމްރޫހު ހިމެނޭއިރު ބޭސިސްޓެއްގެ ގޮތުގައި މި ދާއިރާއަށް ފަންނާނުން ނެރުމުގައިވެސް ހަރަކާތްތެރިވެފައިވާ އަހުމަދު ޖަޝީމް އަދި ލީޑް ވޯކަލްސްގެ ގޮތުގައި އިތުރު ތައާރަފެއް ބޭނުން ނުވާނެ މަގުބޫލު ފަންނާނު އަދުހަމް ހިމެނޭއިރު ޓޫ އޮފް އަސްގެ ދެވަނަ ވޯކަލްސް އަދި އަރަމުން އަންނަ ތަރި އަހުމަދު ނަސޫހު ބިން ނަސްރުއްދީން ވެސް ވަނީ ހަރަކާތުގައި ބައިވެރިވުމަށް ފުރާފައެވެ.
ޓޫއޮފް އަސްއިން މައުލޫމާތު ދިންގޮތުން 35 ބޭންޑުގެ ތެރެއިން މި މުބާރާތުގެ ފައިނަލް ޝޯއަށް ޝޯޓްލިސްޓުވެފައިވަނީ ޖުމުލަ 13 ބޭންޑެއްކަމަށެވެ. މި މުބާރާތުގައި ކުޅޭނީ ހިންދީ ލަވަތައްކަމަށް ބުނެފައިވާއިރު މަގުބޫލު ކުރީގެ ލަވަތަކުން ފެށިގެން އެންމެ ފަހުގެ ލަވަތައްވެސް އިވިގެންދާނެކަމަށާއި ނަމަވެސް ލަވަތަކުގައި ޓޫއޮފް އަސްގެ ޓަޗެއް ހިމެނޭނެކަމަށް ފާހަގަކޮށްފައިވެއެވެ.
ބޭންޑުގެ ފަރާތުން ވާހަކަދެއްކެވި ވޯކަލިސްޓު އަދުހަމް ހިއްސާކުރިގޮތުން މިފަހުން ދިވެހިންނަށްވެސް ބައިނަލްއަގުވާމީ މައިދާނުން ގިނަ ފުރުސަތުތަކެއް ހުޅުވެމުން އަންނަކަމަށެވެ. އެގޮތުން މިހާރު އަދުހަމް އިންޑިއާގެ ލޭބަލްއަކާއިއެކު ފަސް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން މަސައްކަތްކުރަމުން އަންނައިރު ބޭންޑަށްވެސް ފުރުސަތެއް ލިބިފައިވާކަމަށް އަލިއެޅުވިއެވެ. އެހެންކަމުން މިފަދަ ފުރުސަތުތައް ހޯދުމަށް ރާއްޖޭގެ މި ދާއިރާގައި މަސައްކަތްކުރާ އެންމެވެސް ގަދައަޅާ މަސައްކަތްކުރަންވީކަމަށާއި މިއުޒިޝަނުންގެ ގޮތުގައި ސޯޝަލްމީޑިއާގައިވެސް ރަނގަޅު މަސައްކަތްތަކެއް ކުރުމަށް އިލްތިމާސްކުރިއެވެ.


One Response
އަހުމަދު ނަސޫހް ބިން ނަސްރުއްދީން އެއް ނޫން. މުހައްމަދު ނަސޫހް ބިން ނަސްރުއްދީން ކިޔަނީ. ރަނގަޅު ކޮށްލާ ގައިސް